އަންނަ މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބާއި ބެހޭ މައުލޫމާތު ރާއްޖޭގައި ތިއްބަވާ ގައުމުތަކުގެ ސަފީރުންނާއި ހިއްސާކޮށްފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވަނީ ހަތް ގައުމެއްގެ ސަފީރުންނާއި ބައްދަލު ކުރައްވާފައެވެ. އޭގެ ތެރޭގައި އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާ އާއި ޗައިނާގެ ސަފީރު ޒަންގް ލިޒޯންގް ހިމެނިވަޑައިގަންނަވައެވެ.

އެ ބައްދަލުކުރެއްވުމުގައި ވޯޓާސް ރަޖިސްޓްރީ އާއި ކެމްޕެއިން ކުރުމުގެ ފުރުސަތުތަކުގެ އިތުރުން އިންތިހާބާއި ގުޅޭ އާއްމު މައުލޫމާތުތައް ސަފީރުންނާއި ހިއްސާކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

އިންތިހާބު ބާއްވާ ދުވަސް ގާތްވަމުން އަންނައިރު އިދިކޮޅު ފަރާތްތަކުން އަންނަނީ އިންތިހާބުގެ މިނިވަންކަމާ މެދު ގިނަ ސުވާލުތަކެއް އުފައްދަމުންނެވެ. އެގޮތުން ވޯޓާސް ލިސްޓުގައި ވެސް މައްސަލަތަކެއް އުޅޭ ކަމަށާއި އަދި ރީ ރަޖިސްޓްރީ ކުރަން ހުށަހެޅި ފޯމުތައް ވެސް ވެރިކަން ކުރާ ޕާޓީ ކަމަށްވާ ޕީޕީއެމްއާ އިލެކްޝަންސް ކޮމިޝަނުން ހިއްސާކޮށްފައިވާ ކަމަށް އެ ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

ނަމަވެސް މި ތުހުމަތުތައް އިލެކްޝަންސް ކޮމިޝަނުން ވަނީ ދޮގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު