(ލ.ގަން) ވޯޓް ލާން ފަށާތާ ހަތަރު ގަޑިއިރު ތެރޭގައި ރައީސް އަބްދުﷲ ޔާމީން އިންތިޚާބު ކާމިޔާބު ކުރެއްވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިޢުލާން ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކް ވިދާޅުވެއްޖެއެވެެ.

ލ.ގަމު ތުނޑީ އަވަށުގެ ޕީޕީއެމްގެ ސަޕޯޓަރުންނާއި ރައީސް ޔާމީންގެ އިންތިޚާބީ ބައިވެރިޔާ ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައްދަލު ކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށާއި އެކަން ފުރަތަމަ އިޢުލާން ކުރައްވާނީ އިސްތިޢުފާ ދެއްވި ކުރީގެ ރައީސް ނަޝީދު ކަމަށެވެ. މޫސަ ވިދާޅުވީ ބޮޑުތަނުން ރައީސް ޔާމީން އިދިކޮޅު ފަރާތްތައް ބަލިކޮށް އިންތިޚާބު ކާމިޔާބު ކުރެއްވުމުން ވޯޓް އޮޅުވާލިއޭ ބުނުމުގެ ކުރީގައި ރައީސް ނަޝީދު ބޭރުގެ ފަރާތްތަކުގެ ކައިރީގައި އިންތިޚާބު ބަލިވެއްޖެކަން ހާމަކުރައްވާނެ ކަމަށެވެ.

"ވޯޓްލާން ފަށާތާ ބަރާބަރު ހަތަރު ގަޑިއިރު ތެރޭގައި ރައީސް ނަޝީދު އިޢުލާން ކުރާނެ ރައީސް ޔާމީން މޮޅުވެއްޖެ ކަމަށް. އަޅުގަނޑުމެން ޔަޤީން ކަމާއެކު މިދަންނަވަނީ." މޫސަ ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން މޫސަ ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓް އިބްރާޙިމް މުޙައްމަދު ޞާލިޙް ބަލި ކުރައްވަން އެންމެ ބޭނުންފުޅުވަނީ ރައީސް ނަޝީދު ކަމަށާއި ނަޝީދުގެ ޢަމަލުފުޅުން އެކަން ވަރަށް ރަނގަޅަށް އެނގިލައްވާ ކަމަށެވެ.

"އިބޫ ބަލި ކުރައްވަން އެންމެ ބޮޑަށް ބޭނުންވަނީ އޭނަ. އަޅުގަނޑަކަށް ނޫންތޯ އެކަން އެންމެ ބޮޑަށް އެނގޭނީ" ރީކޯ ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ، ސިޔާސީ މީހެއްވެސް ނޫން ކަމަށާއި އަދި އިންސާނިއްޔަތު ކަމެއްވެސް ހުރި މީހެއް ނޫން ކަމަށް ވިދާޅުވަމުން މޫސަ ވިދާޅުވީ 2014 ވަނަ އަހަރުގައި މޫސަ ވެރިކަމަށް ކުރިމަތި ލައްވާނެ ކަމަށް ވިދާޅުވުމުން މޫސަގެސިޔާސީ ޙަޔާތް ނިންމާލަން ނަޝީދު މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް އެމްޑީޕީއަކަށް ވެސް އަދި ރައީސް ނަޝީދަށް ވެސް އޭނާގެ ސިޔާސީ ޙަޔާތް ކައްޗެއް ނުލެވުނު ކަމަށް މޫސަ ވިދާޅުވިއެވެ.

ބަޑި ބޭހާ ކުޅެފިނަމަ އަތަށް ގޮވައިފާނެ ކަމަށް އޮންނަ ރައިވަރު ވިދާޅުވަމުން، އެމްޑީޕީއިން މޫސަ ބޭރު ކުރެއްވުމަކީ ނަޝީދަށް ލިބުނު "ދެވަނަ ބޮނޑި" ކަމަށް މޫސަ ވަނީ ސިފަކުރައްވާފައެވެ. މޫސަ މިހެން ވިދާޅުވެފައިވާއިރު، ޕީޕީއެމް އާއި ގުޅި ވަޑައިގަތުމަށްފަހު މޫސަ ފާހަގަވެގެން ގޮސްފައިވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ރައީސް ޔާމީންއަށް ދެވަނަ ދައުރެއް ހޯއްދަވާ ދެއްވުމަށް ގިނަ މަސައްކަތް ތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ.

މީގެ އިތުރުން މޫސަގެ ވާހަކަފުޅުގައި ވިދާޅުވީ އިންޑިޔާގެ ސަރުކާރުން ރާއްޖެއަށް ދެރަ ގޮތެއް ނަހަދާނެ ކަމަށާއި "ހިންދޫ ތިކި" ޖަގައިހެން އަދި މީހަކު އަރާ ރާއްޖެ ހިފާށޭ ބުންޏަސް، "ގަހަކުން ފަތްތަޅާލާހެން" ރާއްޖެހިފަން ބަޔަކު ނާންނާނެ ކަމަށެވެ. އަދި އިންތިޚާބެއް ބާއްވާ ކޮންމެ ފަހަރަކު ބޭރު ޤައުމުތަކުން ރާއްޖެ ޙިޞާރު ކުރަން ޖެހޭތޯ ސުވާލު ކުރައްވާ މޫސަ ވިދާޅުވީ، އިންޑިޔާގައި ކޮންމެ ދުވަހަކު އެތައް ކުޑަކުދިނެއް ރޭޕް ކުރަމުން އަންނަ ކަމަށާއި އެކަން ހުއްޓުވުމަށް އިންސާނިއްޔަތު ކަމެއް ހުރި ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމަށެވެ.

ލ.އަތޮޅުގެ ރައްޔިތުން މަޖިލީހުގެ މެންބަރުކަން ވެސް ކުރިން ކުރައްވާފައިވާ މޫސަ ގެންދަވަނީ ލ.އަތޮޅުގައި ރައީސް ޔާމީންގެ ކެމްޕޭން ކުރިއަށް ގެންދެވުމަށް ވަރަށް އިސްކޮށް ހަރަކާތްތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ނަފީސް

    ތިޔަށްވުރެވެސް އަވަސްވާނެ އަިން ޝާ އަﷲ! އިނދަޖައްސާލާފައޮތް ދިވެހި ޤަވްމު އަލުން ތެދުވެ ހިންދަމާލާފައި މިވަނީ ރައީސްޔާމީނާއި ޓީމުގެ ބުރަ މަސައްކަތުންނެވެ. ދިވެހި ޤަވްމު އަލުން އިނދަޖެހިގެންދާކަށް ޤަވްމީލޯބިހުރި ރައްޔިތަކު ނޭދޭނެއެވެ.

  2. ހަމަ ހަލާކު

    ވޯޓު ލާން ހަތަރުގަޑިއެއްހައި ތެރޭގައި ބައެއް މީހުން ފިލަންދާނެ ބޭރު ޤައުމުތަކަށް

  3. ހަޖަމް

    ކޮބާތޯ އެމް ޑީ ޕީ ތިންއަހަރުގަ ވެރިކަމުގަ ހިންގި ކޮރަޕުސަންގެ ކަންތައް ބެލޭނެބާ

  4. ގަމު މީހާ

    4 ގަޑީއިރު ތެރޭ ވޯޓް ނަތީޖާ އިނގެނީބާ؟؟؟

  5. ޒީނާ

    ވޯޓުލާ ނިމޭއިރު، ބަލިވާމީހާ އެގޭނެ،

  6. ބަލަގަ

    ބަލަގަ ނަޝީދު މިފަހަރު އިންތިހާބުގަ ބައިވެރިއެއްނުވެޔޭ. ރީކޯ އަށް ނޭންގޭތަ؟ ކަލޯ ހާދަ ފަހަތުގަ ތިއުޅެނީ.

  7. މަރީ

    މިފަހަރު ވޯޓުލާން ހަމޖެހިފައޮތީ 4 ގަޑިރުތާ،

  8. ތިނު

    ކަލޯ މައިތިރިވެގެން ހުރިނަމަ މިހަފަހަރު ރައީސްކަން ލިބުނީސް ؟ މިހާރުތިއުޅެނީ ވައިވެގެން

  9. ނައްލަބެ

    ޔަގީން އެދުވަހު އެމްޑިޕީ މީހުން ރޯނެ ބުރަމަސައްކަތުން ޖެއްސި މުޒާހަރާތަށް މަތިން ހަނދާންވެ އާވާރާވެގެން ކޮޅުކޮޅު މައްޗައްދުވެ ނަގާނެ.

  10. ހުސެއިން

    ބަލަ ނަޝީދުތޯ ކުރިމަތި ލައިގެން އުޅެނީ

  11. Anonymous

    ޢެމޑީޕީގައިހުރިނަމަ މޫސަގެ ފަހަރު މިއީ

  12. ާައަލީ

    ނަސީދުތަކުރިމަތިލަނީ

  13. ނީސް

    މޫސަ ދައްކާނީ އަބަދުވެސް ކުޑަކުދިން ދައްކާކަހަލަ ވާހަކަ ޤައުމަށް އެއްވެސް ކަހަލަ ފައިދާއެއް ހުރި ވާހަކައެއް ނުދައްކާނެ. މަޖިލިސްގެ ނައިބު ރައީީސޯ ލަދުން ބޯހަލާކު ވާވަރުވޭ.

  14. ފަސް

    ރީކޯ ނުކިއަވާހުރީމަ އޭނައަށް ހީވަނީ މިފަހަރުވެސް ރިޔާސީ ކެންޑިޑޭޓަކީ ނަޝީދުހެން، ރީކޯކިއެވި މަދަރުސާއެއް މަކްތަބެއް އެދުރުގެއެއް އުޑުދަށުގަ ނެއްކަމަށްވަނީ

  15. މީހެއް

    ތިހުރީ ހަމަހޭގަތޯ ނުނީ ލިބުނުވަރު ގިނައީތޯ

  16. އަލީ

    އިންޝާﷲ. ﷲގެ އިރާދަފުޅާއިއެކު ބޮޑު ތަފާތަކުން މިފަހަރުގެ އިންތިހާބު ކާމިޔާބު ކުރާނީ ރައީސް ޔާމީން.