ޖަލުގެ ގޮޅިތަކުގައި ތާށިވެފައި ތިބުމަށް ވުރެ ޒުވާނުން ފުޓްސެލް ކުޅުން މާ ރަނގަޅު ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް އެގޮތަށް ވިދާޅުވީ، އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ޒުވާނުންތަކެއް ޕީޕީއެމްއާ ގުޅުމަށް ޕީޕީއެމްގެ ކެމްޕެއިން އޮފީސް ހިންގާ ކުރީގެ ވެސްޓް ޕާކުގައި އޮތް ހަފްލާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ހާއްސަކޮށް ޒުވާނުން ވަރަށް ސްކިލްފުލް ބަޔަކަށް ހެދުމަށް. ފުޓްސެލް ކުޅުންތެރިން ނެރޭ ކަމަށްވަންޏާ އަޅުގަނޑަށް މައްސަލަައެ އްނެތް ހުރިހާ ޒުވާނުން ފުޓްސަލް ކުޅުނަސް. މީގައި ގަބޫލުކުރަންޖެހޭނީ ޒުވާނުން މާ ފުޓްސެލް ކުޅެން ރަނގަޅޭ ގޮޅިތަކުގެ ބިއްދޮށުގައި ތާށިވެގެން ތިބުމަށް ވުރެއް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ޒުވާނުން ފުޓްސަލް އާއި ފުޓްބޯޅައިން ހުނަރުދައްކާ ސަރަހައްދީ އެކިއެކި މުބާރާތްތަކުން ތަށި އުފުލާ ލައިގެން ނޫނީ ގޯލްޑްމެޑަލް އަޅުވައިގެން އަންނަ މަންޒަރު އެއީ އެމަނިކުފާނު ދެކެންބޭނުންވާ ދުވަހެއް ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕުން ވެސް ދެކެން ބޭނުންވަނީ ރަންމެޑަލް ހޯދައިގެން ގައުމީ ޓީމު އަންނަ މަންޒަރު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ދިވެހި ޒުވާނުންނަށް ކުޅިވަރުގެ އިންފުރާސްޓްރަކްޗާ ތަރައްގީ ކުރުމަށް އެމަނިކުފާނުގެ ޒައާމަތުގައި ބޮޑެތި މަސައްކަތްތަކެއް ފަށާފަވާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ކުޅިވަރު ވަސީލަތްތަށް ހާޢްސަކޮށް ފުޓްސަލް ދަނޑުތައް އެޅުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރުވެސް މިކުރާ މަސައްކަތަކީ އަޅުގަނޑުމެންނާއި ހަމައަށް މިހާރުވެސް އަންނަ ޝަކުވާ ހައްލުކުރުމަށް ކުރެވޭ މަސައްކަތް. މި ކުރު މުއްދަތުގެ ތެރޭގައި އެތަށް ބައިވަރު ފުޓްސަލް ދަނޑުތަކެއް އެޅުމުގެ މަސައްކަތް، ކުރެވިއްޖެ. މިކަމުގަވެސް އަޅުގަނޑުމެންނަށް އެންމެ އެހީތެރިކަމެއް ދެއްވީ ޗައިނާ ސަރުކާރުން. އެކަމަށް ބޭނުންވާ މެޓީރިއަލްތަށް ވަނީ ފޯރުކޮށްދީފައި" ރައީސް ވިދާޅުވިއެވެ.

އަދި ރަށްރަށުގެ ޒުވާނުންނާ ގުޅިގެން އެދަނޑުތައް ނިންމުމަށް މަސައްކަތްތަށް ކުރަމުންދާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން ހިންގާ ސްފޯޓްސް އެރީނާގެ މަޝްރޫގެ ދަށުން މިހާތަނަށްް 86 ފުޓްސެލް ދަނޑު ނިމިފައިވާއިރުު އިތުރު 96 ފުޓްސެލް ދަނޑު ނިންމުމުގެ މަސައްކަތްް ދަނީ ކުރަމުންނެވެ.

އަދި ހުއްޓިފައި ހުރި ދަނޑުތަކުގެ މަސައްކަތާާާއި ހައުސިންގް މިނިސްޓްރީ އާއި ގުޅިގެން 20 ދަނޑެއް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އެފްއޭއެމް އާއި ގުޅިގެންވެސް ގިނަ ދަނޑުތަކެއް އެޅުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ.

ދަނޑުތައް އެޅުމުގައި ދަތިތައް ހުރި ނަމަވެސް އިއުލާންކޮށްގެން ކުރިއަށް ގެންދިޔަ އިތުރު 27 ފުޓްސަލް ދަނޑުގެ މަސައްކަތް ނިމެން ކައިރިވެފައިވާ ކަމަށް ޔޫތް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.