އިދިކޮޅު ސަރުކާރެއްގައި އެންމެ ފުރަތަމަ ކުރާ މަސައްކަތުގެ ތެރޭގައި ފޯކައިދޫ ބަނދަރުގެ މައްސަލަ ހައްލުކޮށްދޭނެ ކަމަށް އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ށ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ފޯކައިދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ފައިސަލް ވިދާޅުވީ ފޯކައިދޫ ނަރުދަމާ ފަދަ އަސާސީ އެތައް ކަމެއް ބަޖެޓު ފޮތުގައި ޖަހާތާ އެތައް އަހަރެއް ވެފައިވާ ކަަމަށާއި އިއްތިހާދުގެ ސަރުކާރެއްގައި ބަޖެޓުގައި ޖަހާ ކަންކަން ކުރާނެ ކަަމަށެވެ.

ފައިސަލް ވިދާޅުވީ ސަރުކާރެއް އަންނަނީ ރައްޔިތުންނަށް އޮޅުވާލައި އަނިޔާވެރިވާން ނޫން ކަމަށާއި ރައްޔިތުން ބަދަލަކަށް ބޭނުންވަނީ މިފަދަ އެތައް ސަބަބަކާ ހުރެ ކަމަށެވެ.

ފައިސަލް ނަސީމް ފޯކައިދޫ އަށް ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަނީ - ފޮޓޯ: ޓްވިޓާ

" އިއްތިހާދުގެ ވެރިކަމެއްގައި ބްރިޖު އަޅާނީ ރައްޔިތުންގެ ހިތްތަކަށް. ބްރިޖު އަޅާނީ ރަށްތަަކުގެ ތަރައްގީއަށް. ރައްޔިތުން ބޭނުންވާ ކަންކަން ބަލައި އެކަންކަން ފުއްދައިދޭނެ " ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ގައުމަށް އެތައް ޚިދުމަތެއް ކުރައްވާފައިވާ އެތައް ބޭފުޅަކު ނުހައްގުން ޖަލަށްލައި އަނިޔާ ދެމުންދާ ކަމަށާއި ގައުމު އިނދަޖެހުމުގެ ހަގީގީ މައްސަލައަކީ ކޮރަޕްޝަނާއި ފަސާދަ އިންތިހާ ދަރަޖައަށް ދިއުން ކަމަށެވެ.

" ސެޕްޓެމްބަރު 23 ގައި ނުކުމެ ބަދަލުގެންނަންޖެހޭ. އެއީ ދީނާއި ގައުމަށްޓަކައި ރައްޔިތުން ކުރަންޖެހޭ ކަމެއް. އަޅުގަނޑުމެންގެ ކެންޑިޑޭޓަކީ ފަސްބައިގައި ކިލަނބުކަމެއް ނެތް ބޭފުޅެއް. ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ގޮތަކީ އެއީ" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ނަސީމް ފޯކައިދޫ އަށް ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަނީ - ފޮޓޯ: ޓްވިޓާ

ފައިސަލް ވިދާޅުވީ ރައްޔިތުންނަށް މިއަދު ލިބޭ އެންމެ ބޮޑު އުފަލަކީ ފަސްބައިގައި ކިލަނބުކަމެއް ނެތް ބޭފުޅަކު ވެރިކަމަށް ކުރިމަތިލައްވާކަން ކަމަށާއި އިބްރާހީމް މުހައްމަދު ސޯލިހަށް އާނބަސް ބުނަން އެދިވަޑައިގަންނަވާ ކަަމަށެވެ.

މިލިބޭ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހޭ ކަމަށާއި ދޫކޮށްލައިފިނަމަ ޅަދަރިންގެ މުސްތަގުބަލް ގެއްލޭނެ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ބޯހިޔާވަހިކަމަށް ވަރަށް ބޮޑަށް އިސްކަންދޭނެ ކަމަށާއި އެބޭފުޅުން ވާނީ ފުން ކަނޑުން ފްލެޓް ވިއްކުމުގެ ވައުދު ނޫން ކަމަށެވެ. ފްލެޓް އަޅަން ޖެހެނީ ވަކި ރަށެއްގައި ނޫން ކަމަށާއި ހުރިހާ ރަށަކުން ބޯހިޔާވަހިކަން ލުއިގޮތެއްގައި ލިބޭނެގޮތް ފަހިކޮށްދޭނެ ކަަމަށެވެ.

ފައިސަލް ނަސީމް ފޯކައިދޫ އަށް ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަނީ - ފޮޓޯ: ޓްވިޓާ

"ފައިސާ ހެޔޮގޮތުގައި ބޭނުންކޮށް، އިސްރާފުނުކޮށް، ދިވެހި ގައުމުގެ ތަރައްގީއަށް ބޭނުންކުރުމަށް. މިއީ ހަމައެކަނި ރައްޔިތުން އެދެމުންދާ ކަމަކީ. މިވަރުވެސް ނުވީމަ މިސަރުކާރަށް ނޫނެކޭ ބުނެފައި ސެޕްޓެމްބަރު 23 ގައި ބަދަލުކުރަންޖެހޭ ސަބަބަކީ" ފައިސަލް ވިދާޅުވިއެވެ

ފައިސަލް ނަސީމް ށ.އަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި މިއަދު ފަސް ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މިއަދުގެ މިހާތަަނަށް އެމަނިކުފާނު ވަޑައިގެންފައިވަނީ ނަރުދޫއާއި ފީވަކާއި ފޯކައިދޫއަށެވެ. މިރަށްތަކުން ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަފްލާ

    ކެނޕެއިން ކުރާއިރު އަންހެނކުދިންގެ އަތުގަ ކލޯ ހިފަނީ ވޯޓް ހޯދަނތ

  2. ހުސޭނުބޭ

    އުނ...... އެ ޙައްލުވީ...... އެހައި ފަސޭހަ. ރަށްރަށަށް އެ އަރަނީ އަލާދީނު ވޮއްގަނޑު ހިފައިގެން.