މ.ނާލާފުށީގެ ބްރޭކްވޯޓަރގެ (ބޭރު ތޮށީގެ) މަސައްކަތް އަދި ވ.ކެޔޮދޫ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ރައްޔިތުންގެ އިތުބާރު ލިބިފައިވާ ސަރުކާރުގެ ކޮންސްޓްރަކްޝަން ކުންފުނި، އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.

މިއަދު މެންދުރު މިނިސްޓްރީ އޮފް ހައުސިންގެ އެންޑް އިންފްރާސްޓަރކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުނަތަކުގައި މިނިސްޓްރީގެ ފަރާތުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލްފާޟިލް މުޙައްމަދު އިބްރާހީމް ސޮއި ކުރެއްވިއިރު، އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ (ސީއޯއޯ) އަޙްމަދު ކުރިކް ރިޒާއެވެ.

ނާލާފުށީގެ ބަނދަރު ތިން މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވަނީ 12.4 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން 123 މީޓަރުގެ ކަނޑު ތޮށި ލެވިގެންދާއިރު، މިއީ 2015 ވަނަ އަހަރުގެ ތެރޭގައި އެރަށުގެ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ކޮށްދެއްވަން ވިދާޅުވެފައިވާ މަސައްކަތްޕުޅެކެވެ.

ވ.ކެޔޮދޫ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީއާ ހަވާލުކޮށްފައިވަނީ 20.3 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން އެރަށުގެ ބަނދަރުގެ އެއްގަމު ތޮށީގައި އިތުރު 65 މީޓަރުގެ ތޮށި ލުމަށް ހަމަޖެހިފައިވާއިރު، ޕޭވްމަންޓް އެޅުމަށްވެސް ހަމަޖެހިފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓްރީ އޮފް ހައުސިންގެ އެންޑް އިންފްރާސްޓްރަކްޗަރ ގެ ސްޓޭޓް މިނިސްޓަރު އަލްފާޟިލް މުޙައްމަދު އިބްރާހީމް ވިދާޅުވީ، އުއްމީދަކީ ކޮންޓްރެކްޓުގެ މުއްދަތުގެ ތެރޭގައި ރައްޔިތުންނަށް ލުއި ފަސޭހަ ވާނެ ގޮތަކަށް މަސައްކަތް ކޮށްދެއްވުން ކަމަށާއި، އެމްޓީސީސީން މި މަސައްކަތް ވަރަށް ރަނގަޅަށް ކުރިއަށް ގެންދަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށެވެ.

ކުރިއަށް އޮތް ހަފްތާ ތެރޭގައި ކެޔޮދޫ އަދި ނާލާފުއްޓަށްވެސް މަސައްކަތަށް ބޭނުންވާ ސާމާނު ގެންދިއުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް އެމްޓީސީސީގެ ސީއޯއޯ އަޙްމަދު ކުރިކް ރިޒާ މި ރަސްމިއްޔާތުގައި ވިދާޅުވިއެވެ.

މ.ނާލާފުއްޓާއި، ވ.ކެޔޮދޫގެ ލަފާ ފުރުމުގެ ދަތިކަން ހައްލު ކޮށްދެއްވުމުގެ އެއްބަސްވުންތަކުގައި ހައުސިންގ މިނިސްޓްރީ އާއި ކޮންޓްރެކްޓަރުންނާއެކު ސޮއި ކުރެވުނުއިރު، ވ.ފުލިދޫގެ ޖެޓީ ތަރައްޤީ ކުރުމުގެ މަސައްކަތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމުމަށް އިނާ ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފައިވަނީވެސް މިއަދުއެވެ.