ތަމްރީނު ޕްރޮގްރާމެއްގައި މެލޭޝިޔާއަށް ފުރުމަށް ހަމަޖެހިފައިވާ ފުލުހުންނާ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ބައްދަލު ކުރައްވައިފިއެވެ.

އިއްޔެ ހަވީރު އިސްކަންދަރު ބިލްޑިންގ ކޮންފަރެންސް ރޫމްގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި، ބައިވެރިންނާ މުޚާތަބުކުރައްވައި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ދެއްކެވި ވާހަކަފުޅުގައި، ފުލުހުންނަށް ލިބުނު މި ތަމްރީނު ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، މިހާރަށްވުރެ ޚިދުމަތް ތަރައްޤީކުރުމަށް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މެލޭޝިޔާގެ ރޯޔަލް ޕޮލިސްގެ ފަރާތުން ފުލުހުންނަށް ލިބުނު މިފުރުޞަތަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކަސްޓޯޑިއަލް ޚިދުމަތްތައް މިހާރަށްވުރެ ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ކަސްޓޯޑިއަލް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ މުވައްޒަފުންނަށް، ކަމާގުޅުންހުރި މަޢުލޫމާތު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލިބުނު ފުރުޞަތެއް ކަމަށް ފުލުހުން ހާމަކުރެއެވެ.

ކުއަލަލަންޕޫރ ޕޮލިސްގެ މަރުކަޒީ ޑިޓެންޝަން ސެންޓަރާއި ކުޑަކުދިންނާއި އަދި އަންހެނުންގެ ޖަލުތަކަށް، މިތަޖުރިބާ ދަތުރުގައި ބައިވެރިން ޒިޔާރަތްކުރާނެ ކަމަށާއި މެލޭޝިޔާގެ ފުލުހުންނާއި ދިވެހި ފުލުހުން ގުޅިގެން، ކުރިއަށްއޮތްތާގައިވެސް މިފަދަ ތަޖުރިބާ ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

މާރޗް 5ން 9ށް ކުރިއަށްދާ މި ޕްރޮގްރާމުގައި، ކަސްޓޯޑިއަލްގައި މަސައްކަތްކުރާ 10 ފުލުހުން ބައިވެރިވެއެވެ. މި ފުލުހުން މެލޭޝިޔާއަށް ފުރުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖިހާދު

    ގަދަ ތިޔަހެއް ކަންކުރަންވާނެ ރީދުލޭމެން ބަލިކުރަން އެބަޖެހޭދޯ

  2. ޙަސަން

    ސަޢޫދީ ސަރުކާރުން ނަޖީބް ރައްޒާޤަށް ދިނީ 700 މިލިއަން ޑޮލަރުގެ ލޯނެއްތޯ ނުވަތަ ހަދިޔާ އެއްތޯ ވެސް ތަޙްޤީޤް ކޮއްލަ ދެއްވައްޗޭ.