ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވެރިރަށް މާލޭގައި މާސިންގާ ކެމްޕެއިން ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަކަން އެ ޕާޓީން ހާމާކޮށްފިއެވެ.

ދާދި ދެންމެ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، ޕީޕީއެމްގެ ވަރަށް ޙާއްޞަ ކެމްޕޭން ޖަލްސާއެއް އަންނަ ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"7 ސެޕްޓެމްބަރ 2018 ވާ ހުކުރު ދުވަހުގެރޭ އަލިމަސް ކާނިވަލުގައި އަޅުގަނޑުމެންގެ ކެމްޕޭންގެ ވަރަށް ބޮޑު މާސިންގާ ޖަލްސާއެއް ﷲ އިރާދަކުރެއްވިއްޔާ ބޭއްވޭނެ، މި ޖަލްސާ އޮންނާނީ މިދެންނެވި ރޭގެ 08:30 އިން ފެށިގެން ކުރިއަށް ދާގޮތަށް" އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ 2018 ސެޕްޓެމްބަރ 7 ވަނަ ދުވަހުގެ ރެޔަކީ އެތައް ގޮތަކުން ހާއްޞަ ރެޔަކަށް ވެގެންދާނެ ކަމަށާއި، ދިވެހިރާއްޖޭގައި މިހާތަނަށް ތަރައްޤީކުރި އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ބްރިޖް ފެންނަ ހިސާބުގަ ތިބެގެން އަޅުގަނޑުމެންނަށް އެރޭ ކާނިވަލުގައި ޖަލްސާ ބޭއްވިގެން ދާކަމީ 2018 އަށް ރައީސް ޔާމީން ތައްޔާރުވެވަޑައިގެން ހުންނެވި މިނަވަރު ހާމަވެގެންދާ ކަމެއް ކަމަށެވެ.

"ސެޕްޓެމްބަރ 7 ވަނަ ދުވަހުގެ ރެޔަކީ ބޮޑު ރެޔަކަށް ވާނެ، އެތައް ގޮތަކުން ހާއްޞަ ވެގެންދާނެ، މެނިފެސްޓޯގެ މުހިންމު މައުލޫމާތުވެސް އަދި މުހިންމު ވައުދުތައްވެސް ރައީސް ހިއްސާ ކުރައްވާނެ" ނިހާން ވިދާޅުވިއެވެ.

ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

މި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ.އަބްދުﷲ ޚަލީލް ވިދާޅުވީ، އެރޭގެ ބޮޑު ޖަލްސާ ވެގެންދާނީ ޕީޕީއެމްގެ މުސްތަޝާރު ޤައުމަށް ވަރަށް ހާއްޞަ މެސެޖްތަކެއް ދެއްވާ ޖަލްސާއަކަށް ކަމަށާއި، މިހާރު ކުރައްވާ މަސައްކަތްޕުޅުތަކުގެ އައު މައުލޫމާތާއި ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އެމަނިކުފާނު އިންތިޚާބު ކޮށްދެއްވައިފިނަމަ ކޮށްދެއްވާނެ މަސައްކަތްޕުޅުތަކުގެ މައުލޫމާތު މުޅިން އައު ހަރުފަތަކަށް ލިބިގެންދާނެ ރެޔަކަށް ކަމަށެވެ.

ޚަލީލް ވިދާޅުވީ، މި ޖަލްސާއަށް ރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ދައުވަތު އަރުވާ ކަމަށާއި، ޙާއްޞަކޮށް އިދިކޮޅު ފަރާތްތަކަށް ދައުވަތު އަރުވާ ކަމަށެވެ.

"މި ޖަލްސާއަށް ރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް، މީގެ ތެރޭގައ ޕީޕީއެމްގެ މެންބަރުންނާއި، ޕީޕީއެމް އަށް ތާއީދު ކުރައްވާ މެންބަރުންނާއި، އަދި ވަކިން ހާއްޞަ ގޮތެއްގައި އދިކޮޅުގައި މިތިއްބެވި ހުރިހާ ބޭފުޅުންވެސް ވަޑައިގެން ރައީސް ޔާމީންގެ ވާހަކަފުޅުތައް އަޑު އައްސަވައިލެއްވުމަށް ފުރުޞަތު އޮތް ވާހަކަ ދަންނަވާލަން." ޚަލީލް ވިދާޅުވިއެވެ.

މި ޙާއްޞަ ޖަލްސާއަށް ވަޑައިގެންނެވެން ނެތް ދިވެހި ރައްޔިތުން ޓީވީއިން މި ޖަލްސާ ބައްލަވާލައްވައި، ނުވަތަ ރޭޑިއޯއިން ރައީސް ޔާމީންގެ ވާހަކަފުޅު އަޑު އައްސަވާލެއްވުމަކީ ޤައުމުގެ މުސްތަޤްބަލަށް ރައީސް ޔާމީން ގެންގުޅުއްވާ ސިޔާސަތުތަކާއި، އެމަނިކުފާނުގެ ވިސްނުންފުޅުތައް ވަރަށް ރަނގަޅަށް އެނގި ހާމަވެގެންދާނެ ކަމަކަށް ކަމަށްވެސް ޚަލީލް ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ޕީޕީއެމްގެ ކެމްޕޭން ޖަލްސާއެއް މާލޭގައި ނުބޭއްވި ލަސްވެގެން ދިޔައީ މާލޭގެ ބޮޑުތަކުރުފާނުމަގުގެ މަސައްކަތް ނުނިމޭތީ ކަމަށާއި، އެހެންނަމަވެސް ކުރިއާލާ ޖަލްސާގެ ދައުވަތު ދެއްވީ މި ޖަލްސާއަށް ތައްޔާރުވެވަޑައިގެން ޕީޕީއެމް ކުލައިގައި ވަޑައިގަންނަވަން ބޭނުންފުޅުވާ ސަޕޯޓަރުންނަށް އެ ފުރުޞަތު ދެއްވުމުގެ ގޮތުން ކަމަށެވެ.

ވެރިކަންކުރާ ޕީޕީއެމް ފާހަގަވެގެންދަނީ މާލޭގައި ބާއްވާ އެ ޕާޓީގެ ޖަލްސާތަކުގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވާ ކެމްޕޭން ޖަލްސާތައް ފުރިހަމައަށް ގެންދާ ޕާޓީއެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަފޫ

    އިންޝާﷲ. ﷲގެ އިރާދަފުޅާއިއެކު ބޮޑު ތަފާތަކުން މިފަހަރުގެ އިންތިހާބު ކާމިޔާބު ކުރާނީ ރައީސް ޔާމީން.

  2. ކްރޯޑް

    މާސިންގާ ވެގެން ހާޒިރުވާނީ ކިތައްމީހުންބާ!

    • އަލީ އަޙުމަދު

      ކަލޭ ނަޔަސް އޯކޭ .... ކުރިންވެސް ކަލެއާއި ނުލާ އިންތިހާބު ކާމިޔާބު ކުރީ

  3. ކެރޭ އަބްދުﷲ

    މިފަހަރު އެމް.ޑީ.ޕީ އަށް ބޮޑުފަޅި ދައްކާނަން. އިންޝާﷲ. މިފަހަރު ވެސް ރައީސް ޔާމީން.