މިވާހަކަ ދެއްކުމުން ކުއްވެރިވާނީ ދެއްކި ބައެއް ކަންނޭނގެއެވެ. ނުވަތަ އެކަން ލިޔެ ހާމަކުރާ މީހާގެ ގަލަމުގެ ދެލި އުފެއްދި ކުންފުނި ނޫންކަމެއްވެސް ނޭނގެއެވެ. އެހެން ނަމަވެސް ފެންނާން އޮތް ހަޤީޤަތަކީ މިއީކަމުން ނުދައްކައިވާކަށް ނެތެވެ. އެއީ އިސްލާމީ އަޤީދާ ޙިމާޔަތްކޮށް ދިވެހި އިސްލާމީ އުންމަތް ދެމެހެއްޓާނެ ކަމަށް ހުވާކޮށް، އެ މަސައްކަތުގައި ދެމިތިބޭނެ ކަމަށް ބުނެ އެންމެ ހަރު އަޑުން ވައުދުވަންދާ މީހުންގެ ހާލަތަށް ވީތީއެވެ.

ޝަހާދަތުގެ ދެކަލިމަ ހިތުން ތެދުކޮށް ޤަބޫލުކުރުމަށްފަހު، ދީނުގެ އެންމެ އިސް ރުކުނަކަށް ވަނީ ނަމާދެވެ. އެ ނަމާދު އަޅައިފި މީހާ ދީނުން ބޭރުވެއްޖެކަމީ ހަޤީޤަތެވެ. އެހާލަތަށް ގޮސްދާނެކަމަށް ބިރުވެތިވެ ނަމާދަށް ރައްކާތެރިވާން ޖެހެނީ މިހެންވެގެންނެވެ. ދިވެހިންގެ ތެރޭގައި ނަމާދުގެ ވަގުތުތަކަށް ރައްކާތެރިވެ ބަންގީގެ އަޑަށް ހަމަހިމޭންވެ ކުރާންތިބޭ ހުރިހައި މަސައްކަތެއް ދޫކޮށްލައި އެކަމަށް ފަރުވާބެހެއްޓި ޒަމާން މާޒީވެއްޖެއޭ ބުނެވޭ ހިސާބަކީ، ޖަމާޢަތްތައް ހަދައިގެން ސިޔާސީ ފިކުރެއްގެ ތެރެއަށް ގެއްލިގޮސް ތިބި ބަޔަކަށް ދީނު ހިމާޔަތަށް ކަމަށް ބުނެ ނިކުމެތިބި ބަޔަކު، ދީނަށް ހަޖޫޖަހާ ހިސާބުންނެވެ.

މިއަދު އެމަންޒަރު އިދިކޮޅު ސިޔާސީ ފަރާތްތަކުން ވަނީ ސާފުކޮށް ދިވެހިންނަށް ދައްކުވައިދީފައެވެ. ސިޔާސީ ޖަލްސާތަކާއި އެކި ހަރަކާތްތަކުގެ ތެރެއިންވެސް ނަމާދު ވަގުތަށް އެކަންކަން ހުއްޓާލުމަކީ ކުރީގެ އާދައެއް ނަމަވެސް، މިއަދު އިދިކޮޅުން މިވަނީ ޤައުމާއި ޤައުމުން ބޭރުގައި "ސިޔާސީވެ އަވަދިވެފައި" ތިބި ބަޔަކު ގޮވައިގެން ނަމާދު ވަގުތާއި ދިމާކޮށް، ދުރާލައި ރާވައިގެން ވަރުގަދަ ކެމްޕެއިން ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ.

އެގޮތުން މިއަދު ހަވީރު 5:00 އިން މިރޭ 8:00 އާއި ހަމައަށްލަންކާގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ސޯލިކު (އިބޫ) އާއި އެމްޑީޕީގެ ރޫނާހީ ލީޑަރު އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އިސްވެ ތިއްބަވައިގެން ދަނީ "ބޮޑު ޖަލްސާ"އެއް ލަންކާގައި ބާއްވަމުންނެވެ. ހަމަ އެއާއިއެކު މިވަގުތުގައި އިދިކޮޅު އިންތިޚާބީ ބައިވެރިޔާ ފައިސަލް ނަސީމްވެސް ށ. އަތޮޅު ކޮމަންޑޫގައި ކެމްޕެއިން ހަރަކާތްތަކުގައި ފޯރިއާއިއެކު އުޅުއްވާއިރު، އަސުރެއް، މަޣުރިބެއް އަދި އިޝާއެއް ނެތި މިއަދު އިދިކޮޅު ފިކުރަށް ތަބާވާ އަދާލަތު ޕާޓީ (އޭޕީ) އިންވެސް ދަނީ ބައިވެރިވަމުންނެވެ.

މިއަދު މި ފެނިގެންދިޔަ މަންޒަރުތަކުގެ ސަބަބުން ދީނާއި ދީނީ ކަންކަމަށް އިދިކޮޅުން ސަމާލުކަންދޭ މިންވަރު އެތައް ބައެއްގެ ކުރިމަތީގައި ބޭޒާރުވެގެންދިޔައިރު، ގިނަ ބައެއްގެ ފާޑުކިއުން އެފަރާތްތަކަށް ދަނީ އަމާޒުވަމުންނެވެ. އަދި ދީން އައްޑަނައެއްގެ ގޮތުގައި ނަގައި "ދީނޭ ބުނެ" ދިވެހިންގެ ބޮލަށް ސަވާރުވެގެން ކުރާ ކެމްޕެއިނަކީވެސް ރިޔާސީ ތަހުތަށް އިސްވުމުގެ ދަހިވެތިކަމުގައި އެވެރިން ހިތުން ގެންގުޅޭ "ސިޔާސީ އުކުޅެއް"ކަމަށް އެފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ނިޢަމް

  ދީނެއް މިއްލަތެއް ނެތް ބަޔަކަށް އޮންނާނީ ކޮން ނަމާދުވަގުތެއްހެއްޔެވެ؟1

 2. ޢވ

  ރަގަޅުވާހަކައެއް. އެކަމަކު އަޅުގަނޑު ހިތައްއަރަނީ މިއާޓިކަލް ލިޔުނު އިދާރާގައި މަސައްކަތްކުރާ ކިތައްމީހުންބާވައޭ ނަމާދަށް ރައްކާތެރިވަނީ.

 3. ހުސޭނުބޭ

  ކަލޭމެން މައިތިރިވެބަލަ! ރާކްޕަކްޝާގެ ފައްޅީގައި ޒަނޑޫރާތައް ޖަހަން ފެށުމުން ޖަލްސާ މެދުކަނޑާލާފައި ރޫހާނީ ލީޑަރު އޭނާގެ ބައިވެރިންނާއެކު ފައްޅިއަށް ވަޑައިގަންނަވާނޭ!

 4. ސަންގުގެތި

  ބ/ އަތޮޅުކެންދޫގަ ހުންން އެމްޑީޕީ ޖަގަހައިން ނަމާދުވަގުތު ތަކުގައިވެސް ހުންނަނީ ބާރަށްލަވަ ޖަހާފަ ހިޔާލެއް ފިކުރެއް އީމާން ކަމެއް ބިރުވެތިވުމެއް މިމީހުންގެ ކިބައިގަ ނެތީބާ ! ޕާޓީ ދެކެވާލޯބި އެއްކިބާކޮއްފަ ﷲ އަށް ބިރުވެތިވުން މާ މުހިއްމުކަމުގައި ދެކިބަލަ ....

 5. އދ

  ރާއްޖޭގައި ބުދު ބެހެއްޓުންވެސް، އެކަމަށް ހުއްދަ ދިނުންވެސް އެއީ ދީންވެރިކަން ދެއްތޯ؟.. އައުރަ ނިވާނުވާ ހެދުން އަޅައިގެން އުޅުން އެއީވެސް ދީންވެރިކަންތޯ؟ ވައްކަން ކުރުމާއި މާރާމާރީ ހިންގުމާއި މިފަދަ އެތައް ބައިވަރު ދީނުގައި މަނާ ކުރައްވާފައިވާ އަމަލުތައް ރާއްޖޭގައި ހިންގަމުން ދާއިރު، ހަމައެކަނި ވަކި ބަޔަކު ކުރުމުން ތިހެން ބުނުމުގެ ބަދަލުގައި ދީނާއި ދެކޮޅަށް ކުރެވޭ ކޮންމެ ކަމަކަށް އަޑުއުފުލުން މުހިއްމު.. އެއީ ކޮންމެ ބަޔަކު ކުރި ކަމުގައި ވީނމަވެސް.

 6. ލިއު

  އިދިކޮޅު މީހުން ކުރާކަންތައް އެކަނިތަ ފެންނަނީ .... ޕީޕީ އެމް މީހުން ވެސް ދެނަމާދު ދޭތެރޭ ލަވަޖަހާފަ ހުރީ...