ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމްއިން ހިންގާ، ދައުލަތުގެ މީޑިޔާ ޓެލެވިޒަން މޯލްޑިވްސް (ޓީވީއެމް)އަށް ޓެރަރިޒަމްގެ އިންޒާރު ދީފައިވާ ކަމަށް ބުނެ ފުލުހަށް މައްސަލަ ހުށަހަޅައިފި އެވެ.

ޕީއެސްއެމްއިން ބުނީ، އެމްޑީޕީގެ މިލަންދޫ ދާއިރާގެ ރައީސް ރިޔާޒު ވަނީ ޓީވީއެމް އާއި ޗެނަލް 13ގެ ސެޓެލައިޓް ކަނޑާލާނެ ކަމުގެ އިންޒާރުދީފަ ކަމަށެވެ. އެހެންވެ އެ މައްސަލަ ފުލުހުން ތަހުގީގުކޮށް ކަމާބެހޭ މުއައްސަސާތަކުން ބަލައިދިނުމަށް ޕީއެމްއެސް ގޮވާލާފައިވެ އެވެ.

ޕީއެސްއެމްއިން މައްސަލަ ހުށަހަޅާފައިވަނީ ނިޔާޒު ކޮށްފައިވާ ޓްވީޓަކާ ގުޅިގެންނެވެ. އެ ޓްވީޓްގައި އޭނާ ބުނެފައިވަނީ ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ޓީވީއެމް އާއި ޗެނަލް 13ގެ ސެޓެލައިޓް ހިދުމަތް މެދުކަނޑާލާނެ ކަމަށެވެ.

އެ ސްޓޭޝަނަށާއި ޗެނަލް 13 އަށް އިދިކޮޅު ފަރާތްތަކުން ޖެއްސުންކޮށް ނޫސްވެރިކަމަށް ހުރަސް އަޅަމުން އަންނަ ކަމަށް ޕީއެސްއެމްއިން ބުނެ އެވެ. އަދި ޗެނަލް 13 ގެ ނޫސްވެރިޔާ ލަޔާލްއަށް އިދިކޮޅު މުޒާހަރާއެއްގައި ޖެއްސުންކުރި ވީޑިއޯއެއް ދާދިފަހުންވަނީ އާއްމުވެފައެވެ.