އެމްޑަބްލިއުއެސްސީ އިން ރ.ދުވާފަރުގައި ގާއިމްކުރާ ބޮޓްލިން ފެކްޓްރީގެ 95 ޕަސެންޓު މަސައްކަތް ނިމިފައިވާކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ދުވާފަރުގައި ބޭއްވި ޕީޕީއެމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ، ދުވާފަރުގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްގެންދާ ކަމަށާއި، އައިސްޕްލާންޓެއްގެ މަސައްކަތް ވެސް ކުރަމުންދާކަމަށެވެ.

ފަޒުލް ވިދާޅުވީ، ދުވާފަރުގައި ބޮޓްލިންގ ފެކްޓްރީއެއް އެމްޑަބްލިވްއެސްސީގެ ފަރާތުން ގާއިމްކުރައްވަމުންގެންދަވާ ކަމަށާއި މިއީ ރައީސްގެ ވައުދެއް ކަމަށެވެ. ރައީސްގެ އިރުޝާދުގެ ދަށުން މިހާރު އެތަނުގެ މަސައްކަތް ކުރިއަށްދާކަމަށް ފަޒުލް ވިދާޅުވިއެވެ،

"އިރާދަކުރެއްވިއްޔާ ބޮޓެލިންގ ޕްލާންޓްގެ 95 ޕަސެންޓް މަސައްކަތް ވަނީ އަޅުގަނޑުމެން ނިންމާފައި". ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ، އެޗްޕީއޭގެ ބޭފުޅުން މާދަމާގެ ވަގުތެއްގައި ދުވާފަރަށް ވަޑައިގެން ބޮޓްލިން ޕްލާންޓުން އުފައްދާ ފެން ޓެސްޓު ކުރާނެ ކަމަށެވެ. އަދި "އެބޭފުޅުން މިކޮޅަށް ވަޑައިގެން އޮޑިޓް ކުރެއްވުމަށްފަހު ލައިސެންސް އިޝޫ ކުރެއްވުމުން ދުވާފަރުގައި ބޮޓްލިން ސްޓާޓު ކުރާނަން،" ފަޒުލް ވިދާޅުވިއެވެ.

އެ ހިދުމަތަކީ ހަމައެކަނި އެ ރަށަށް ލިބޭނެ ހިދުމަތެއް ނޫންކަން ފާހަގަކުރައްވަމުން ފަޒުލް ވިދާޅުވީ، މުޅި ރ.އަތޮޅުގެ ހުރިހާ ރައްޔިތުންނަށް އެ ފެކްޓްރީން ހިދުމަތް ލިބިގެންދާނެކަމަށެވެ. "ރ.އަތޮޅުގެ މަސްވެރިންނަށް މި ހިދުމަތް ލިބިގެންދާނެ.". ފަޒުލް ވިދާޅުވިއެވެ.

އެ ކުންފުނިން ހދ. ކުޅުދުއްފުށީގައި ވެސް ދަނީ ބޮޓެލިންގ ޕްލާންޓެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. ފަޒުލް ވިދާޅުވީ، އެ މަސައްކަތް ވެސް އަންނަ މަހުގެ 10 ގެ ކުރިން ނިންމާ ހިދުމަތް ދޭން ފަށާނެ ކަމަށެވެ.

މިޕްލާންޓުތަކާއެކު ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެކަމަށް އިޝާރާތް ކުރައްވަމުން ފަޒުލް ވިދާޅުވީ، އެ ބޮޓްލިންގ ޕްލާންޓާއެކު މިހާރުވެސް 15 ވަޒީފާގެ ފުރުސަތު އިތުރުވެއްޖެ ކަމަށާއި، އަދި ޑިސްޓްރިބިއުޝަން ނެޓްވޯކު އިއުލާނު ކުރުމުން މިއީ ޒުވާނުންނަށް ލިބޭ ފަހި ފުރުސަތުތަކެއް ކަމަށެވެ.

ފަޒުލް ވިދާޅުވީ، ދެ ރަށުގައިވެސް ގާއިމް ކުރަމުންދާ ބޮޓްލިންގ ޕްލާންޓްގެ ޑިސްޓްރިބިއުޝަން ނެޓްވޯކު ގާއިމް ކުރުމަށް އެމްޑަބްލިވްއެސްސީން ނިންމާފައިނުވާނެ ކަމަށާއި، އެ ފުރުސަތު ދޫކޮށްލާފައި ވާނީ އަޮތޮޅުގެ ރައްޔިތުންނަށްކަމަށެވެ.

އެމްޑަބްލިއުއެސްސީ އިން ދަނީ މި ސަރުކާރުގެ ގިނަ ޕްރޮޖެކްޓްތަކެއްގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މި ސަރުކާރުން ހަވާލުކުރި 54 ޕްރޮޖެކްޓުގެ ތެރެއިން 50 ޕްރޮޖެކްޓް ނިމިފައިވާ ކަމަށް ފަޒުލް ވިދާޅުވިއެވެ، އަދި ބާކީ ހަތަރު ޕްރޮޖެކްޓު ވެސް މިއަހަރުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ވިފާޅުވިއެވެ.

ފަޒުލް ވިދާޅުވީ، ދުވާފަރުގައި އިދިކޮޅަކުން މެޖޯރިޓީއެއް ނުލިބޭނެ ކަމަށެވެ. އެ މެޖޯރިޓީ ނަގާނީ ރައީސް ޔާމީން އާއި އެމަނިކުފާނުގެ ޓީމުންކަމަށް ފަޒުލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުލާހިކު

    ރައީސް ޔާމީން އާއި އިބޫމެންނާއި ހުރި އެންމެ ބޮޑު ތަފާތަކީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ގައުމާއިގެން ކުރިޔަށް ވަޑައިގަތުމުގެ ފުރިހަމަ ތަސައްވުރަކާއިގެން. އެއްގޮތަކަށްވެސް ވެރިކަމަށް ވަޑައިގަތުމަށް ފަހު އަލުން ހޯދި ފްލޭނެއް ނެތް. އެކަން ސާބިތުވަނީ ވަގުތު ބޭކާރު ކޮށް ނުލައްވާ ދައުރުގެ މިހާހިސާބަށް އައިއިރު ފެންނަން ހުރި ބޮޑެތި ހަގީގަތް ތަކުން . އެއާ ހިލާފަށް އިބޫމެންގެ ތަސައްވުރެއް މިއަދާހަމަޔަށް ދެއްކިފައެއްނެތް. ކަމެއް ކޮށްދެއްވަން ބުނާއިރު ކަން ކުރެވޭނެ ކޮންމެސް ގޮތެއް ހޯދާނެކަމަށް ބުނާ ބުނުމުން އެމީހުންގެ ގައުމާއިގެން ކުރިއަށް ދެވޭނެ ގާބިލުކަމެއް ނެތްކަން ކަށަވަރުވޭ. އަދި ފުރިހަމަ ހިދުމަތްތަށް ލިބެމުންދާ ދާއިރާތަކާއި ކުޅެން ވިސްނާއިރު އެހިދުމަތް ލިބިގަންނަ ރަށްޔިތުންނަށް ދެންވާނެ ގޮތެއް ކިޔައި ނުދެވިމަކީވެސް ހަމަ އެކަހަލަ މިސާލެއް. އެހެންނޫންތޯ؟