އިދިކޮޅު ހަތަރު ލީޑަރުން އުޅެނީ ގައުމަށް ހެޔޮ އެެދިގެން ނޫންކަމަށް ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދުވާފަރުގައި ބޭއްވި ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓް އިދިކޮޅު ހަތަރު ލީޑަރުން ނިކުމެ މިއުޅެނީ ގައުމު ސަލާމަތް ކުރަންށޭ މިއަދު ވިދާޅުވެއްޖެ ކަމަށާއި ނަމަވެސް އެއީ ހަޤީޤަތާއި ހިލާފަށް ދެއްކެވި ވާހަކަފުޅެއް ކަމަށެވެ.

"އެމީހުން ގައުމު ސަލާމަތް ކުރަން ކުރާނީ ކީއްބާ؟ ކުރަންވީ ކަމަކާއި ނުކުރަންވީ ކަމެއް އެބޭފުޅުންނަށް އެނގޭނެބޭ؟ މިގައުމު ހަލާކު ކޮށްލާ އިޤުތިޞާދު ދައިމަތި ކޮށްލާފައި ދިޔައީ. ދައި މައްޗަށް އަޅާފައި ފުނޑާލީމާ ވީގޮތް ގައުމުގެ އިޤުތިޞާދަށް ވެގެން ދިޔައީ. އެހަތަރު ލީޑަރުންނަށް ލިބުނު ފުރުސަތުގައި ކަންކަން ރަނގަޅެއް ނުކުރެވުނު." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ އެމްޑީޕީގެ އަނިޔާވެރި، ލާދީނީ ވެރިކަމުން ގައުމު ސަލާމަތް ކުރަން ނިކުތީ ރައީސް ޔާމީން ކަމަށެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީން ފިޔަވައި ދެން ތިއްބެވީ ކަމެއް ދިމާވުމުން ފިއްލެވި ލީޑަރުން ކަމަށެވެ.

"ކުށެއް ކުރީމާ އަދަބާއި ކުރިމަތިލާން ޖެހުމުން ފިލި ލީޑަރުން މިފެންނަނީ. ގައުމު ހަވާލު ކުރުމުން އިސްތިއުފާ ދީފައި ފިލައިގެން ދިޔަ ލީޑަރުން މިފެނުނީ. ރައީސް ޔާމީން އާރަށުގައި އެކަހެރި ކުރި. ރައީސް ޔާމީނަށް ވެސް އޮތް ގައުމު ދޫކޮށްފައި ދިއުމުގެ ފުރުސަތު. ނަމަވެސް ދިވެހިންގެ ޙައްޤުގައި މަސައްކަތް ކުރެއްވި." އަދުރޭ ވިދާޅުވިއެވެ.

ދުވާފަރުން ޕީޕީއެމް އަށް ލިބުނު ހޫނު މަރުޙަބާ ފާހަގަ ކުރައްވާ އަދުރޭ މިރޭ ވިދާޅުވީ ރައީސް ޔާމީން ދުވާފަރަށް ވަޑައިގަތުމުން ދެންނެވި މަރުޙަބާ އިން އެނގިގެން ދިޔައީ ދުވާފަރުގެ ސުޕް މެޖޯރިޓީ އޮތީ ރައީސް ޔާމީނަށްކަން ކަމަށެވެ.

ޕީޕީއެމް އުފެއްދި ހަނދާންތައް އާކުރައްވަމުން އަދުރޭ ވިދާޅުވީ އަލިވާގޭގައި ޕީޕީއެމް އުފެއްދުމުގެ ބައްދަލުވުންތައް ކުރިއަށް ދިޔައިރު ޕާޓީއެއް ހަދަން ލަފާދެއްވީ ރައީސް ޔާމީން އެކަނި ކަމަށެވެ. ނަމަވެސް ފުރަތަމަ ދުވަހު ވެސް ރައީސް މައުމޫންގެ ވިސްނުންފުޅު ހުރީ ފާރިސް މައުމޫން ވެރިކަމަށް ގެންނަން ކަމަށް އަދުރޭ ވިދާޅުވިއެވެ.

"އަށެއްކަ މަސް ވިއިރު ވެސް ދެތިން ހާސް މީހުން ޕީޕީއެމްގައި ތިބީ. އީދު ދުވަހަކު ރައީސް މައުމޫން ގުޅުއްވާފައި ވިދާޅުވީ އެންދެރިމާގެ އަށް އަންނާށޭ. އަޅުގަނޑު ދިއުމުން ރައީސް މައުމޫން ވިދާޅުވީ ޔާމީން އާއި ބައްދަލުކޮށްފައި ދަންނަވާށޭ މިޕާޓީ ޕާޓީއަކަށް ހައްދަވައި ދެއްވާށޭ." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ އެބައްދަލުވުމަށް ފަހު އިތުރު ފަސް ބޭފުޅަކާއި އެކު ރައީސް ޔާމީން އާއި ބައްދަލު ކުރައްވާ އެވާހަކަ ދެންނެވި ކަމަށެވެ. އަދި ރައީސް މައުމޫނާއި ރައީސް ޔާމީން މަޝްވަރާ ކުރެއްވުމަށްފަހު ދެތިން މަސް ތެރޭގައި ކުރި މަސައްކަތުން ދިހަ ހާސް މެންބަރުން ޕީޕީއެމް އަށް އިތުރު ކުރި ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދުވަސްވަރު 19 ބައި އިލެކްޝަނެއްގައި ވާދަކޮށް 17 ބައި އިލެކްޝަން ޕީޕީއެމް އިން ކާމިޔާބު ކުރެއްވި ކަމަށް އަދުރޭ ވިދާޅުވިއެވެ. އެއިންތިޚާބުތަކުގެ ކެމްޕޭންގައި ބައިވެރިވާން ރައީސް ޔާމީން އެދާއިރާތަކަށް ވަޑައިގެން އެރަށްރަށުގައި މަޑުކުރެއްވި ކަން ވެސް އަދުރޭ ފާހަގަ ކުރެއްވެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ؟؟؟?

    ތި ކިޔާ ލަވަ ބަދަލް ވާ އަޑުއަހަން އެބަ ހުރިން....

  2. ކޮސްމާލި

    ހެޔޮއެދިގެން ތާ ފެންފޮދަކާނުލާޤަވްމު ދިރުވާލާފަ ވަޅިޔަކާނުލާ ވަތަން ކޮށާލާފަ ކަމަކާނުލާދީނަށް ފުރަށްސާރަތިކުރަނީ .
    ތަރުޖަމާނަށް އެގޭނަމަ ރަނގަޅު