ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަންތަނުގައި ވޯޓްލުމަށް ރަޖިސްޓަރީ ކުރުމުގެ މަރުޚަލާގައި އޮޅުވާލައިގެން ހުށަހަޅާފައިވާ ގިނަ ފޯމްތައް ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ތިން މީހަކު ކަމުގައި އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު، އެ ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

މިރޭ "ސަންގު ޓީވީ" ގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ، ރީ-ރަޖިސްޓްރޭޝަނަށް އޮޅުވާލައިގެން ފޯމް ހުށަހަޅާފައިވަނީ ކޮން ބައެއްކަން އިލެކްޝަންސް ކޮމިޝަނަށް އެނގޭ ކަމަށާއި، އެންމެ ގިނައިން ވަގު ފޯމް ހުށަހަޅާފައިވަނީ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ތިން މީހަކު ކަމަށެވެ.

"ކޮމިޝަނަށް މިވަނީ އޮޅުވާލައި، މަކަރު ހަދައިގެން ހުށަހެޅިފަހުރި ހުރިހާ ފޯމެއް ހޯދިފައި. އިއްތިފާގަކުން ނަމަވެސް ދިމާވެފައި މިއޮތް ގޮތަކީ އޮޅުވާލާފައި ނުވަތަ ވަގު ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގިނަ ފޯމްތަކެއް ހުށަހަޅާފައި މިވަނީ ތިން ބޭފުޅެއްގެ ނަމުގައި. އިލެކްޝަންސް ކޮމިޝަނަށް އެފޯމްތައް ގެނެސްދީފައި މިއޮތީ ތިން ބޭފުޅަކު. އެ ތިން ބޭފުޅުން ނިސްބަތްވަނީ ސިޔާސީ ޕާޓީއަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ބަލްކް ފޯމްތައް ހުށަހެޅި ތިން ބޭފުޅަކަށް." އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، އެއީ ކޮން ސިޔާސީ ޕާޓީއެއްގެ ބައެއްކަންވެސް އިލެކްޝަންސް ކޮމިޝަނަށް އެނގޭ ކަމަށާއި، ނަމަވެސް ތަހްޤީގަށް ދާން އޮތް މަރުޚަލާއެއް ކަމުން އެ މަޢުލޫމާތު ހިއްޞާކުރެވެން ނެތް ކަމަށެވެ.

"އަޅުގަނޑުމެން މި މަރުހަލާގައި، ތަހްޤީގަށް ދާ މަރުޚަލާއެއްވީމަ، އެއީ ކޮން ޕާޓީއެއް ކަމެއް ދަންނަވާކަށް ނެތިން. އަޅުގަނޑުމެންނަށް އެނގޭ އެއީ ކޮން ސިޔާސީ ޕާޓީއަކުންކަން. ސިޔާސީ ޕާޓީއަކުން އިލެކްޝަންސް ކޮމިޝަނަށް ބަލްކް ފޯމް ހުށަހެޅި ތިން ބޭފުޅަކު ވަކިވަކި 10 ފޯމްގެ ގޮތުގައި ހުށަހެޅި ފޯމްތަކެއްގެ ތެރޭގައި މިދެންނެވި ވަގު ފޯމްތައް އެންމެ ގިނަ އަދަދަކަށް ހުށަހަޅާފައި ހުރީ." އޮޅުވާލުމުގެ ކަންކަން ހިނގާފައިވާ ގޮތް އިތުރަށް ތިލަ ކުރައްވަމުން އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ އޮޅުވާލުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށާއި، އޮޅުވާލެއްވި ބޭފުޅުންނަށް ނުވިސްނުނު ކަމަކީ އޮޅުވާލައިގެން ފޯމް ހުށަހެޅިއިރު، ފޯމް ހުށަހެޅި ފަރާތާއި، ހެކިންގެ ފުރިހަމަ މަޢުލޫމާތު އެ ފޯމްގައި ހިމެނިފައިވާކަން ކަމަށެވެ.

"ވިސްނާ ނުލެވުނު ތަންކޮޅަކީ ބައެއް ބޭބޭފުޅުންނަށް އެ ފޯމްތަކުގައި އެބައޮތޭ ކޮންމެ ފޯމެއްވެސް އެ ފޯމް ގެނައި ބޭފުޅާގެ ނަން، އެބޭފުޅާގެ ސޮއި، އެބޭފުޅުންގެ ފިންގަރޕްރިންޓް އޮވޭ، ހެކިވެރިންގެ ނަމާއި، ފިންގަރޕްރިންޓް އޮވޭ." އަކްރަމް ވިދާޅުވިއެވެ.

ރީ-ރަޖިސްޓްރޭޝަންގައި އޮޅުވާލައި، މަކަރު ހަދާފައިވާކަމަށް ދެކެވޭ ވާހަކަތަކާ ގުޅުވައިގެން އަކްރަމް ވިދާޅުވީ، ރީ-ރަޖިސްޓްރޭޝަންގެ މަރުޚަލާގައި އޮޅުވާލައި މަކަރު ހަދާފައިވަނީ އެ ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފަރާތްތަކާއި، ސިޔާސީ ޕާޓީތަކުން ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނަށް ނުވަންނަ އެއްވެސް ފޯމެއް އެއްވެސް ތާކަށް ރެޖިސްޓަރ ކޮށްފަ ނޯންނާނެ، އިލެކްޝަންސް ކޮމިޝަނަކުން ފޯމެއް ހަދާފައި އެއްވެސް ބޭފުޅަކު ރެޖިސްޓަރީ ކޮށްފައެއް ނޯންނާނެ، އިލެކްޝަންސް ކޮމިޝަނުން އެއްވެސް ކަމެއްގައި އޮޅުވާލާފައެއް ނޯންނާނެ. އެހެންނަމަވެސް އަޅުގަނޑުމެން ދަންނަވަމުން މިދަނީ އޮޅުވާލާފައި ވަނީ ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފަރާތްތަކުންނޭ، ސިޔާސީ ޕާޓީތަކުންނޭ." ކަން ހިނގާދިޔަ ގޮތާމެދު ވާހަކަ ދައްކައި އިލެކްޝަންސް ކޮމިޝަނަށް ކުރަމުންދާ ތުހުމަތުތަކުން ބަރީއަވެވަޑައިގަންނަވަމުން އަކްރަމް ވިދާޅުވިއެވެ.

އޮޅުވާލައިގެން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމްތައް މީޑިއާއަށް އާއްމު ކުރުމާ ބެހޭގޮތުން މިއަދުވެސް ކޮމިޝަނުގައި މަޝްވަރާ ކުރެވުނު ކަމަށާއި، ނަމަވެސް ތަހްޤީގު ކުރާ މަރުޚަލާއެއްކަމުން އެ ފޯމްތައް މީޑިއާގައި އާއްމު ކުރުމާމެދު އިލެކްޝަންސް ކޮމިޝަނުން ވަކި ގޮތއް ނިންމަވާފައި ނުވާކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތުގެ ތެރޭގައި ރީ-ރަޖިސްޓަރީވުމަށް 95739 ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާއިރު، މިހާތަނަށް ވެރިފައި ކުރެވިގެން ރަޖިސްޓަރީ ކޮށްފައިވަނީ 78964 މީހުންނެވެ. ހުށަހެޅުނު 95739 ފޯމްގެ ތެރެއިން ތަފާތު ސަބަބުތަކާހުރެ އެ ފޯމްތަކުގެ ޞައްޙަކަން ކަށަވަރު ނުކުރެވޭތީ 5626 ފޯމެއް ވަނީ އިލެކްޝަންސް ކޮމިޝަނުން ބާތިލުކޮސްފައެވެ. މި 5626 ފޯމްގެ ތެރެއިން 1892 ފޯމަކީ ސީދާ އޮޅުވާލުމުގެ ބޭނުމުގައި ހުށަހަޅާފައިވާ ފޯމްތައް ކަމަށާއި، އެފަރާތްތަކާ ދެކޮޅަށް ދައުވާ ކުރައްވާނެކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ރީ-ރަޖިސްޓްރޭޝަނަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އިސްލާހުކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުޞަތު މިހިނގާ އޮގަސްޓް މަހުގެ 29 ވާ ބުދަ ދުވަހަށް ހަމަވާއިރު، ލަސް ނުކުރައްވާ ރީ-ރަޖިސްޓަރީ ކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތަކުރާރުކޮށް އިލްތިމާސް ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޜިޔާޒު

    ތިޔައީ އިލެކްޝަން ކޮމިޝަންގެ ތެރެއިން ކޮއްގެން އުޅޭކަމެއް. ވަގު ފޯމް ހުށަހެޅީ އޭ ކިޔައިން ބަދުނާމް ކުރަން

  2. ޙަމޭ

    ދެން އެނގޭ މޑޕ ކަން

  3. އހ

    ތިވާނީ ޔާމީން ކަމަށް..

  4. ޖިނާން

    ދެން ބުނާން ތިޔައުޅެނީ ރީދޫ މީހުން ނޭތަ.. ތާއީދު ނެތީމާ ދައްކާނެ ހުރިހާ ވާހަކަ އެއްވެސް..

    • ރުޒާނާ ޗޮއްޕަޓު

      ކަލެއަށްވެސް އެނގޭ ދޯ ރީނދޫ ނޫން ބަޔަކު މި ގައުމުގަ ނުކުރާނެކަން މިކަހަލަ ކަމެއް. އެނގޭއިރުވެސް އެއްބަސް ނުވާން ވަރެއް އެބަހުއްޓެއްނު.

  5. ބޭބެ

    އަޅުގަޑު ނުބުނާނަން ވަކި ޕާޓީއެއްގެ ނަމެއް އެކަމަކު ހިންޓް ދެވިދާނެ!!! އެޕާޓީން މިކަންކުރާނީ!!! އެޕާޓީއަށް ގަރާރު ޕާޓީއޭވެސް ކިޔާ!! ހުޅުޖަހާ ޕާޓީއޭވެސް ކިޔާ!! ބުހުތާން ދޮގުހަދާ ޕާޓީއޭވެސް ކިޔާ!! މުޒާހަރާ ޕާޓީއޭވެސް ކިޔާ!! މަގުމަތީ ކުއްލި ސައި ބާއްވާ ޕާޓީއޭވެސް ކިޔާ!! މިޕާޓީ ނައްޓާލާފައި ހަމަ ނުދާނެ!!!

  6. ކެރޭ އަބްދުﷲ

    ތިވާނީ އެމް.ޑީ.ޕީ ކުރިކަމަކައް.

  7. ޙަސަނު

    އެމްޑީޕީއަކީ ތިޒާތުގެ ގިނަ ނުބައި ކަންކަން ކޮށްފައި، އޭގެން ރެކެންވެގެން އިތިރު ދޮގާއި މަކަރު ހަދާ ސީދާ ވަގުން

  8. މަލަކުރި

    ކޮންމެ ޕާރޓީ އެއްގެ މީހުންވެސް ތިޔަ ފަދަ ކަންކަން ކޮށްފާނެ އީސީ އެއަށް ވުރެ ހުށިޔާރުވާނެ ހަމަ އިންސާފުވެރި އިންތިޚާބެއް އީސީއިން ބާއްވާނެ.

  9. ރަދުން

    މުޅިންވެސް ދޮގުހަދާ ޕާޓީ. އެމްޑީޕީ