މިހާރު މާލޭގައި ކުރިއަށްދާ މަގުހެދުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ނިންމައި، ތާރު އަޅަން ބޭނުންކުރީ ވަސީލަތްތައް ރ.ދުވާފަރަށް ގެންގޮސް އެރަށުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށާނެކަމަށް ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދުވާފަރުގައި ރޭ ބޭއްވި ޕީޕީއެމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދުވާފަރުގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށްގެންދިޔުމުގައި ޓެކްނިކަލް ގިނަ މައްސަލަތަކެއް ފެންމަތިވި ކަމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ އިރުޝާދާއެކު، އެ މަސައްކަތް ހަލުވި ކުރުމަށް މަސައްކަތްތަކެއް ކުރިއަށްގެންދިޔުމަށް ރާވާފައިވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، މާލޭގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އަންނަ ސެޕްޓެމްބަރު މަސް ތެރޭގައި ދުވާފަރުގެ ބޮޑުމަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.

އަދި އެކަމަށް ބޭނުން ކުރާނީ މާލޭގެ މަގުހެދުމަށް ބޭނުންކުރި ވަސީލަތްތައް ކަމަށާއި، އޭގެ އިތުުރުން ހއ.ދިއްދޫގައި ހުރި ތާރު އެޅުމަށް ބޭނުން ކުރާ މެޓީރިއަލް ބާކީ ތަކެތި އަންނަ ސެޕްޓެމްބަރު މަސް ތެރޭގައި ދުވާފަރަށް ގެނެސް މަސައްކަތް ފަށައިގަންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ހަފްތާ ތެރޭގައި އެ ހުރިހާ އެއްޗެއް ދުވާފަރަށް ގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"މާލެ އާއި ހުޅުމާލެ ގުޅުވާލާ މަޝްރޫއު ނިމެންވާއިރަށް މަގުތައް ހެދުން ކޮންމެހެންވެސް ނިންމަން ޖެހޭތީ މަގުހެދުމުގެ މަސައްކަތް އެބަ ކުރިއަށްދޭ. އެމަސައްކަތް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އެބަ ނިމޭ. ނިމުނިމާ އެ ހުރިހާ ތަކެތި މި ރަށުގައި ތާރު އެޅުމަށް އިންތިޒާމުތައް ވަނީ ރޭވިފައި،" ދުވާފަރުގެ ރައްޔިތުންނަށް އުފާވެރި ހަބަރެއް ދެމުން މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެ މަސައްކަތް ފަށާ ހުއްޓުމެއްނެތި ކުރިއަށްގެންގޮސް މަސައްކަތް ނިންމާލާތަން ފެނިގެންދާނެ ކަމަށެވެ.

މިނިސްޓަރ ވަނީ ވޯޓު ހޯދުމުގެ ނިޔަތުގައި، އިހުލާސްތެރިކަމެއް ނެތި ދައްކަމުންދާ ވާހަކަތަކަށް ރައްޔިތުން ހެއްލިގެން ނުވާނެކަމަށް ވިދާޅުވެފައެވެ.

"އިދިކޮޅު ފަރާތްތަކަށް ފުރުސަތު ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް މި ގައުމުގައެއް، އެމްޑީޕީއަށް ވޯޓު ދޭން ޖެހޭ އެއްވެސް ސަބަބެއް ދައްކާކަށް މި ގައުމު ދެކެ ހަގީގީ ލޯބިވާ އެއްވެސް ބާފުޅަކަށް ނުދެއްކޭނެކަން ސާބިތުކަމާއެކު މި ދަންނަވަނީ". މިނިސްޓަރ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ދުވާފަރަކީ ރައީސް ޔާމީންއަށް ސުޕާމެޖޯރިޓީ ދޭނެ ރަށެއް ކަމަށެވެ. އަދި ދުވާފަރުގެ ތަރައްގީއަށްޓަކައި ރައީސް ޔާމީންކޮށްދެއްވި ކަންތައް ގިނަގުނަކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އަދި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލާއި ތަރައްގީ އާއި މިނިވަންކަމަށްޓަކައި ދެވަނަ ދައުރަކަށް ރައީސް ޔާމީން އިންތިހާބު ކުރަން ޖެހޭ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ،

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. މާހިރު

  ޢަޅުގަނޑުމެން ބޭނުންވަނީ ޔާމިނެއްނޫ މުއިޒު މުއިޒާ އެއްކޮށް މިތިބީ

 2. ޞބ

  ދެންބޭނުންވަނީ ބުރިޖަކުން އުނގޫފާރާ ގުުޅައި ބިން ހިއްކައިލަ ދެއްވުން މުއިޒުއާ އެކީ ...

 3. ނިކަމެތިކަން

  ކޮބާހޭ ފުވައްމުލަކުގެ މަގުތައް؟

 4. އިބްރާހިމް

  ކަންކަން ކުރެވޭނީ ކަންކަން ދަންނަ ، ހިތްވަރުހުރި ، ކެރޭޭ ބަޔަކަށެވެ. މި ސަރުކާރުުން ރައްޔިތުންނަށް ދިރިއުޅުމުގައި ފަސޭހަތަކެއް ހޯދައިދީފައިވާކަން މިހިރަ ފެނިގެންދަނީއެވެ. ފައިސާ ބޫތުން 1600 ޑޮލަރު އެއްފަހަރާ ލިބޭގޮތް ހަދައިދީފައިވާތީވެ ސަރުކާރަށް ސާބަސް ދަންނަވަންޖެހެނީއެވެ.

 5. ނުރަބޯ

  ތިޔަށްވުރެ މާ އާބާދީ ބޮޑަތި ރަށްރަށް އެބަހުރި. މިސާލަކަށް ނައިފަރު. ވާރޭ ވެހިއްޖެއްޔާ ގެއިން ބަދިގެއަށްވެސް ފެންގަނޑަށް ނޭރި ނުދެވޭ. ބޮޑަތި މަގުތަކުން ކިސަޑު ނުހިކޭ މުޅި އަހަރުތެރޭވެސް.