"ހިޔާ" މަޝްރޫއުގެ ދަށުން އަޅާ ސްޓެލްކޯގެ ދެ ޓަވަރުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ ޓަވަރުތަކުގެ ތެރެއިން ސްޓެލްކޯއަށް ސަރުކާރުން ދީފައިވާ ބިމުގައި ދެ ޓަވަރު އެޅުމަށް ނިންމައި އެ ޓަވަރުތަކުގެ ފައުންޑޭޝަން މިއަދު އަޅަން ފައްޓަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ޒުހޫރުއެވެ.

ޓަވަރުތަކުގެ ފައުންޑޭޝަން އެޅުން ފެށުމަށް ފަހު މީޑިއާތަކަށް ދެއްވި އިންޓަވިޔުއެއްގައި ޒުހޫރު ވިދާޅުވީ ސްޓެލްކޯއިން އަޅަނީ 16 ބުރީގެ ދެ ޓަވަރު ކަމަށެވެ. ސްޓެލްކޯއިން އަޅާ ޓަވަރުތަށް ހިޔާ މަސްރޫއުގެ އެހެން ޓަވަރުތަކަށް ވުރެއް ބޮޑުވާނެ ކަމަށް ޒުހޫރު ވިދާޅުވިއެވެ. ސްޓެލްކޯއިން އަޅާ ޓަވަރުތަށް ކުރިއަށް އޮތް ދޮޅު އަހަރު ދުވަސް ތެރޭގައި ނިމޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިއަދު އަމަލީ މަސައްކަތް ފެށިގެން މިދިޔައީ މުވައްޒިފުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ދެކެމުން އައި ހުވަފެނެއް. ސްޓެލްކޯއިން ކުންފުނީގައި މަސައްކަތް ކުރާ ސްޓާފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އަޅާ ދެ ޓަވަރު އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދޮޅު އަހަރުގެ ތެރޭގައި ނިމިގެންދާނެ" ޒުހޫރު ވިދާޅުވިއެވެ.

"ހިޔާ" މަޝްރޫޢުގެ ދަށުން އަޅާ ސްޓެލްކޯ ޓަވަރުތަކުގެ ފައުންޑޭޝަން އެޅުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް
"ހިޔާ" މަޝްރޫޢުގެ ދަށުން އަޅާ ސްޓެލްކޯ ޓަވަރުތަކުގެ ފައުންޑޭޝަން އެޅުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް

ސްޓެލްކޯގެ ދެޓަވަރުގެ މަސައްކަތް ކުރިއަށް ގެންދަނީ ބޭންކްގެ ލޯނެއްގެ ގޮތުގައި ނޫން ކަމަށާއި ޓަވަރުތަކުގެ ޕްރޮޖެކްޓް ކުރިއަށް ގެންދަނީ ދުނިޔޭގެ އެހެން ގައުމުތަކެކޭވެސް އެއްފަދައިން އެންޔޫޝާ ފައިނޭންސް ބޭނުންކޮށްގެން ކަމަށް ޒުހޫރު ވިދާޅުވިއެވެ

"ސްޓެލްކޯގެ ޓަވަރުތަކުގެ މަސައްކަތް ކުރަނީ އެންޔޫސާ ފައިނޭންސް ބޭނުންކޮށްގެން. އެއީ ސްޓެލްކޯގެ ލައިބިލިޓީސް ގިނަ ވުމުގެ ސަބަބުން ސަރުކާރުގެ ގެރެންޓީއެއް ނެތި ބޭންކްތަކުން ލޯނު ނެގުމަށް ދަތިތަކެއް ހުރީމަ" ސްޓެލްކޯގެ އެމްޑީ ޒުހޫރު ވިދާޅުވިއެވެ.

މިއަދު ފައުންޑޭޝަން އެޅިގެންދިޔަ ދެޓަވަރުގައި 370 ނުވަތަ 400 އެޕާޓްމެންޓް ހުންނާނެ ކަމަށް ޒުހޫރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޓަވަރުތަކުގައި 370 ނުވަތަ 400 އެޕާޓްމެންޓް ހުންނާނެ. އޭގެ ތެރެއިން 100 އެޕާޓްމެންޓަކީ ސަރުކާރާއި ހަވާލުކުރަން ޖެހޭ އެޕާޓްމެންޓްތަށް. ނަމަވެސް އަޅުގަނޑުމެން ސަރުކާރަށް އެދިފައި ވާނީ އެ އެޕާޓްމެންޓްތަށްވެސް ސްޓެލްކޯގެ މުވައްޒިފުންނަށް ދޫކޮށްދިނުމަށް. އެއީ ސްޓެލްކޯއަކީ ވަރަށް ގިނަ ހަރަދުތަށް ކުރަން ޖެހޭ ކުންފުންޏެއް ކަމުން މި އެޕާޓްމެންޓްތަށް އަވަހަށް ވިކި ހުސްވަން ޖެހޭނެތީ" ޒުހޫރު ވިދާޅުވިއެވެ.

"ހިޔާ" މަޝްރޫޢުގެ ދަށުން އަޅާ ސްޓެލްކޯ ޓަވަރުތަކުގެ ފައުންޑޭޝަން އެޅުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް
"ހިޔާ" މަޝްރޫޢުގެ ދަށުން އަޅާ ސްޓެލްކޯ ޓަވަރުތަކުގެ ފައުންޑޭޝަން އެޅުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް

އެޕާޓްމެންޓްތަށް ގަތުމުގެ ފުރުސަތު ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް ހުޅުވާލެވިފައިވާ ކަމަށާއި އެކަމަށް ސްޓެލްކޯގެ މުވައްޒަފުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމުގައިވެސް ޒުހޫރު ވިދާޅުވިއެވެ.

ސްޓެލްކޯއިން އަޅާ ދެ ޓަވަރުގައި ހިމެނޭ އެއް ކޮޓަރީގެ އެޕާޓްމެންޓެއްގެ އަގު އުޅެނީ 1 މިލިއަން ރުފިޔާއަށެވެ. އަދި އެ އަދަދު މަސްތަކަށް ބަހާލައިގެން ދަށްކަން ޖެހޭއިރު ކޮންމެ މަހަކު ދަށްކަން ޖެހޭނީ ފަސް ހާސް ނުވަތަ ހަ ހާސް ރުފިޔާއެވެ. އަދި ދެ ކޮޓަރި ނުވަތަ ތިން ކޮޓަރީގެ އެޕާޓްމެންޓްތަކުގެ އަގު ދެ މިލިއަނަށް އަރާއިރު ކޮންމެ މަހެއްގެ މަށްޗަށް އެ އެޕާޓްމެންޓްތަކަށް ދައްކަން ޖެހޭނީ 10000 ރުފިޔާއެވެ.

ސްޓެލްކޯއިން ވިދާޅުވިގޮތުގައި އެ ކުންފުނިން އަޅާ އެޕާޓްމަންޓުތަކުގެ ތެރެއިން އެއް ކޮޓަރީގެ އެޕާޓްމަންޓުތަކުގެ ޖުމްލަ އަގަކީ 950،000 ރުފިޔާއެވެ. އަދި ދެ ކޮޓަރިއާއި ތިން ކޮޓަރީގެ އެޕާޓްމަންޓުތަކުގެ އަގު 1.8 މިލިއަން ރުފިޔާއަށްވުރެ ދަށްވާނެ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. ސްޓެލްކޯއިން އަޅާ ބޮޑު ޓަވަރުގެ ތިރީގައި ކާރުތަކަށް ޕާކް ކުރެވޭނެ ފަދަ ޕާކިން ސިސްޓަމެއް ހުންނަ އިރު ދެވަނަ ފަންގިފިލާ ހާއްސަކޮށްފައިވާނީ އެޕާޓްމެންޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ސައިކަލްތަށް ޕާކް ކުރުމަށެވެ.

ސްޓެލްކޯގެ އެމްޑީ ޒުހޫރު ވަނީ ހިޔާ މަސްރޫއުގެ ދަށުން ސްޓެލްކޯއަށް ޓަވަރު އަޅާނެ ބިން ދެއްވި ކަމަށްޓަކައި ރައީސް އަބްދުﷲ ޔާމީން އަށް ޝުކުރު އަދާކޮށްފައެވެ.

"ރާއްޖޭގެ ތާރީހުގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މި ސަރުކާރަށް ވުރެއް ބޮޑަށް މަސައްކަތް ކުރާ ސަރުކާރެއް ނުދެކެން. އަދި ސަރުކާރުން މަސައްކަތް ކުރަނީ ގައުމަށް ބޭނުންވާ އެންމެހާ ކަންކަން ފޯރުކޮށްދިނުމަށް. މިއީ ސަރުކާރުން އަގުތަށް ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާ. މިކަމަށްޓަކައި އަޅުގަނޑު ރައީސް ޔާމީނަށް ހިތުގެ ފުން މިނުން ޝުކުރު އަދާކުރަން" އެމްޑީ އަހުމަދު ޒުހޫރު ވިދާޅުވިއެވެ.

ހިޔާ މަޝްރޫޢުގެ އިތުރުން ހިޔާ އެކޮމްޕްލިޝް މަޝްރޫޢު އާއި އެކު ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އެއްކޮށް ހައްލުވެގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މީހާ

    ސްޓެލްކޯގައި މިހާރު ހުންނަވަނީ ސީ.އީ.އޯ އެއް އެމް.ޑީ އެއް ނޫން.

  2. ައަލީ

    އިމިގްރޭޝަން ކޮންޓްރޯލަރު ކައިރީ އަހާބަލަ އިމިގްރޭޝަން މުވައްޒަފުންނަށް އަޅަން ބުނި ފްލެޓް ވީ ހިސާބަކާއި އެކަމުގައި ހަދަން އަޅުނު ޑީލަށް ވީގޮތް. އެކަން ނުވާނަމަ އިތުރު ޑީލް ނުހަދާ ގެއަށް ދާށޭ.