ގެއްލިފައިވާކަމަށް ބުނާ ފައިސާ ހޯދަން އިދިކޮޅު އެމްޑީޕީގެ ޤައުމީ މަޖިލީހުން ނިންމާފައިވާކަމަށާއި، އެގޮތަށް އެންމެ ގިނަ ފައިސާ ފެންނާނީ، ބައެއް ގޭގޭ ބެލީމާ އެގޭގެ ތަންމަތިންކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައިވަނީ، ރ.އިންނަމާދޫގައި ކުރިއަށް ގެންދިޔަ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރުމަށް މިއަދު އެރަށުގައި ބޭއްވި ޖަލްސާގައި، އެރަށުގެ ރައްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.

"އެމްޑީޕީގެ ޤައުމީ މަޖިލީހުން ނިންމަނީ ގެއްލިފައި ހުރި ފައިސާތައް ހޯދަން. އިބްރާހީމް މުޙައްމަދު ޞާލިޙަށް ލާޒިމު ކުރުވާ ގަރާރެއް. އެގަރާރުގެ ދަށުން ދެން އެމްޑީޕީ އަށް މީހުން ނުކުންނަންވީ ހަޤީޤަތުގައި ގެއްލިފައި ހުރި ފައިސާ ހޯދަން. އެންމެ ގިނަ ފައިސާ ހޯދާނީ ހަމަ ބައެއް ގޭގެ ބެލީމާ އެގޭގޭ ތަންމަތިން. އެއީ ފައިސާ ހޯދޭނެ ގޮތް." ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވެފައިވަނީ މީގެކުރިން، އެމްޑީޕީގެ ސަރުކާރުގައިވެސް ފައިސާތަކެއް ގެއްލިފައިވާކަމަށާއި، އެދުވަސްވަރު ނެރުނު އޮޑިޓް ރިޕޯޓުތަކުން އެކަން ވަރަށް ރަނގަޅަށް އެނގޭނެކަމުގައެވެ. އެހެންނަމަވެސް، މި ސަރުކާރުން، އެފައިސާތައް ހޯދަން މަސައްކަތް ނުކޮށް ހުރީ ސަބަބެއް ނެތިއެއް ނޫންކަމަށާއި، އެއީ ލިބެން ޖެހޭ ފައިސާކަމަށް ޤަބޫލު ނުކުރާތީ ނޫންކަމަށްވެސް ރައީސް މިއަދު ވިދާޅުވިއެވެ.

"މީގެ ކުރިންވެސް ފައިސާތައް ގެއްލިފައިވީ. ހޯދާކަށް ނޫޅޭ. މިހާރުވެސް އެބޭފުޅުންގެ ސަރުކާރުގައި ހުންނެވި އޮޑިޓަރ ޖެނެރަލް ލިއުއްވި ރިޕޯޓުތަކުގައިވެސް ފައިސާއަށް ވީ ގޮތް އެހެރީ ވިދާޅުވެފައި. އެފައިސާތައް މި ސަރުކާރުން ނުހޯދާ ހުރީކީއެއް ސަބަބެއް ނެތިއެއް ނޫނޭ. އެފައިސާތައް ނުހޯދާ ހުރީކީ އެފައިސާތައް އެއީ ލިބެންޖެހޭ ފައިސާކަމަށް ޤަބޫލު ނުކުރާތީކީ ނޫނޭ." އިންނަމާދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ރައީސް ވިދާޅުވެފައިވަނީ، އެންމެ ގިނަ ފައިސާ ގެއްލިފައިވަނީވެސް ރައީސް ނަޝީދުގެ ވެރިކަމުގައިކަމަށެވެ. އަދި، ގެއްލިފައިވާ ފައިސާތައް ހޯދުމަށް އެމްޑީޕީ އަކަށް ކަމެއް ކުރަން ނުޖެހޭނެކަމަށާއި، އެކަން ކުރަން އެފަރާތްތަކަށް ނުވެސް އެނގޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި، މިއީ އެފަރާތްތަކުން ރަށްރަށުގައި ދެވަނަ ފަހަރަށް ހިންގަން ބޭނުންވާ މަޝްރޫޢުތަކަށް ފައިސާ ހޯދާ ގޮތްކަމަށްވެސް ވެދާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑަށް ހީވަނީ މި ގެއްލިފައި ހުރި ފައިސާތައް މި ބޭފުޅުން ހޯއްދަވަން މި އުޅުއްވަނީ އެބޭފުޅުން މިހާރު ރަށްރަށުގައި ކޮށްދެއްވަން އެވިދާޅުވާ ކަންތައްތައް ކުރައްވަން ކަންނޭނގެ. އެކަމަކު އެބޭފުޅުން ވެރިކަމުގައި ތިއްބެވިނަމަ، އެފައިސާ ހޯއްދެވިނަމަ، އެކަންކަން ހުންނާނީ ވެފަ. އަޅުގަނޑު މި ދަނީ ގެއްލިފައި ހުރި ފައިސާތަކުގެ ތަފްސީލު ދެމުން. މި ފައިސާ ހޯއްދަވާކަށް އެބޭފުޅުން ކުރައްވަން ޖެހޭ މަސައްކަތްޕުޅެއް ނެތް. އެކަމެއް ނުވެސް ކުރެއްވޭނެ އެބޭފުޅުންނަކަށް. އެއީ އެންމެ ގިނަ ފައިސާ ގެއްލިފައިވަނީ އެބޭފުޅުންނާ ގުޅިގެން. އެބޭފުޅުންގެ ސަރުކާރުގައި އެންމެ ގިނަ ފައިސާ ގެއްލިފައި ހުރީ." ރައީސް ވިދާޅުވިއެވެ.

ޖަލު ހުކުމްތަކަށް ފިއްލަވައިގެން، ބޭރު ޤައުމުތަކުގައި އުޅެމުންދާ ސިޔާސީ ފަރާތްތަކާ ބެހޭގޮތުން ރައީސް ވިދާޅުވެފައިވަނީ، ރާއްޖޭގެ ކަންކަން އިސްލާހު ކުރަން ބޭނުންކަމުގައިވާނަމަ، ރާއްޖެ އައިސް އެކަންކަން ކުރުމަށް އެދޭކަމަށެވެ. އަދި، އެކަންކަން ކުރަން ފަރަންޖީންނާ ހަވާލު ކުރަން ނުޖެހޭކަމަށްވެސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ، ނަޝީދުގެ ވެރިކަމުގައިވެސް އެންމެ ފުރަތަމަ ރައީސް އޮފީހަށް ގެނައީ، ކޮންސަލްޓަންޓް އިންގެ ގޮތުގައި ފަރަންޖީންކަމަށެވެ.

އިދިކޮޅަށް ފާޑުވިދާޅުވެ، ރައީސް އިތުރަށް ވިދާޅުވީ، ކޯލިޝަނުގައިވެސް ޤާސިމް އިބްރާހީމްގެ ބަހެއް ނެތްކަމަށެވެ. އަދި، ކަންކަން ކުރަން އޭނާއަށް ޖެހިފައިވަނީ އަންހެނުން ނެރެގެންކަމަށްވެސް، ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކައިގެ އިތުރު އުސްއަލިތައް:

-އިދިކޮޅުން ދައްކާ ކޮންމެ ބައްޔަކަށް އިސްވެ ފަރުވާ ހޯދައިދެވުނީތީ އުފާކުރަން
-ރ. އަތޮޅުން ސުޕަރ މެޖޯރިޓީ ލިބޭނެކަމަށް އުންމީދު ކުރަން
-ފަރަންޖީންނާ ކައިވެނި ކުރަނީވެސް ވެރިކަމާ ހަމައަށް އާދެވޭތޯ
-ކުރީ ބައިގައި ވައިރަސް ތަކާ ދެކޮޅަށް ވެކްސިން ބޭނުން ކުރަން ޖެހޭ
-ބައެއް ޢިލްމުވެރިން އޮޑި ދުއްވާފައި ދަނީ މާ ދުރުން
-އަޅުގަނޑުމެންގެ ހުރިހާވެސް ނިޢުމަތަކީ އިސްލާމް ދީން

ރައީސް ޔާމީން މިހާރު ރ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެއަތޮޅުގެ ގިނަ ރަށްތަކަކަށް ވަޑައިގެންފައިވާއިރު، އިތުރު ރަށްތަކަށް ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކަރީމުބޭ

    ރާއްޖޭގެ ރަށްތަކުގައި ހުރި ރައްޔިތުންގެ އެކައުންޓްތަކުން ވަގަށްނެގި 130 މިލިޔަން ރުފިޔާ ، ޖީއެމްއާރަށް އެޔަރޕޯޓް ވިއްކާފަ ލިބުނު ޑޮލަރުތަކުން ވަގަށްނެގި 59 މިލިޔަން ޑޮލަރު ، ކޮންވެންސަންސެންޓަރު ހެދުމަށް ދިން ބަޖެޓުގެ ބޭރުން ދައުލަތުން ލޫޓުވައިލި 600 މިލިޔަން ރުފިޔާ ، ފެންކުންފުންޏާ ދިރާގު ހިއްސާ ވިއްކާލާފަ ބަނޑަށް އަޅައިލި 55 މިލިޔަން ޑޮލަރު ، މުއައްސަސާތަކާ އޮފީސްތަކާ މިނިސްޓްރީތައް ހިންގަން ދިން ބަޖެޓުން ވަގަށް ކައިލި 800 މިލިޔަން ރުފިޔާ ، ސިވިލްސާވަންޓުންގެ މުސާރައިން ވަގަށްނެގި 400 މިލިޔަން ރުފިޔާ ، ހޯދާނެބާ؟

  2. ރައްޔިތުން

    ކޮންމެ ސަރުކާރަކުންވެސް ކަންކުރަމުން އަންނަނީ ރާއްޖޭގެ ރަށެއްގައި ހުރީ މީހެއްގެ ބެލުމުގެ ދަށުން ގެއްލޭ ފައިސާ އެތިކޮޅު ހޯދުން މާސިންގާ އަދަދަކާއި އަޅާލުމެއް ނެތި ކުރިންވެސް އަދި މިހާރުވެސް ކަންވަނީ މިހެން - އެމް.ޑީ.ޕީ އިން ވި އެވައުދުވެސް ޔާމީން ފުއްދާތަން ހިސާހިތަކު ފެނިދާނެ

  3. ޫުިގަދަބެ

    -ފަރަންޖީންނާ ކައިވެނި ކުރަނީވެސް ވެރިކަމާ ހަމައަށް އާދެވޭތޯ. މީ ޝިޔާމު ގެ ވާހަކަ ދޯ?

  4. މާރިޔާ

    ތީހަމަތެދެއް ގާސިންބޭގެއަށްހެނުންނެރެގެންއެހުންނަނީ ރަގަޅު ލޮޓީއެއް ލިބޭނެ

  5. ައާބި

    އެމްޑިޕީގެ ވެރިކަމުގައި ގެއްލުނު ފައިސާ ހޯދަން ރައްޔިތުން އިތުބާރުކޮށްފަ މަނިކުފާނަށް ވެރިކަން ދިނީމަ މަނިކުފާނުގެ ދައުރު ނިމި ވެރިކަމުން ފައިބަން ޖެހޭ ވަގުތު އައިއިރުވެސް އެފައިސާ ނުހޯއްދަވާ އިތުރައް ފައިސާ ގެއްލުވީނުންތޯ، އެހެންވީމަ މަނިކުފާނު ގެއްލުވި ފައިސާ ހޯދަން މިޖެހުނީ އަނެއްކާ އިދިކޮޅު ކޯލިޝަނާ ވެރިކަން ހަޥާލުކުރަން، 23 ސެޕްޓެމްބަރުގަ ރައްޔިތުން އެމަސައްކަތް ކުރާނެ އިންޝަﷲ

  6. ތާރީޚު ދިވެހި ރާއްޖެ.

    ރަށްރަށުގެ އ/ކ ގައި ހުއްޓާ އެމް ޑީ ޕީ ސަރުކާރުން ދަމައިގަތް ފައިސާތައް ރައީސް ޔާމީނުގެ ސަރުކާރުން ރައްޔިތުންނަށް މިހާރުވަނީ އަނބުރާ ހޯއްދަވައި ދެއްވާފައި. އަދި އެމް ޑީ ޕީން ނެގި ލޯނުތައްވެސް އެދެއްކީ ހަމަ ރައީސް ޔާމީނުގެ ސަރުކާރުން. މީގެ އިތުރުން މި ޤައުމުގެ ލަގަންވެސް ނުއަގު ގައި ވިއްކާލާފައި ވަނިކޮށް އެވެސް އަނބުރާ ދިވެހިންނަށް ވަނީ ހޯއްދަވައި ދެއްވާފއި.