ހިޔާ މަޝްރޫއުގެ ފޯމްތައް ބަލައިގަތުމުގެ މުއްދަތު 2018 ސެޕްޓެމްބަރ 30 ގެ ނިޔަލަށް އިތުރު ކޮށްފައިވަނީ "ހިޔާ" މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވައިގެން ހިންގަވާ މަޝްރޫއަކަށްވާތީވެ، ވީހާވެސް ގިނަ ބަޔަކަށް ފުރުޞަތު ދިނުމުގެ ގޮތުން ކަމަށާއި، މި މުއްދަތުގެ ތެރޭގައި ރާއްޖޭން ބޭރުގައި ދިރިއުޅުއްވާ ދިވެހިންނަށް ފަސޭހަކަމާއެކު ދަފަތަރުގައި ޖެހި، ފޯމް ހުށަހެޅުމުގެ ފުރުޞަތު ފަހިކޮށްދެއްވާނެކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް ހަސަން ޒަރީރު ވިދާޅުވީ، ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ރާއްޖޭން ބޭރުގައިވެސް ދިރިއުޅުއްވާ ކަމަށާއި، އެބޭފުޅުންނަށްވެސް މި މުއްދަތުގެ ތެރޭގައި އެންމެ ފަހި ފުރުޞަތުތަކެއް ލިބިވަޑައި ނުގަންނަވާކަމަށް ވަރަށް ގިނަ ފަރާތްތަކުން ވިދާޅުވާ ކަމަށެވެ. އެހެންކަމުން މި ހުޅުވާލި ފުރުޞަތުގެ ތެރޭގައި ރާއްޖޭން ބޭރުގައި ދިރިއުޅުއްވާ ބޭފުޅުންނަށް ފުރުޞަތުތައް ލިބޭނެ އިންތިޒާމްތަކެއް ހަމަޖައްސަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ، ރާއްޖެ ވަޑައިގަންނަވައިގެން ދަފްތަރުގައި ޖެހޭނަމަ ވަރަށް ބޮޑު ހަރަދެއް ކުރަންޖެހިވަޑައިގަންނަވާނެ ކަމަށާއި، ކޮޅުނބުގައި ހުންނަވައިގެން އެކަން ކުރެވޭނެ ގޮތަކަށް މަސައްކަތްތައް ބައްޓަން ކުރުމަށް ކޮޅުނބުގައި ހުންނަ ދިވެހި އެންބަސީއާ އެކު މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.

"އަޅުގަނޑުމެން މި ހުޅުވާލި ފުރުޞަތުގެ ތެރޭގައި ރާއްޖޭން ބޭރުގައި ދިރިއުޅުއްވާ ބޭފުޅުންނަށްވެސް މި ފުރުޞަތުތައް ލިބޭނެ ގޮތްތަކެއް، އިންތިޒާމްތަކެއް އަޅުގަނޑުމެން ހަމަޖައްސަމުން ގެންދާނަން. އިރާދަކުރެއްވިއްޔާ ސްރީލަންކާގައި ދިރިއުޅޭ ވަރަށް ގިނަ ދިވެހި ރައްޔިތުންނަށް ދަފަތަރުގައި ޖެހެން ބޭނުންވެފައިތިބި ރައްޔިތުންނަށް އެ ފުރުޞަތުތައް ލިބޭނެ ގޮތްތަކެއް އަޅުގަނޑުމެން ހަމަޖައްސާނަން." ހައުސިން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް ހަސަން ޒަރީރު ވިދާޅުވިއެވެ.

ހިޔާ މަޝްރޫއަށް ރައްޔިތުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި، މި މުއްދަތުގެ ތެރޭގައި ބަންދު ދުވަސްތަކަކާއި، ހައްޖު މޫސުންވެސް ދިމާވުމާ ގުޅިގެން މިދިޔަ އއޮގަސްޓް މަހުގެ ނިޔަލަށް ފޯމްތައް ހުށަހަޅަން ވަރަށް ގިނަ ބޭފުޅުންނަށް ދަތިތަކެއް މެދުވެރިވިކަމަށް ޒަރީރު ވިދާޅުވިއެވެ. އަދި މި ފުރުޞަތުގެ ތެރޭގައި މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ޖެހުމުގެ ފުރުޞަތުވެސް ލިބި އެބޭފުޅުންގެ ފޯމްތައްވެސް ފްލެޓަށް ލުމުގެ މަސައްކަތް އެބަކުރައްވާ ކަމަށާއި، އެ މަރުޚަލާވެސް ކުރިއެކޭ އެއްގޮތަށް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުވާލެވިގެންދިޔަ ފުރުޞަތުގައި ގިނަ އަދަދެއްގެ ރައްޔިތުން ފޯމް ހުށަހަޅުއްވާނެކަމަށް އުއްމީދު ކުރައްވާ ކަމަށާއި، ފަހު ވަގުތައް މަޑު ނުކުރައްވާ ވީހާވެސް އަވަހަކަށް ފޯމް ހުށަހެޅުމަށް ހައުސިންގެ މިނިސްޓްރީން އިލްތިމާސް ކުރައްވައެވެ.

"އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި މިއަދު ސަރުކާރުން މި ނިންމެވި ނިންމެވުމާއެކީގައި، އިތުރު އެތައް ރައްޔިތުން ތަކަކަށް ފުރުޞަތު ލިބިގެންދާނެ. ހުރިހާ ބޭފުޅުންނަށް އަޅުގަނޑުމެން ކުރަން ބޭނުންވާ އިލްތިމާސަކީ ސެޕްޓެމްބަރ މަހުގެ ނިޔަލަށް މުއްދަތު އިތުރުކުރި ނަމަވެސް، އެންމެ ފަހު ވަގުތާއި ޖެހެންދެން ނުތިއްބަވާ މާލޭ މުނިސިޕަލްޓީގެ ދަފަތަރުގައި ޖެހެން ބޭނުންވާ ބޭފުޅުންވެސް އަދި ފްލެޓްގެ އެކި ކެޓަގަރީތަކަށް ފޯމް ހުށަހަޅާ ފަރާތްތަކުންވެސް އަވަސް ކުރައްވައިގެން ފޯމް ހުށަހެޅުމުގެ މަސައްކަތް ކުރެއްވުން" ހައުސިން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް ހަސަން ޒަރީރު ވިދާޅުވިއެވެ.

އީދު ބަންދުގެ ކުރިއަށް ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް އެދި ގާތްގަނޑަކަށް 15000 އަށްވުރެ ގިނަ ފޯމް އަދި މާލޭ މުނިސިޕްލްޓީގެ ދަފަތަރުގައި ޖެހުމަށް1800 އަށްވުރެ ގިނަ ފަރާތްތަކުން ފޯމް ހުށަހަޅުއްވާފައިވާ ކަމަށްވެސް ހައުސިންގެ މިނިސްޓްރީން ވިދާޅުވިއެވެ.

ސަރުކާރުގ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ހުޅުމާލޭގައި ދެވަނަ ފިޔަވަހީގައި ކުރިޔަށް ގެންދާ "ހިޔާ" މަޝްރޫއުގެ ތެރެއިން ފްލެޓު ހޯދުމަށް ފޯމް ދޫކުރަން ފެށީ މި އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދ

    ރާއްޖެއިން ބޭރުގައި އުޅޭ މުއްސަނދިންނަށް އަމާޒުކުރިއިރު ރާއްޖޭގެ ރަށްރަށުގައި އުޅޭ ނިކަމެތި ރައްޔިތުންނަށް އެއްވެސް ގޮތެއް ނެތް. މާލެ ދަތުރެއް ކޮށްފަ ތި ފޯމެއް ލެވޭނީ ގާތްގަނޑަކަށް 3000 ރުފިޔާ ޚަރަދުކޮށްގެން . މި ސަރުކާރުން ތަކެތީގެ އަގުބޮޑުކުރުމުގެ ސަބަބަުން ލިބޭ އެއްޗަކުން ދެކޮޅެއް ނުޖެއްސޭ. ދެން ނިކަމެތިންނަށް އޮތީ ކޮންކަމެއް. އަބަދުވެސް ބޮޑުންނަށް މޮޅުގޮތް