މިނިސްޓްރީ އޮފް އިސްލާމިކް އެފެއާސްއާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ގުޅިގެން "ޔޫތު ފޯ ނޭޝަން" ޓޯކް ފޯރަމްގެ ނަމުގައި މަޝްވަރާ މަންސައެއް މިއަދު ބާއްވައިފިއެވެ.

ނެޝެނަލް އާޓް ގެލެރީގައި މިއަދު ހެނދުނު އޮތް މި ހަފްލާ ޝަރަފުވެރި ކޮށްދެއްވާފައިވަނީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރެވެ.

މިއީ ދިވެހި ޒުވާނުންގެ ހިތުގައި ޤައުމީ ލޯތްބާއި އެއްބައިވަންތަކަން އާލާކުރުމުގެ ގޮތުންނާއި ދިވެހިރާއްޖޭގައި އިސްލާމީ ވަޙުދަތު ހިފަހައްޓައި، އިސްލާމީ ތަޤާފަތް ދިރުވުމަށް ޒުވާނުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ފޯރަމްއެކެވެ.

އޭގެއިތުރުންވެސް އިސްލާމިކް އެފެއާސްގެ ޒިޔާދު ބާގިރާއި ބައެއް މުއައްސަސާ ތަކުގެ އިސްފަރާތްތަކާއި ބައެއް މުއައްޒަފުންވެސް ވަނީ ބައިވެރިވެފައެވެ.

މި ފޯރަމްގައި މިނިސްޓަރު ބާގިރު ދެއްކެވި ވާހަކަފުޅުގައި އޭނާ ވަނީ ގައުމުގައި ޒުވާނުންގެ ހިއްސާ ބޮޑުކަމަށާއި އަދި ކާބަފައިން ހޯދައިދިފައިވާ ޝަރަފާއި މަތިވެރިކަން މިއަދުގެ ޒުވާނުން ދަމަހައްޓަން ވާނެކަމަށް ވިދާޅުވެފައެވެ.

މި ފޯރަމްގައި ބައިވެރިވެފައިވާ މުއައްސަސާތަކުގެ ތެރޭގައި ހިމެނެނީ ސްޓެލްކޯ، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމް.އެން.ޔޫ)، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ، މެޕްސް ކޮލެޖް، ކްލިކް ކޮލެޖް، އެލައިޑް އިންޝުއަރެންސް، ދިރާގު، ޕީއެސްއެމް، ގްރޭޓާ މާލެ، މޯލްޑިވްސް އިސްލާމިކް ބޭންކް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، މޯލްޑިވްސް ޕޯސްޓް އަދި އެސްޓިއޯއެވެ.

މި ފޯރަމް ޝަރަފުވެރިކޮށްދެއްވާ މިނިސްޓަރު އާދަމް ޝަރީފު އުމަރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ ކާބަފައިންގެ އާދަކާދަ ދެމެހެއްޓުމުގެ ވިސްނުން އަދުގެ ޒުވާނުންގެ އެބަހުރި ކަމަށާއި ނަމަވެސް މިއަދު އެފަދަ ބައެއް ކަންކަން މިއަދު ދަނީ ބަދަލުވަމުން ކަމަށެވެ.

"ހިތްހަމަ ޖައްސާލުމަށް ކުޅޭ ކުޅިވަރުތަކާއި އިޖްތިމާއީ ގޮތުން އެކަކު އަނެއްކަކަށް އޮންނަ ގާތްކަމާއި ރަހުމަތްތެރިކަން ދައްކުވައިދޭ ކުޅިވަރު ތަކަކީވެސް އަޅުގަނޑުމެންގެ އާދަކާދަ އާއި ސަގާފަތާއި ގުޅިފަ އޮންނަ ކަމެއް. އެހެންނަމަވެސް، އަޅުގަނޑުމެންގެ އާދަކާދަ އާއި ސަގާފަތާއި ގުޅިފަ އޮތް ކަމެއް ނޫން އީދުގެ އުފަލުގައި ކުޅޭ ފެންކުޅިއަކީ. އަޅުގަނޑުމެންގެ އާދަކާދަ އާއި ސަގާފަތާއި ގުޅިފަ އޮތް ކަމެއް ނޫން ފެނުގެ ތެރެއަށް ކުލަ އަޅައިގެން ފެންޖެހުން" މިނިސްޓަރު އާދަމް ޝަރީފު ދެއްކެވި ވާހަކައިގައި ވިދާޅުވެފައިވެއެވެ.

އޭގެއިތުރުންވެސް އެފަދަ ކަންކަމަކީ އިސްލާމް ދީނާއި ފުށޫ އަރާފަދަ ކަންތައްތައް ކަމަށްވެސް އާދަމް ޝަރީފުވަނީ ވިދާޅުވެފައެވެ.

މި ފޯރަމްއަކީ މިއަދުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފޯރަމްއެކެވެ.

ކިޔުންތެރިންގެ ހިޔާލު