އައްޑޫ ސިޓީ މަރަދޫގައި ދެ ސައިކަލު ޖެހިގެން އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ދެ މީހުން އިތުރު ފަރުވާ އަށް މާލެ ގެނެސްފިއެވެ.

އެ ދެ ޒުވާނުން ވެސް މާލެ ގެނެސްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

މި އެކްސިޑެންޓު ހިނގީ މަރަދޫ އާއި މަރަދޫފޭދޫ ގުޅޭ ސަރަހައްދުގެ ލިންކު ރޯޑުންނެވެ. ގޯޅިއަކުން ލިންކު ރޯޑަށް ނިކުތް ސައިކަލެއް ލިންކު ރޯޑުން ހިތަދޫއާއި ވީކޮޅަށް ދިޔަ ސައިކަލެއްގައި ޖެހިގެން ހިނގި އެކްސިޑެންޓްގައި ތިން ޒުވާނުންނަށް އަނިޔާވިއެވެ. ނަމަވެސް ބޮޑެތި އަނިޔާތަކެއް ވެފައި ވަނީ ދެ ޒުވާނުންނަށެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާވި ތިން މީހުންގެ ތެރެއިން ދެމީހެއްގެ ފައި ބިންދައިގެން ގޮސްފައިވާ ކަމަށެވެ. އެކެއްގެ ފައިގެ ދެ ތަނަކުން ބިނދި ފައިވާ ކަމަށް ވެސް ހޮސްޕިޓަލުން ވިދާޅުވެއެވެ.

ތިންވަނަ ޒުވާނާގެ ހަށިގަނޑު ބައެއް ތަންތަން ވަނީ މަށައިގެން ގޮސްފައެވެ.