ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ހުޅަނގު ފަރާތުގައި ތަރައްގީ ކުރަމުންދާ ޕާކިންގ އޭޕްރޮން މަސައްކަތުގެ ބޮޑު ބައި ނިންމާ އޮކްޓޯބަރު މަސް ތެރޭގައި ބޭނުން ކުރަން ފަށާނެކަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިދާޅުވެއްޖެއެވެ.

އެމްއޭސީއެލްގެ އެމްޑީ އާދިލް މޫސާ ވިދާޅުވީ، މިހާރު ތައްޔާރުކުރަމުންދާ ރަންވޭއައެކު ދެ އޭޕްރޯންއެއް ތައްޔާރުކުރެވެމުންދާ ކަމަށެވެ. އެއީ ވެސްޓް އޭޕްރޮން އާއި އީސްޓް އޭޕްރޮންއެވެ.

އާދިލް ވިދާޅުވީ، އީސްޓް އޭޕްރޮންގެ އަމަލީ މަސައްކަތުގެ ބޮޑުބައި ނިމިފައިވާކަމަށެވެ. އަދި ވެސްޓް އޭޕްރޮންގެވެސް ބޮޑު ބައެއް ނިމި، އަންނަ އޮކްޓޯބަރު މަސް ތެރޭގައި އެ އެޕްރޮންގެ ބޮޑު ބައެއް ބޭނުންކުރެވެވިދާނެކަމަށް އާދިލް ވިދާޅުވިއެވެ.

"އޭޕްރޮން ބޮޑު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސް ވެސްޓް އެޕްރޮން ވިންޓާސީޒަން ފެށެން ވާއިރަށް ބޭނުންކުރެވިގެންދާނެ ކަމަށް. އަޅުގަނޑުމެން އިތުރު ފްލައިޓްތަކަށް ހުއްދަދިނީ ވެސްޓް އޭޕްރޮން އެވޭލިބަލްވާނެކަމަށް ބަލާފައި. އެތަނުގައި ވެސް ގިނަ މަސައްކަތްތަކެއް ނިމިފައި ހުރުމާއެކު އަޅުގަނޑު މި ބަލަނީ އޮކްޓޯބަރު މަހު ތެރޭގައި ބޭނުން ކުރެވެން ފެށޭނެކަމަށް". އާދިލް ވިދާޅުވިއެވެ.

ވެލާނާ އެއާޕޯޓުގައި އާ އޭޕްރޮންއެއް އަޅަން ނިންމާފައި ވަނީ އަލަށް ގިނަ ފްލައިޓްތަކެއް އިތުރުވާނެކަމަށް ބަލައި ޕާކުކުރާނެ ޖާގަ އިތުރުކުރުމަށެވެ.

އެމްއޭސީއެލްއިން ޔަގީންކަންދޭގޮތުގައި، އައު ބޮޑު ރަންވޭ ނިމި ޕާކިންގ އޭރިއާ ބޮޑުވެ އޭޕްރޮންތައް ނިމުމާއެކު ގިނަ އެއާލައިންތަކެއްގެ ދަތުރު ފަށާނެއެވެ.