ނ.ވެލިދޫގެ ތަރައްޤީގެ ބާނީއަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވެލިދޫގެ ރައްޔިތުން ނިކުންނާނީ ތަރައްޤީ ދިފާއުކުރަންކަމަށް ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ނ.ވެލިދޫ ނަރުދަމާގެ ނިޒާމާއި، ފެނުގެ ނިޒާމް އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތަކުގެ ނިމުން ފާހަގަ ކުރުމަށް މިރޭ ވެލިދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ވިދާޅުވީ، ވެލިދޫގެ ތާރީޚްގައި ވެލިދޫއިން ރައީސަކަށް ކީ އެންމެ ހޫނު މަރުޚަބާ މިރޭ ރައީސް ޔާމީނަށް ކިޔާފައިވަނީ ވެލިދޫ ރައްޔިތުން އުފާކުރަންޖެހޭ ބައިވަރު ސަބަބުތަކެއް ހުރީމަ ކަމަށާއި، ރައީސް ޔާމީންގެ ޒައާއްމަތުގައި ވެލިދޫގެ ރައްޔިތުންނަށް ލައްކަ ގިނަ ކަންތައްތައް ކޮށްދެއްވާފައިވާ ކަމަށެވެ.

"ވޭތުވެދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި ނުވެފަ ހުރި ކަންތައްތައް މި ސަރުކާރުގެ ފަސް އަހަރު ތެރޭގައި ކޮށްދެއްވައިފި. އަޅުގަނޑުމެންނަށް ނަރުދަމާގެ ނިޒާމް ލިބިގެން ގޮސްފި، އަޅުގަނޑުމެންނަށް ފެނުގެ ނިޒާމް ލިބިގެން ގޮސްފި، އަޅުގަނޑުމެންނަށް ފުރިހަމަ ބަނދަރެއް ލިބިގެން ގޮސްފި، އަޅުގަނޑުމެންނަށް ބިރުވެރިކަމަކަށް ވެފައި އޮތް ގިރާ ސަރަހައްދު ރައްކާތެރިކަމާ އެއްކޮށް ހިމާޔަތް ކޮށްދީފި، ރަށުގައި ތިބެގެން ބޭންކިންގެ ޚިދުމަތް މިއަދު ލިބެމުން އެބަދޭ. ދެން އަޅުގަނޑުމެން ކޮން ކަމެއްތޯ އިތުރަށް މި ފަސް އަހަރު ރައީސަ އަރިހުން އެދެން އޮތީ؟ އަޅުގަނޑު ދަންނަވަން އޮތީ ވެލިދޫ ރައްޔިތުން ރައީސްއަށް ސެލިއުޓް ކުރަމޭ." މެންބަރު ޔާމީން ރައީސް ޔާމީނަށް ސެލިއުޓް ކިރައްވާ ވިދާޅުވިއެވެ.

މެންބަރު ޔާމީން ވިދާޅުވީ، އެ ސާޅީސް އަހަރު ދުވަހުގެ ތެރޭގައިވެސް ވެލިދޫގައި މީހުންވެސް ދިރިއުޅުނު ކަމަށާއި، ވެލިދޫ ރައްޔިތުން ބަނދަރާއި، ފެނާއި، ނަރުދަމާގެ އިތުރުން ގިރާ ސަރަހައްދު ހިމާޔަތް ކުރާށާއި، ތައުލީމީ ދާއިރާ އަދި ހަމަ އެއާ އެއްކޮށް އެކި އެކި ދާއިރާތަކުން ރަށް ކުރިއަރުވަން ބޭނުންވި ނަމަވެސް މި ސަރުކާރުގެ ކުރީގެ 40 އަހަރުގެ ތެރޭގައި އޭގެން އެއްވެސް ކަމެއް އާރުލާ ގޮތެއްގައި ކުރެވިފައި ނެތް ކަމަށެވެ.

"2013 ވަނަ އަހަރު ރައީސް ޔާމީން ސަރުކާރާ ހަވާލުވެވަޑައިގެން ކުއްލިއަކަށް، ހަމަ ކުއްލިއަކަށް ވެލިދޫ ތަރައްޤީ ވަނީ، ހަމަ ހުއްޓާނުލާ ތަރައްޤީވަނީ، ޕްރޮޖެކްޓަކަށްފަހު ޕްރޮޖެކްޓެއް މިއޮތީ އައިސް ނިމިފަ. އެހެންވެގެން ވެލިދޫ ރައްޔިތުން ނިކުމެ މިހާ ހޫނު މަރުޚަބާއެއް ކިއިގެން ދިޔައީ." ވެލިދޫގެ ތަރައްޤީގެ ދުވެލި އިތުރަށް ތިލަ ކުރައްވަމުން މެންބަރު ޔާމީން ވިދާޅުވިއެވެ.

ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ވިދާޅުވީ، ވެލިދޫ ރައްޔިތުންނަކީ ސިޔާސީ ވާއިރު ފިސާރި ރަނގަޅަށް ސިޔާސީވެލާ ބައެއް ކަމަށާއި، އެހެންކަމުން 23 ސެޕްޓެމްބަރ ގައި ވެލިދޫ ރައްޔިތުން ސިޔާސީ ވެލައިގެން ނިކުންނާނީ ވެލިދޫގެ ތަރައްޤީ ދަމަހައްޓަން ކަމަށެވެ.

"ދަންނަނަވަންތޯ ވެލިދޫގެ ތަރައްޤީ ދަމަހައްޓަވާ ވާހަކަ އަޅުގަނޑުމެން ދައްކާއިރު މީ ޔޯލަ ޔޯލަ ވާޙަކައެއް ނޫން، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައ ރައީސް ޔާމީން ވަނީ ތަޔައްޤީގެ މަލަމަތި ދައްކަވައި، ތަރައްޤީގައި ވެލިދޫގެ ރައްޔިތުންނަށް އަތްލެވޭ މިންގަނޑަށް ކަން ގެންގޮސްދެއްވާފަ." ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، "އަދިވެސް ބުނާނެ މި ބިތުގައި އަޅުގަނޑުމެން ބޭނުމޭ އެއާޕޯޓޭ، އަޅުގަނޑުމެން ބޭނުންވަނީ ތާރު އަޅާށޭ، އަދި ތިމަންނާމެން ބޭނުންވަނީ އޮޑި އެހެލާ ސަރަހައްދު ހަދަންށޭ. އެހެންނަމަވެސް ދަންނަވަންތޯ ވާހަކައެއް. ދެވަނަ ދައުރެއް ދެއްވާފަ ދެން ތިވާހަކަ ދައްކާލީމާ އެނގޭނީ ރައީސް ޔާމީންގެ ގަޓް ހުރި މިންވަރު، ރައީސް ޔާމީންގެ މަސައްކަތްތެރިކަން." ކަމަށެވެ.

ޔާމީން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރައްވަނީ 23 ސެޕްޓެމްބަރ ގައި އަނެއްކާވެސް ދިވެހިރާއްޖެ ފަހަތައް ގެންދަން ކަމަށެވެ. ނަމަވެސް ފަހަތަށް ދާން ދިވެހި ރައްޔިތުން ނޭނުމް ނުވާ ކަމަށާއި، އެކަން ނުވާނެ ކަމަށް އަދި ހާއްޞަކޮށް ވެލިދޫއިން އެކަން ނުވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެން މީގެ ކުރީގައިވެސް ވެރިން ދެކެފީމޭ، އެހެން ނަމަވެސް ސާޅީހަކަށް އަހަރު މިދިޔައީ ވެލިދޫގައި. ހަމަ ޤައިމުވެސް އަޅުގަނޑުންނަށް އެބަފެނޭ ކަތީބުކަން ކުރެއްވި ބޭފުޅުން، އަޅުގަނޑުމެންނަށް އެބަފެނޭ ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރެއްވި ބޭފުޅޫން، އެބޭފުޅުންވެސް އެއްބަސްވާ ހަޤީގަތަކީ ރައީސް ޔާމީނަކީ ވެލިދޫގެ ތަރައްޤީގެ ބާނީއޭ." ވެލިދޫގެ ތަރައްޤީގެ ބާނީއަކީ ރައީސް ޔާމީންކަމަށް ވިދާޅުވެ މެންބަރު ޔާމީން ވިދާޅުވިއެވެ.

ނ.ވެލިދޫގެ ތަރައްޤީގެ ބާނީއަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވެލިދޫގެ ރައްޔިތުން ނިކުންނާނީ ތަރައްޤީ ދިފާއުކުރަންކަމަށް ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ވިދާޅުވިއިރު، ރައީސް ޔާމީން މިރޭ ވެލިދޫއަށް ވަޑައިގެންނެވުމުން ވެލިދޫ ފަސްގަނޑުން އެމަނިކުފާނަށް ހޫނު މަރުޚަބާއެއް ކިޔާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު