އިލެކްޝަންސް ކޮމިޝަނަށް އެސްއެމްއެސް ކޮށްގެން ވޯޓިން ލިސްޓްގެ މައުލޫމާތު ސާފުކުރަން ވެސް ދަތިތައް ދިމާވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު މީޑިއާތަކަށް ފޮނުވި އެސްއެމްއެސްއެއްގައި ވިދާޅުވީ ރޭ މެންދަމުން ފެށިގެން އިންޓަނެޓްގެ ޚިދުމަތް މެދުކެނޑިފައި ވާތީ 1414 ބޭނުން ކުރުމުގައި ދަތިތަކެއް ކުރިމަތި ވަމުންދާތީ މިޙިދުމަތް ބޭނުންކުރައްވާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް މަޢާފަށް އެދޭކަމަށެވެ. މިމައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

އުރީދޫގެ އިންޓަނެޓް ޚިދުމަތައް ބުރޫ އަރާ މިއަދު ވަނީ ގިނަ އިރުތަކަކަށް އިންޓަނެޓްގެ ޚިދުމަތް މެދުކެނޑިފައެވެ. މިހާރު ކޮންމެވެސް ވަރަކަށް އިންޓަނެޓްގެ ޚިދުމަތް އުރީދޫ މެދުވެރިކޮށް ލިބެމުން ދިޔަނަމަވެސް އަދިވެސް ޚިދުމަތް ބޭނުން ކުރުމުގައި ދަނީ ދަތިތައް ދިމާވަމުންނެވެ.

އުރީދޫ އިން ބުނީ ދިމާވެފައިވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ރީ-ރަޖިސްޓްރީވި ފަރާތްތަކުގެ ލިސްޓް އާންމުކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.