އަންނަ މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު އޮބްޒާރވް ކުރުމަށާއި މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް އަންނަ ބޭރުގެ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ބިޒްނަސް ވިސާ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކޮށް އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ އެ ވީސާ ދޫކުރެވޭނީ އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ނުވަތަ މޮނީޓަރެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި ޓުއަރިސްޓުންގެ ގޮތުގައި ރާއްޖެއަށް އެތެރެވުމަށްފަހު އިލެކްޝަން އޮބްޒާވްކުރުމަށް ނުވަތަ މޮނީޓާ ކުރުންފަދަ ކަންކަން ކުރިއަށް ގެންދިއުމަކީ އިމިގްރޭޝަންގެ ގާނޫނާ ހިލާފް ކަމެއް ކަމަށްވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އަދި ޓުއަރިސްޓް ވީސާގައި އެތެރެވެ އިންތިހާބު ކަވަކުރުމުގެ އެއްވެސް މަސައްކަތެއްގައި ޝާމިލުވާ ފަރާތްތަކާމެދު އެ އިދާރާގެ ގާނޫނުގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

މި ބަޔާނުގައި އިތުރަށް ވިދާޅުވެފައިވާ ގޮތުން ބިޒްނަސް ވިސާ ގަވާއިދުގައި ބުނެފައިވާ ލިޔެކިޔުންތަކުގެ އިތުރުން ރިޔާސީ އިންތިހާބު ކަވަ ކުރުމަށް ދީފައިވާ ހުއްދައާއެކު ބިޒްނަސް ވިސާގެ ގަވާއިދާ އެއްގޮތަށް ފޯމް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

"ފުރިހަމަ ނުވާ އެޕްލިކޭޝަންތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާތިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ. އިލެކްޝަންސް ކަވަރ ކުރުމަށް އަންނަ ފަރާތްތައް ރާއްޖެ އަށް އަންނަން ވާނީ ބިޒްނަސް ވިސާ އެޕްރޫވް ވުމުންނެވެ. ބިޒްނަސް ވިސާ އެޕްރޫވް ވުމުގެ ކުރިން އަންނަ ފަރާތްތައް ރާއްޖެ އަށް އެތެރެވުމުގެ ހުއްދަ ނުދީ ފޮނުވާލެވޭނެއެވެ" އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އިންތިހާބު ކަވަރ ކުރުމަށް ބޭނުންވާ ފަރާތްތަކުން ބިޒްނަސް ވިސާއަށް އެދި ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 15 ވަނަ ދުވަހެވެ.