ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަން އަދި ޖަޕާނުގެ ފުޓުބޯޅަ ފެޑެރޭޝަން އާއި ގުޅިގެން ކުރިޔަށް ގެންދާ 19 އަހަރުން ދަށުގެ މުބާރާތުގައި އެންމެފަހުން ތިން އަހަރުގެ ޗެމްޕިއަން އީގަލްސް ކުޅުނު ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗު އީގަލްސްއިން ކާމިޔާބު ކޮށްފައިވަނީ 2-4 ގެ ނަތީޖާ އަކުންނެވެ. މެޗުގައި ނިއުއިން ފުރަތަމަ ދެ ގޯލް ޖެހި ނަމަވެސް އީގަލްސްއިން ވަނީ ފަހަތުން އަރައި، ނަތީޖާ އަނބުރާލައިފައެވެ.

ޔޫތު ޗެމްޕިއަންޝިޕް 2018: ނިއުރޭޑިއަންޓް އަދި އީގަލްސް ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މެޗުގެ ފުރަތަމަ ހާފުގެ ތިންވަނަ މިނެޓުގައި ނިއު ރޭޑިއަންޓުން ވަނީ ލަނޑެއް ކާމިޔާބުކޮށް، ލީޑު ނަގައިފައެވެ. އެ ލަނޑު ނިއުއަށް ކާމިޔާބު ކޮށްދީފައި ވަނީ އެޓީމުގެ ޔޫސުފް ޖައިޝަމް ނާފިޒް އެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ނިއު ރޭޑިއަންޓުން ކުޅެފައިވާ އިރު، އީގަލްސް ޓީމުން އައީ ލަނޑު ޖަހާނެ ފުރުސަތު ހޯދަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އީގަލްސް އަށް ލިބުނު ފުރުސަތު ތަކުގައި އެންމެ އެދެވޭ ގޮތުގައި ބޭނުން ކުރެވިިފައެއް ނުވެއެވެ.

ފުރަތަމަ ހާފުގެ 30 ވަނަ މިނެޓާއި ހަމަ އަށް އިތުރު ލަނޑެއް ފެނިގެން ގޮސްފައި ނުވާއިރު ނިއު ރޭޑިއަންޓުން މޮޅު ކުޅުމެއް ދައްކަމުން އައިސް ފުރަތަމަ ހާފްގައި ނިއުއިން ލީޑު ފުޅާކުރިއެވެ. އެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިން ޔޫސުފް ޖައިޝަމްއެވެ.

ނިއުގެ ގޯލަށް މާ ގިނައިރެއް ނުވެ، ހާފް ނިމެން ދަނިކޮށް 41 ވަނަ މިނެޓުގައި އީގަލްސްގެ އަހްމަދު ސަމާހު ވަނީ ލަނޑެއް ކާމިޔާބު ކޮށްދީ އީގަލްސްއަށް ހިތްވަރެއް ގެނެސްދީފައެވެ.

ޔޫތު ޗެމްޕިއަންޝިޕް 2018: ނިއުރޭޑިއަންޓް އަދި އީގަލްސް ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ދެވަނަ ހާފް ވަރުގަދަކޮށް ފެށީ އީގަލްސްއިންނެވެ. ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފުގައި އީގަލްސްއިން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ގިނައިން ޕާސްތަކެއް ޖަހައިގެން ކުޅެފައެވެ. ނަތީޖާއެއްގެ ގޮތުން އީގަލްސްއިން ނަތީޖާ ހަމަހަމަ ކުރިއެވެ. އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައި ވަނީ މެޗުގެ 76 ވަނަ މިނެޓު ހުސެއިން އަހުސަމް މޫސާ އެވެ.

ފަހަތުން އަރާ އެއްވަރު ކުރުމަށް ފަހު އީގަލްސްއިން އާ ހިތްވަރަކާއެކު ކުޅެން ފެށިއެވެ. އަދި މެޗުގެ 82 ވަނަ މިނެޓުގައި އީގަލްސްގެ އިބްރާހިމް އިލްހާން އިސްމާއިލް ވަނީ ލަނޑެއް ކާމިޔާބު ކޮށް ލީޑު ހޯދައި ދީފައެވެ. އެއަށްފަހު 86 ވަނަ މިނެޓުގައި އަހްމަދު ސަމާހުގެ ދެވަނަ ގޯލާއެކު އީގަލްސްއިން މެޗުގެ ނަތީޖާ ޔަގީން ކުރިއެވެ.

ޔޫތު ޗެމްޕިއަންޝިޕް 2018: ނިއުރޭޑިއަންޓް އަދި އީގަލްސް ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އީގަލްސްއަށް ދެ ގޯލް ޖަހައިދިން އަހްމަދު ސަމާހުއެވެ.

މިއަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގައި ވާދަކުރާނީ ހަތަރު ކްލަބެކެވެ. މުބާރާތް ފެށުމުގެ ގޮތުން އިއްޔެ ހަވީރު ކްލަބު ގްރީން ސްޓްރީޓްސްއާއި މާޒިޔާ ވާދަކުރި މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މުބާރާތުގެ މެޗުތައް ދެން އޮންނާނީ މާދަމާއެވެ. ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ ކްލަބް ގްރީން ސްޓްރީޓްސްއާއި އީގަލްސްއެވެ. މާދަމާ ރޭ އޮންނަ މެޗުގައި ވާދަކުރާނީ މާޒިޔާއާއި ނިއު ރޭޑިއަންޓެވެ.

ކިޔުންތެރިންގެ ހިޔާލު