މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އެކަށީގެންވާ މާޙައުލެއް މިވަގުތު އެބައޮތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވިދާޅުވެއްޖެއެވެ.

އެޗްއާރްސީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ މިނިވަން، އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް އޮތްތޯ ކަށަވަރުކުރުމުގެ ގޮތުން، އެ ކޮމިޝަނުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށާއި މިގޮތުން އިންތިޚާބު އޮބްޒާވްކުރުމުގެ މަސައްކަތް ތިން ބަޔަކަށް ބަހާލައިގެން ކުރާއިރު، އިންތިޚާބުގެ ކުރިން ހިނގާ ކަންތައްތައް ދެނެގަތުމާއި، ވޯޓުލާ ދުވަހު އިންތިޚާބު އޮބްޒާވްކުރުމާ އަދި އިންތިޚާބުގެ ފަހުން ހިނގާ ކަންކަން ބެލުމަށް ރޭވިފައިވާ ކަމަށެވެ.

މިގޮތުން، އިންތިޚާބާ ގުޅުންހުރި ޤާނޫނުތަކާއި، ޤަވާއިދުތަކާ އަދި އުސޫލުތަކަށް އައިސްފައިވާ ބަދަލުތައް ދިރާސާ ކުރުމުގެ މަސައްކަތްތަކާއި، އިންތިޚާބުގެ ކުރިން ހިނގާ ކަންކަން ދެނެގަތުމުގެ ގޮތުން ޚަބަރު ފަތުރާ ވަސީލަތްތަކާއި މީޑީއާގެ އެކި ވަސީލަތްތައް މޮނިޓަރކުރުމާއި، ކަމާގުޅުން ހުރި އިދާރާތްތަކާއި ސިޔާސީ ޕާޓީތަކާ ބައްދަލުކުރުމާއި، އިންތިޚާބާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅި މައްސަލަތަކާ އަދި ކޮމިޝަނަށް ފާހަގަވި ކަންކަމާ ގުޅޭގޮތުން ކަމާގުޅުންހުރި މުއައްސަސާތަކާ ބައްދަލުކޮށް އެކަންކަން ހައްލު ކުރެވިފައިވާ ކަމަށް އެޗްއާރްސީއެމް އިން ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކޮމިޝަނުގެ ޓީމްތަކުން ޒިޔާރަތްކޮށް އެ ރަށްރަށުގައި އިންތިޚާބު ބޭއްވޭނެ މާހައުލެއް ޤާއިމުވެފައިވޭތޯ ދެނެގަނެވިފައިވާ ކަމަށާއި މީގެއިތުރުންވެސް، ވޯޓުލުމުގެ ޙައްޤާއި އިންތިޚާބާ ގުޅިގެން އާންމުން ހޭލުންތެރިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން މި ބަޔާނުގައި އެޗްއާރްސީއެމް އިން ވަނީ ފާހަގަކޮށްފައެވެ.

"މިގޮތުން، މިހާތަނަށް ކުރެވުނު މަސައްކަތުގެ އަލީގައި ކޮމިޝަނަށް ފާހަގަކުރެވުނީ، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އެކަށީގެންވާ މާޙައުލެއް މިވަގުތު ޤާއިމުވެފައިވާކަމަށެވެ." އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މި މާޙައުލު މިގޮތަށް ދެމެހެއްޓުމަށް ކަމާބެހޭ އިދާރާތަކާއި ސިޔާސީ ޕާޓީތަކާ އަދި އަމިއްލަ ފަރުދުން މަސައްކަތްކުރުމަށް އެޗްއާރްސީއެމް އިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ސިޔާސީ ޕާޓީތަކުން ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ މަސައްކަތްތައް ކުރިޔަށް ގެންދާއިރު ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި، ފިތުނަފަސާދަ އުފެދޭނެ ގޮތަށް ތާއީދު ހޯދުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް ސިޔާސީ ޕާޓީތަކަށް ވެސް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.