ބައިނަލްއަޤުވާމީ މަސްރަހު ކޮންމެ ގޮތަކަށް ބަދަލުވި ނަމަވެސް އަބަދުވެސް ޗައިނާ އޮންނާނީ ރާއްޖޭގެ އެކުވެރިއްގެ ގޮތުގައިކަމަށް ޗައިނާއިން ވިދާޅުވެއްޖެއެވެ.

މިރޭ ބްރިޖް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗައިނާގެ ބައިނަލްއަޤުވާމީ އެހީތަކާއި ބެހޭ އެޖެންސީ ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޖެންސީގެ ވެރިޔާ ވަންގް ޒިއައޮޓާއޯ ވިދާޅުވީ، ބައިނަލްއަޤުވާމީ މަސްރަހު ކޮންމެ ގޮތަކަށް ބަދަލުވި ނަމަވެސް އަބަދުވެސް ޗައިނާ އޮންނާނީ ރާއްޖޭގެ އެކުވެރިއްގެ ގޮތުގައިކަމަށާއި، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ޗައިނާ އިން އަބަދުވެސް އިހްތިރާމް ކުރާނެކަމަށެވެ.

އޭނާ ވިދާޅުވީ، ބުރިޖުގެ މަޝްރޫޢު އަކީ ރާއްޖެ އާއި ޗައިނާގެ ގުޅުމުގެ ވަރަށް ބޮޑު ރަމްޒެއް ކަމަށެވެ. އައި ޗައިނާގެ ރައީސް ޒީ ޖިންޕިން އަމިއްލަފުޅަށް މިމަޝްރޫޢުގެ މަސައްކަތް ބައްލަވާ މަޝްރޫޢު ކުރިއަށް ދިޔަ ގޮތް ބެއްލެވިކަމަށްވެސް ވަންގ ވިދާޅުވިއެވެ.

"އަޅުގަނޑު މަރުހަބާ ދަންވަން ދިވެހި ސަރުކާރަށް މިބުރިޖުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވެދެއްވި އެހީތެރިކަމަށް". އޭނާ ވިދާޅުވިއެވެ.

ވަންގ ވިދާޅުވީ، ޗައިނާ އިން އަބަދުވެސް ރާއްޖޭގެ ތަރައްޤީ އަށް އެހީތެރިވެދޭނެ ކަމަށެވެ. އަދި މީގެ ކުރިން ވެސް އެފަދަ މަޝްރޫޢުތައް ޗައިނާ އިން ހިންގައިފިކަމަށާއި، ލ.އަތޮޅު ލިންކް ރޯޑަކީ އެކަމުގެ ހެއްކެއްގެ ގޮތުގައި، އޭނާ ފާހަގަކުރެއްވިއެވެ.

"މިބުރިޖަކީ ދިވެހި ރައްޔިތުންގެ ހުވަންފެންތަކެއް ސީދާ ވުން. މިއީ ދެރަށެއްގެ ދެމެދުގައި ހަމައެކަނި އެޅުނު ބުރިޖެއް ނޫން. މިއީ ދެގައުމުގެ ރައްޔިތުންގެ ހިތާއި ހިތުގެ ގުޅުން ގާއިމް ކޮށްދިން ބުރިޖެއް". އޭނާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ވަންގ ވިދާޅުވީ، ޗައިނާގެ ރައީސް ޒީ ޖިންޕިން ވެސް ވިދާޅުވާ ފަދައިން ރާއްޖޭގެ ނިންމުންތަކަށް ޗައިނާ އިން އިޙްތިރާމް ކުރާނެ ކަމަށެވެ. އަދި ބައިނަލްއަޤުވާމީ މަސްރަހު ކޮންމެ ގޮތަކަށް ބަދަލުވި ނަމަވެސް އަބަދުވެސް ޗައިނާ އޮންނާނީ ރާއްޖޭގެ އެކުވެރިއްގެ ގޮތުގައިކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ޗައިނާ އިން އަބަދުވެސް އިހްތިރާމް ކުރާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ،

"ހާލަތު ކޮންމެ ގޮތަކަށް ބަދަލު ވިނަމަވެސް ރާއްޖެ އާއި ޗައިނާ ދަތުރު ކުރާނީ އެއް މިސްރާބަކަށް. އެއީ ދެގައުމުގެ ރައްޔިތުންނަށް އެންމެ ފައިދާ ހުރި މިސްރާބު". އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ސިނަމާލެ ބްރިޖް ( +1500 މީޓަރ)
    200 މިލިޔަން ޑޮލަރ
    ޗައިނާގެ ހިލޭ އެހީ 116 މިލިޔަން ޑޮލަރ
    ދިވެހި ސަރުކާރު 12 މިލިޔަން ޑޮލަރު
    72 މިލިޔަން ޑޮލަރު ލޯނު އެހީ...
    ބިޒްނަސްބޭ ކްރޮސިން ( 1600 މީޓަރ)
    220 މިލިޔަން ޑޮލަރ