މިރޭ ހުޅުވި ސިނަމާލެ ބުރިޖަށް އެރުމުގެ ފުރުސަތު އެންމެނަށް ހުޅުވާލައިގެން ބާއްވާ އާއިލީ ހަވީރެއް ހޮނިހިރު ދުވަހު ހަވީރު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ސިނަމާލެ ބުރިޖަށް ފުރަތަމަ ފަހަރަށް އެރުމުގެ ފުރުސަތު ދިނުމަށް ބާއްވާ އާއިލީ ހަވީރުގައި ބައިވެރިވުމުގެ ފުރުސަތު ކުދި ބޮޑު އެންމެނަށް އާންމުކޮށް ވަނީ ހުޅުވާލާފައެވެ. ކުޑަކުދިންގެ ހަވީރު ފެށުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހު ހަވީރު ދަރުބާރުގެ ކައިރިން ބޮޑުތަކުރުފާނު މަގުންނެވެ.

މިރޭ ސިނަމާލެ ބުރިޖު ހުޅުވާފައި ވާއިރު ބުރިޖުގައި މާދަމާ ވަނީ ކައިވެނި ހަފްލާއެއް ބާއްވަން ނިންމާފައި ކަމަށް މައުލޫމާތު ލިބެއެވެ. އަދި މާދަމާ ރޭ ވެސް ބުރިޖުގައި ހަރަކާތްތަކެއް ކުރިއަށް ދާނެއެވެ.

ހޮނިހިރު ދުވަހު ހެނދުނު ބުރިޖުގައި ބައިސްކަލް ދުއްވުމުގެ ފުރުސަތު ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އާންމު ދަތުރުފަތުރަށް ސެޕްޓެމްބަރ 07 ވަނަ ދުވަހު ބުރިޖު ހުޅުވާލުމުގެ ކުރިން އެމްއެންޔޫގެ ގްރެޖްއޭޝަން ވެސް ބުރިޖު މަތީގައި ބާއްވާނެއެވެ. އަދި އޭގެ އިތުރުން އެކި އުމުރު ފުރާގެ އެކި ވަޒީފާތައް އަދާކުރާ ފަރާތްތަކަށް ވެސް ބުރިޖަށް ދިއުމަށް ވަކިވަކިން ދައުވަތު ދޭނެއެވެ.

ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުކޮށްފައި ވެއެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީއެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކޮށްފައި ވެއެވެ.

ސިނަމާލެ ބުރިޖުގައި ވެހިކަލްތަކަށް ހަތަރު ލޭން އޮންނާނެ އެވެ. އެއީ ހުޅުލޭ ކޮޅަށް ޚާއްސަ ދެ ލޭނާއި މާލޭ ކޮޅަށް ދެ ލޭނެވެ. މާލޭ ކޮޅުގެ ދެ ލޭންގައި، 3.5 މީޓަރު ހުންނައިރު، އަނެއް ދެ ލޭންގައި 3.2 މީޓަރު ހުންނާނެ އެވެ.

ގަޑިއަކު 60 ކިލޯ މީޓަރަށް ދުއްވާ ގޮތަށް ޑިޒައިންކޮށްފައިވާ ބްރިޖުން ގާތްގަނޑަކަށް ތިން މިނެޓުން ހުޅުލެ އާއި މާލެ ހުރަސްކޮށްލެވޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސުވާލަކީ؟

    ބްރިޖަށް އެރުމުގެ ފުރުޞަތުތައް ދެއްވާ ވާހަކަ އާ ގުޅިގެން އުފެދޭ ސުވާލަކީ، ކުރިޔަށް އޮތް ތަނުގައި ތި ބްރިޖަކީ ހުޅުލެ އާ މާލެ އާ ދެމެދު ދަތުރު ކުރުމަށް ޢާއްމުކޮށް ހުޅުވާލެވޭ މަގެއް ގޮތަށް ބޭނުން ކުރެވޭނެ ތަނެއް ނޫންހެއްޔެވެ؟ އަނެއްކާ ބްރިޖުން ދަތުރު ކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު ޚާއްޞަ ހުއްދައެއް ނަގަން ޖެހޭނެ ހެއްޔެވެ؟

    • ީއރ

      19 ވަނަ ފޮޅުވަތް ކިޔާލަބަލަ.

  2. ނޫން

    ނޫން ނުޖެހޭނެ

    އެކަމަކު ލާރި ދައްކަން ޖެހޭނެ ކަމަކަށް ބެލެވޭ