މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ތިން މީހެއްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލްކޮށްފި އެވެ.

ރިލްވާން ގަދަމުން ފޮރުވާފައިވާ ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާކޮށްފައިވަނީ ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. އޭގެއިތުރުން ސ ހުޅުދޫ އަތިރިއާގޭ، މުހައްމަދު ސުއައިދުގެ މައްޗަށްވެސް އެ ދައުވާ ކޮށްފައިވެއެވެ. މީގެ ތެރެއިން ސުމައިދު ރާއްޖޭގައި ނެތްކަމަށާއި އޭނާ ރާއްޖެއިން ބޭރުގައި މަރުވެފައިވާކަމަށް ބެލެވޭކަމަށް ދައުލަތުން މީގެކުރިން ކޯޓްގައިވަނީ ބުނެފައެވެ. އްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލްކޮށްފައިވަނީ މިއަދު 3:00 އަށެވެ.

މި މައްސަލައިގައި އެންމެފަހުން އަޑުއެހުމެއް ބާއްވައިފައިވަނީ މިމަހުގެ 1 ވަނަ ދުވަހު އެވެ. އެ ދުވަހުގެ އަޑުއެހުމުގައި ރިލްވާންގެ މަންމަ އާއި ރިލްވާންގެ އެއްބަނޑު 7 މީހެއްގެ ހެކިބަސް ވަނީ ނަގާފަ އެވެ.

އެމީހުންގެ ހެކިބަސްނެގީ ރިލްވާން ވަގަށް ނަގައިގެން ގެންދިޔަ ކާރުގެ ތެރެއިން ފެނުނު އިސްތައްޓެއްގެ ޑީއެންއޭއާ ރިލްވާންގެ މަންމަގެ ޑީއެންއޭއާ ދިމާވާތީ ރިލްވާންނޫން ރިލްވާންގެ މަންމަގެ ދަރިއެއް އެކާރަށް އަރާފައިނުވާކަން ސާބިތުކުރުމަށެވެ. ރިލްވާން މަންމަގެ ނުވަ ކުދިން ތިބޭއިރު އޭގެ ތެރެއިން އެއް ކުއްޖަކު ފިޔަވާ ހުރިހާ ކުދިންގެ ހެކިބަސްވަނީ ނަގާފައެވެ. އެކަކަު އެދުވަހުގެ އަޑުއެހުމަކަށް ހާޒިރެއް ނުވެއެވެ.