އުފެއްދުންތެރިކަމުގެ ރޮނގުން ޒުވާނުން ތަރައްޤީ ކުރުމުގެ ބޭނުމުގައި ކާބޯތަކެތީގެ "ފުޑް ފެއާރ" އެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޔޫތް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އުމުރުން 18 އަހަރާއި 35 އަހަރުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގޭ މި ފެއާރގެ އެއް މަޤްސަދަކީ ޒުވާނުން އުފައްދާ ކާބޯތަކެތި މާކެޓްކޮށް، ވިޔަފާރީގެ ދާއިރާއިން ޒުވާނުންނަށް ކުރިއަށް ދިޔުމުގެ މަގު ތަނަވަސްކޮށްދީ، ޒުވާނުންގެ ކަންކަމުގައި ޝާމިލު ކުރުން ކަމުގައި މިނިސްޓްރީން ބުނެއެވެ. އަދި ޒުވާނުންގެ އަމިއްލަ ރެސިޕީގައި ތައްޔާރު ކުރާ ކާބޯތަކެތި އާންމުންނަށް ބޭނުން ކުރެވޭނެ ގޮތް މަގުފަހި ކޮށް ދިނުމެވެ.

އެއްވެސް ފީއެއް ދެއްކުމަކާ ނުލައި ބައިވެރިވެވޭ މި ފެއާރގައި ބައިވެރި ވުމުގެ ފުރުސަތު މިހާރު މިވަނީ ހުޅުވާލައިފައެވެ. ބައިވެރިވުމަށް އެދޭ ފޯރމް ހުށަހެޅުމުގެ ސުންގަޑި އަކީ މި މަހުގެ 11 ވާ އާދިއްތަ ދުވަހެވެ. ހަމަ އެހެންމެ، މި ފެއާރގައި ވީހާވެސް ގިނަ ޒުވާނުންތަކެއް ބައިވެރިވެ، ހުނަރު ދައްކާލުމަކީ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެކެވެ.

މި ފުޑް ފެއާރ ބޭއްވުމަށް ހަމަ ޖެހިފައިވަނީ މި މަހުގެ 17 ވާ ހޮނިހިރު ދުވަހުގެ ހަވީރު 04:00 – 23:00 އަށް ޒުވާނުންގެ މަރުކަޒުގައެވެ.