ފެނަކަ ކޯޕަރޭޝަނުގެ އެމްޑީގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފު، އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ރައީސް އަބްދުﷲ ޔާމީން އީސީގެ މެމްބަރުކަމުގެ މަގާމަށް ޝަރީފްގެ ނަން ފޮނުވުމުން މަޖިލީހުން ވަނީ މިއަދު ވަނީ ދިރާސާކޮށް ފާސްކުރުމަށް ކޮމިޓީއަށް ފޮނުވާފައެވެ. މިއަދު ބޭއްވުނު ކޮމިޓީ ބައްދަލުވުމުގައި ނަން ދިރާސާ ކުރުމަށްފަހު ޝަރީފް ހާޒިރުކޮށް އިންޓިވިއުއެއް ކޮށްފައިވެއެވެ.

ޝަރީފްގެ ނަން ފާސްކޮށްފައިވަނީ 77.3 ޕަސެންޓު މާކްސް ލިބިގެންނެވެ. ނަން ފާސްވާނީ މަދުވެގެން 75 ޕަސެންޓު މާކްސް ލިބިގެންނެވެ.

ޝަރީފު އަކީ މީގެ ކުރިން އީސީގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމާއި ޕީއޭގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައިވާކަން ވެސް ފާހަގަ ކުރެވެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވި އަހުމަދު ސުލައިމާން މިހާރު ވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރު ކަމަށް އަދި ރައީސް ކަމަށް އައްޔަން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު