ޅ.ނައިފަރުގައި ހުންނަ ޅ.އަތޮޅު ހޮސްޕިޓަލްގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ސަރުކާރުން އިމާރާތްކުރި ފަސް ބުރީގެ ހޮސްޕިޓަލް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުޅުވައިދެއްވައިފިއެވެ.

މިއަދު ހަވީރު އެރަަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން އެރަށު ހޮސްޕިޓަލް އެމަނިކުފާނު ހުޅުވާދެއްވިިއިރު، އެ ހޮސްޕިޓަލުން މީގެކުރިން ނުލިބޭ ގިނަ ހިދުމަތްތަކެއް ލިބޭނެއެވެ.

ދައުލަތުގެ ބަޖެޓުން 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން އިމާރާތްކުރި އެ ހޮސްޕިޓަލުގައި ވަނީ އެންމެފަހުގެ ޒަމާނީ ވަސީލަތް ޤާއިމުކޮށްފައެވެ.

އެލިއާ އިންވެސްޓްމެންޓާއި ހަވާލުކޮށްގެން އިމާރަތްކުރި އެ ހޮސްޕިޓަލުގެ ހުރިހާ މަސައްކަތްތައް ނިންމާ ހިދުމަތް ދޭން ފަށާފައި ވަނީ މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ. އެ ހޮސްޕިޓަލް ހުޅުވިގެން ދިޔުމާއެކު، ކުރީގެ ހޮސްޕިޓަލުން ނުލިބޭ އެތައް ހިދުމަތެއް އައު ހޮސްޕިޓަލުން ލިބިގެންދާނެއެވެ.

އޭގެ ތެރޭގައި ސްޕެޝަލިސްޓުންގެ ހިދުމަތާއި، ޑެންޓަލް ޚިދުމަތާއި، ފިޒިއޮތެރަޕީ ޑިޕާޓްމެންޓްގެ ޚިދުމަތާއި، އައިސީޔޫގެ ޚިދުމަތް, އޮޕަރޭޝަން ކޮމްޕްލެކްސް، ތެލެސީމިއާ އަށް ސްކްރީން ކުރުމާއި، އިތުރު ޓެސްޓްތައް ހެދޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށް އެ ހޮސްޕިޓަލްގެ މެނޭޖަރ އަހުމަދު ސާޖިދް ވިދާޅުވިއެވެ.

ނައިފަރުގައި އަލަށް ގާއިމްކުރެވުނު ހޮސްޕިޓަލްގެ ބޮޑު އިމާރާތާއެކު އެރަށު ހޮސްޕިޓަަލަށް ކުރިން ދިމާވެފައިވާ ޖާގައިގެ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެން ދާނެއެވެ.

އެ ހޮސްޕިޓަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވީ، މިއަދު ހުޅުވިގެންދިޔަ އެ ހޮސްޕިޓަލަކީ މިހާތަނަށް އަތޮޅު ތެރޭގައި ހެދި އެންމެ ބޮޑު ހޮސްޕިޓަލް ކަމަށެވެ.