އައްޑޫ ސިޓީ ހިތަދޫ އާރިކިޅި ސަރަޙައްދުގައި ބުރިޖެއް އެޅުމަށް އެސިޓީގެ ކައުންސިލުން ނިންމައިފިއެވެ.

މިކަން ހާމަކޮށް ކުރި އިއުލާނެއްގައި އެ ކައުންސިލުން ވަނީ، ބުރިޖު އެޅުމަށް ޝަޢުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މިކަމާއި ގުޅޭގޮތުން ނޫސްތަކަށް މަޢުލޫމާތުދެއްވަމުން އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް ވިދާޅުވީ، ބުރިޖް އެޅުމަށް ނިންމާފައިވަނީ ހިތަދޫ އާރިކިޅީގައި ފެންބޮޑުވާތީ ކަނޑާފައި އޮންނަ މަގު ހުރަސްވާ ގޮތަށް ކަމަށެވެ. ޔަސްރިފް ވިދާޅުވީ، އެތަނުގައި ބުރިޖެއް އަޅަނީ އެ މަގުގެ ދެފަރާތުގައިވެސް މީހުން ދިރިއުޅޭއިރު، ބުރިޖެއް ނެތުމުން އެފަރާތްތަކަށް ދަތިތަކާއި ކުރިމަތިވަމުންދާތީ ކަމަށެވެ.

އާރިކިޅި ހުރަސްކުރުމަށް ބުރިޖެއް އެޅުމަށް އައްޑޫ ކައުންސިލުން އިއުލާނެއްކޮށްފައިވާއިރު، އެ ސަރަޙައްދުގައި މިހާރުވެސް ވެހިކަލްތައް ހުރަސްކުރެވޭގޮތަށް ހަދައި ބޭނުންކުރަމުންދާ ބުރިޖެއް އަޅާފައި ވެއެވެ. މީގެ އިތުރުން އެ ސަރަޙައްދުގައި ދިރިއުޅޭ މީހުން އަމިއްލައަށްވެސް ފެން ހިންދުމަށް ކަނޑާފައި އޮންނަ މަގު ހުރަސްވާނޭގޮތް އެމަގުގެ އެކި ދިމާލުން ހަދާފައި ވެއެވެ.

އާރިކިޅީގެ ފެން ހިންދުމަށް ކަނޑާފައި އޮންނަ މަގުގެ ފުޅާމިނުގައި ގާތްގަނޑަކަށް ދިހަ ފޫޓު ހުންނައިރު، އެ ދިގުމިނުގެ ބުރިޖެއް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އާއި ހަމައަށް އޮންނާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ. މިކަމަށް އެދޭ ބިޑު ވިއްކާނީ އެ ކައުންސިލްގެ އިދާރާއިންނެވެ.

އައްޑޫ ސިޓީގައި ބުރިޖެއް އެޅުމަށް އެސިޓީގެ ކައުންސިލުން އިއުލާނުކޮށްފައި މިވަނީ، މާލެ އާއި ހުޅުލެއާއި ދެމެދު އަޅާފައިވާ ސިނަމާލެ ބުރިޖު ރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި ހުޅުވާފައިވަނިކޮށެވެ. އެ ބުރިޖުގެ ދިގުމިނުގައި 1.39 ކިލޯމީޓަރު އަދި ފުޅާމިނުގައި 20.3 މީޓަރު ހުންނައިރު، އެ ބުރިޖުގައި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޚާއްސަ ދެ ލޭނަކާއި، ސައިކަލް ދުއްވާ މީހުންނާއި، ހިނގާ މީހުންނަށް ވަކި ލޭންއެއް ހަދާފައި ވެއެވެ. އައްޑޫ ކައުންސިލުން އަޅަން ނިންމާފައިވާ ބުރިޖު ހަދަނީ ކިތައް ލޭނަށް ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތާރީޚު ދިވެހި ރާއްޖެ

    ތިއުޅެނީ ހަޖަމު ގޯސްވެގެން. ތިކަމުގައި މާބޮޑަށް ފިކުރު ނުކޮށް އަވަހަށް ހަޖަމު ރަނގަޅުކޮށްލުމަށް އެކަށީގެންވާ ބޭހެއް ބޭނުން ކޮށްލައްވާ.!!!!!!!

  2. ފ

    ފޭކް ބައެއް ތީ. ކޮން ބުރިޖެއްތީ. ތިޔައީ ދެބައިން ބާ ވެފައި އޮންނަ ފާލަންގަނޑެއް.

  3. ޢަލީ

    ތި ބުރިޖުވެސް އެޅުއްވޭނީ ރައީސް ޔާމީނަށް، މިހާރު ތި އިޢުލާންކުރީ ބްރިޖް އަޅަން އުޅޭކަން އެނގިގެން އަވަހަށް ކްރެޑިޓް ނަގަންވެގެން، އެހެންޏާ މިހާރު ސިޓީ ކައުންސިލަކީ އެއްވެސް ޒިންމާއެއް އޮންނަ ބައެއްނޫންކަން އެންމެނަށްވެސް އެނގޭނެ. ހަމައެކަނި މުސާރަކޮޅު ނަގައިގެން ގެއަށްދިއުން ނޫންކަމެއް ނޯންނާނެ. މާލޭ ބްރިޖްގެ މިލްކުވެރިކަމުގެ މައްސަލަ އުޅޭތީ، އަވަހަށް ހަވާލުވީ،