މުދަލު ޒަކާތް ދެއްކޭނެ މޯބައިލް އެޕްލިކޭޝަނެއް މީރާއިން ތައާރަފް ކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި "ވާރުޕޭ" އެޕް އިފްތިތާހު ކޮށްދެއްވީ މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު އެވެ. މި އެޕަކީ އެންޑްރޮއިޑަށް ހާއްސަކޮށް ނެރެފައިވާ އެޕެކެވެ. މި އެޕް މިހާރު ޕްލޭސްޓޯރުން ޑައުންލޯޑް ކުރެވޭނެ ކަމަށް މީރާއިން ބުންޏެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޒިޔާދު ވިދާޅުވީ އިފްތިތާހް ކުރެވިގެންދިޔަ އެޕްލިކޭޝަންގެ ސަބަބުން އާންމުންނަށް މުދަލު ޒަކާތް ދެއްކުމަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

"ފަސޭހަކަމާއެކީ މުދަލު ޒަކާތް ދެއްކިގެންދާނެ. ނަމާދާ ރޯދައާއި ހައްޖުގެ އަޅުކަމަށް ހުންނަ ޝައުގުވެރިކަން މުދަލު ޒަކާތް ދެއްކުމަށް ވެސް އުފައްދަން ޖެހޭ. މުދަލު ޒަކާތަކީ ރުކުނެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ޒަކާތް ނެގުން މީރާއާ ހަވާލުކޮށްގެން ކުރިއަށްގެންދާތީ ވަރަށް ގިނަ ފަރާތްތަކަކުން ސުވާލު ކުރަމުންދާ ކަމަށާއި ނަމަވެސް އެކަމަކީ އިސްލާމީ ގިނަ ގައުމުތަކެއްގައިވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ، ޒަކާތް ބެހުމުގައި މީގެ ކުރިން ވަރަށް ގިނަ މައްސަލަތައް ދިމާވެފައިވާކަން އޮޑިޓް ރިޕޯޓްތަކުން ދައްކާ ކަމަށާއި މީރާއަކީ ދައުލަތުގެ ފައިސާ ބަލަހައްޓާ ފަރާތްކަމުން އެކަންކަމަށް އެކަށީގެންވާ ބަދަލެއް ފެންނާނެ ކަމަށެވެ.

"އެހެންވެ މިނިސްޓްރީން 2016 ވަނަ އަހަރު އެގޮތަށް ނިންމައި މީރާއާ ހަވާލު ކުރެއްވީ، އެކަމުގެ ސަބަބުން މިއަދު މިދަނީ ހެޔޮ ބަދަލުތައް ފެންނަމުން، އެކަކަށްވުރެ ގިނަ މުއައްސަސާތަކުން ކުރާ މަސައްކަތެއްގައި ބަރަކާތްހުރެ ކާމިޔާބު ލިބޭނެތީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިއަދު އިފްތިތާހް ކުރެވުނު އެޕުން މުދަލު ޒަކާތްދެއްކުމަށް ގިނަގުނަ ފަސޭހަތަކެއް ވެގެންދާނެ ކަމަށާއި އޭގެ ބޭނުން ގިނަ ބަޔަކު ހިފާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މީރާ އާއި މިނިސްޓްރީ އެއްކޮށް މަސައްކަތް ކުރުމަށް އެއްބަސްވެފައިވަނީ 2016 ވަނަ އަހަރެވެ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަތްދޫނި

    މަމެން މުދަލުގެ ޒަކާތް ދެއްކީމާ އެފައިސާ އަށް ވާގޮތް ބުނެލަދީބަލަ. މަމެން މިހާރު ވިސްނަނީމަމެންގެ މުދަލުގެ ޒަކާތް ނިކަމެތި ފަގީރުންނަށް މަމެން ބަހާލަން.