ފިންލޭންޑަކީ ދުނިޔެއިން ވެސް ތައުލީމީ ގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ގައުމެވެ. އެގައުމުގެ ސުކޫލުތަކުގައި ކިޔަވައިދޭ ނިޒާމަކީ ދުނިޔޭގެ ބޮޑެތި ގައުމުތަކުން ނަމޫނާއަކަށް ބަލާ ނިޒާމެކެވެ.

އެގޮތުން މި ތައުލީމީ ނިޒާމަށް އަންނަ އަހަރު ރާއްޖޭގެ ސްކޫލެއްގައި ކިޔަވައިދޭން ފަށާނެއެވެ.

މިއަދު ހަވީރު ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިކަން ރަސްމީކޮށް އިއުލާން ކުރެވި ރާއްޖެއަށް ފިންލޭންޑްގެ ތައުލީމީ ނިޒާމު ގެނައުމަށް އެގައުމުގެ އެޑިޔުކްލަސްޓާ އާއި ރާއްޖޭގެ އެޑިޔު ކަނެކްޓް ޕްރައިވެޓް ލިމެޓެޑާއި ދެމެދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

ރަސްމިއްޔާތަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެޑިޔުކްލަސްޓާގެ ޑިރެކްޓަރ މިސް ރިއްކާ ހާސީ ވިދާޅުވީ ރާއްޖެއަށް ފިންލޭންޑްގެ ތައުލީމު ގެނެވުމަކީ ރާއްޖޭގެ ތައުލީމީ ނިޒާމު ހަރުދަނާ ވެގެންދާނެ ކަމެއް ކަމަށެވެ. އަދި ފިންލޭންޑްގެ ސްކޫލުތަކުގައި ކިޔަވައިދޭ ޓީޗަރުންނަކީ ފެންވަރު ރަނގަޅު ހުނަރުވެރި ޓީޗަރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ފިންލޭންޑްގެ ކިޔަވައިދިނުމުގެ ވަށްޓަފާޅި ދުނިޔޭގެ އެހެންގައުމުތަކަށް ވުރެ ހަރުދަނާވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން އެޑިޔުކަނެކްޓްގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު އަދީލް ރަޝީދު ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ފިންލޭންޑްގެ ކިޔަވައިދިނުމުގެ ނިޒާމަށް ރާއްޖޭގެ ސުކޫލެއްގައި ކިޔަވައިދޭން ފެށޭނެ ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި އެކަމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަށްވެ ނިމޭނެ ކަމަށް ވެސް އަދީލް ވިދާޅުވިއެވެ.

" އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ޕްރައިމަރީ ސްކޫލެއް ފިންލޭޑްގެ ތައުލީމީ މޮޑެލްއަށް ކޮންވާޓް ކުރެވޭތޯ. އެކަމުގެ އަމަލީ މަސައްކަތް މިހާރުވެސް މިވަނީ ފެށިފަ. އެގޮތުން ވާންޖެހޭ ހުރިހާ ތައްޔާރީތަށް މިއަހަރުގެ ތެރޭގައި ވެ ނިމޭނެ، އޭގެ ތެރޭގައި ޓީޗަރުން ތަމްރީން ކުރުމާއި ޓީޗަރުން ރިކުރޫޓް ކުރުމާއި ރާއްޖެއަށް ހާއްސަ ކަރިކިޔުލަމްއެއް އެކުލަވާލުން ހިމެނޭ" އޭނާ ވިދާޅުވިއެވެ.

އަދި ހުޅުމާލޭގައި ފިންލޭންޑްގެ އިންޓަނޭޝަނަލް ސްކޫލެއް އިމާރާތް ކުރެވިގެންދާނެ ކަމަށާއި ކުރިއަށް މިއޮތް 4 ނުވަތަ 5 މަސް ތެރޭގައި އެ ސުކޫލުގެ ބިންގާ އެޅިގެންދާނެ ކަމަށް އަދީލް ވިދާޅުވިއެވެ. އަދި ސްކޫލު ރަސްމީކޮށް ހުޅުވާނީ 2020 ވަނަ އަހަރުގެ ތެރޭގައި ކަމަށާއި އެ ސްކޫލަށް ކުދިންލިބޭ ވަރަކުން އޭލެވެލްއާއި ހަމައަށް ކިޔަވާ ދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭގައި އިމާރާތް ކުރާ ސްކޫލުގެ އެއްބަސްވުމުގައި ހައުސިންގް މިނިސްޓްރީއާއި އައިލެންޑާސް ޕްރައިވެޓް ލިމިޓެޑްއާއި ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށް ސްކޫލު އިމާރާތް ކުރާ ބިން އައިލެންޑާސް އާއި ހަވާލުކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު