އިދިކޮޅު ވެރިކަމެއްގައި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ކުރިމަތިވެވަޑައިގަންނަވާނެ އެންމެ ބޮޑު މައްސަލައަކީ ދަރަނި އަދާކުރުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން އިން ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.

ރޭ ގދ. ގައްދޫގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ވަނީ ތަރައްގީގެ ނަމުގައި ރައްޔިތުން ބިކަކޮށް ނިކަމެތިކޮށްފަ ކަމަށެވެ.

"އިދިކޮޅު ވެރިކަމެއްގައި ރިޔާސީ ކެންޑިޑޭޓް އިބޫ އަށް ކުރިމަތިވެވަޑައިގަންނަވާނެ އެންމެ ބޮޑު މައްސަލައަކީ ދަރަނި އަދާކުރުން. ރާއްޖޭގައި ސިޔާސީ ގޮތުން ހުންނެވި އެންމެ ތަޖުރިބާކާރު އެއް ބޭފުޅަކީ އިބޫ. އިބޫއަށް އިތުބާރު އެބަ އޮތް. އިބޫ އިހްލާސްތެރިވާނެ. އިބޫ ކުރި ވައްކަމެއް ފެންނާކަށް ނެތް. ކޮރަޕްޝަނެއް ފެންނާކަށް ނެތް. އިބޫ އަކީ ކެތްތެރިކަމާ އެކު ޖަޒުބާތު އިސް ނުކުރައްވާ ވިސްނުން އިސް ކުރައްވައިގެން މަސައްކަތް ކުރައްވާ ބޭފުޅެއް،" އަމީތު ވިދާޅުވިއެވެ.

އަމީތު ވިދާޅުވީ އެތައް މިލިއަން ރުފިޔާގެ މަޝްރޫއުތަކެއް ރަށްރަށުގައި ހިންގި ކަމަށް ސަރުކާރުން ބުނާ އިރު އޭގެ ތެރެއިން ބޮޑު އަދަދު ގޮސްފައި އޮތީ ބޮޑުންގެ ޖީބަށް ކަމަށެވެ.

" ފާއިތުވެދިޔަ ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ ވަނީ 47 ބިލިއަން ރުފިޔާ އިން ދަރާފައި. ބޮޑުންގެ ޖީބަށް ފައިސާ ޖަމާކޮށްފައި. ބޮޑުން މުއްސަނދިކޮށްފައި ވަނީ،" އަމީތު ވިދާޅުވި އެވެ.

ރައީސް ޔާމީނަކީ މުސްތަގުބަލެއް، އަދި ތަސައްވުރެ ވެސް އޮތް ލީޑަރެއް ނޫން ކަމަށް ވިދާޅުވެ އަމީތު ވަނީ ކޮންމެ ދިވެއްސެއްގެ ބޮލުގައި މިވަގުތު 150،000ރ. ގެ ދަރަނި އެޅިފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.

" މި ދަރަނި ބަހާލުމުން ހަމައެކަނި ގައްދޫ ރައްޔިތުންގެ ނިސްބަތުން ވެސް އެއީ 500 މިލިއަން ރުފިޔާ. އަޅުގަނޑު ރައީސް ޔާމީނާ އެއްކޮޅަށް މަސައްކަތް ކުރެއްވި ޕީޕީއެމްގެ ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގަތީ ރައީސް ޔާމީނަށް ތާއީދުކުރުމުގެ ފިކުރު ދޫކޮށްލުމަށް " އަމީތު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ކަލޭމެން ކޮންކަމަކާ ހާސްވަނީ. ރައްޔިތުންނުކުމެ ދައްކާނެނު. ޓެކްސީ ޑްރައިވަރުންތައްވެސް ކިޔާ އެމީހުން ބޮލުގައޮތް ތާކިހަލެކޭ އެއީ. ޓެކްސީ ދުއްވައިގެންނާ ބޮލިހިލައިގެން ލޯނު ދައްކާނެނު.

  2. ފައި

    މިހާރުވެސް ތިފެށުނީ! ޢިދިކޮޅު މީހުން ވެރިކަމަށް ހޮވިއްޖިއްޔާމުން ތިޔަ ހާސަރު ދަމަދަމާފަ އެއްކަމެއް ނުކޮށްދީ ފައިބާނެ!!!