މާދަމާ އިން ފެށިގެން އަންނަ ހުކުރު ދުވަހާއި ހަމައަށް ސްރީލަންކާގެ ކޮލަމްބޯގައި ބޮޑެތި މުޒާހަރާތަކެއް ކުރަން އެގައުމުގެ އިދިކޮޅު ފަރާތްތަކުން ރާވަމުން ގެންދާތީ ލަންކާގައި ދިރިއުޅޭ ދިވެހިން އެކަމަށް ސަމާލުވުމަށް ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އިން އިލްތިމާސް ކުރައްވައިފިއެވެ.

އެމްބަސީ އިން އިއްޔެ ނެރުއްވި އިއުލާނެއްގައި ވިދާޅުވެފައި ވަނީ "މި ސެޕްޓެމްބަރ މަހުގެ 05، 06 އަދި 07 ވަނަ ދުވަހު ކޮޅުނބުގެ ބައެއް ހިސާބުތަކުގައި ބޮޑެތި މުޒާހަރާތަކެއް ކުރުމަށް އިއުލާން ކުރެވިފައި ވާތީ އެދުވަސްތަކުގައި ދިވެހިން ނިކުމެވަޑައިގެން އުޅުއްވާއިރު ހާއްސަ ސަމާލުކަމެއް ދެއްވުމަށް ނަސޭހަތްތެރިވަމެވެ."

ކޮލަމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އިން ވިދާޅުވީ ޒަރޫރީ ބޭނުންތަކަށް މެނުވީ ބައިބޯވާ ތަންތަނަށް ވައިނުގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މިދުވަސްތަކުގައި ޓްރެފިކަށް ވަރަށް ބޮޑަށް ބުރޫއެރުން އެކަށީގެންވާތީ ތަންތަނަށް ވަޑައިގަންނަވާނަމަ ވަގުތުލާފައި ދަތުރު ފެއްޓެވުމަށް ވެސް އެމްބަސީ އިން އިލްތިމާސް ކުރައްވައެވެ.

ކޮންސިއުލާ އެހީތެރިކަން ބޭނުންވެއްޖެނަމަ އެމްބަސީގެ ހޮޓްލައިން 0768096660 ނަމްބަރާއި ގުޅުއްވުމަށް އެމްބަސީ އިން އެދިވަޑައިގަންނަވައެވެ.

ކޮލަމްބޯގައި ކުރުމަށް ހަމަޖެހިފައިވާ މުޒާހަރާތަކުގައި އިސްކޮށް ހުންނަވާނީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި ކުރީގެ ރައީސް މަހިންދްރަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ އެވެ. ޖޮއިންޓް އޮޕޮސިޝަން ގުޅިގެން ކުރާ މުޒާހަރާ އަށް ލަންކާގެ އެކި ސަރަހައްދުތަކުން ކޮލަމްބޯ އަށް މީހުން ޖަމާކުރުމަށް ވަނީ ނިންމާފައެވެ. މިމުޒާހަރާގެ ބޭނުމަކީ ޕްރިވިންސް ކައުންސިލް އިންތިޚާބު އަވަސް ކުރުމަށް ސަރުކާރަށް ޕްރެޝަރު ކުރުމެވެ.

ލަންކާގެ މީޑިއާ އަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ނަމާލް ވިދާޅުވީ ލަންކާގެ އެކި ސަރަހައްދުތަކުން މީހުން ގެނެސްގެން ކޮލަމްބޯގައި މުޒާހަރާ ބޭއްވި ނަމަވެސް މުޒާހަރާ ކުރިއަށް ދާނީ ސުލްހަވެރިކަމާއި އެކުގައި ކަމަށެވެ.

"މުޒާހަރާގައި ހަމަނުޖެހުން ހިނގާނެ ކަމަށް ވިދާޅުވެ ސަރުކާރުން ދަނީ ދޮގު ޚަބަރުތަކެއް ފަތުރަމުން. އެއީ މުޒާހަރާ ކުރިއަށް ގެންދިޔަ ނުދޭން ދައްކާ ވާހަކައެއް. ސަރުކާރަށް އެނގޭ މުޒާހަރާ ކުރިއަށް ގެންގޮސްފިނަމަ މިއީ ސަރުކާރަށް ކުރިމަތިވާނެ ޕްރެޝަރެއް ކަން." ނަމާލް ވިދާޅުވިއެވެ.

ކޮލަމްބޯ އަކީ އެންމެ ގިނަ ދިވެހިން ދިރިއުޅޭ ރާއްޖެއިން ބޭރުގެ ސިޓީއެވެ. ކިޔަވާ ކުދިންނާއި އެކު 15000 އެއްހައި ދިވެހިން ކޮލަމްބޯގައި ދިރިއުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުސްތަފާ

    15000 މީހުން ލަންކާގައި ދިރިއުޅޭއިރު އެއީ ރާއްޖެއިން ބޭރުވާ ހާދަ ގިނަ ފައިސާއެކޭ. ބޮލަކަށް މަހަކު 100 ޑޮލަރުގެ ރޭޓުން ބެލިނަމަވެސް އެއީ 1.5 މިލިއަން ޑޮލަރު. އަދި ކޮބާ ބޭސްފަރުވާއަށްދާ ދިވެހިންނާ ޗުއްޓީ ހޭދަކކޮށްލުމަށް ކޮންމެ ދުވަހަކު ލަންކާއަށްދާ ދިވެހިން. މަހަކު މަދުވެގެން 30 ހާސް ދިވެހިން އެގޮތަށްވެސް އެބަދޭ ލަންކާއަށް. އެމީހުން އަތުން އެވްރެޖްކޮށް އެއްހާސް ޑޮލަރ ހޭދަވާނެ. އެހެންކަމުން ބޭސްފަރުވާއާއި ޗުއްޓީއަށް ލަންކާއަށް ދަތުރުކުރާ ދިވެހިން އަތުން މަދުވެގެން މަހަކު 30 މިލިއަން ޑޮލަރ އެބަހޭދަވޭ. ހަމަ ޔަޤީނުންވެސް ކޮންމެ މަހަކު ދިވެހިން އަތުން އެކަނި އެންމެ މަދުވެގެން 35 މިލިއަން ޑޮލަރ ލަންކާއަށް އެބަވިއްކާ. މިޚަރަދު ކުޑަކުރަން އެބަޖެހޭ.

    • ސަންފަ

      ޖޭވީ ދޯ