ސަރުކާރުން އިދިކޮޅު ޕާޓީތަކާއެކު މަޝްވަރާ ކުރުމަށް ހުށަހެޅި ފުރުސަތުގައި އިދިކޮޅު އެމްޑީޕީން އެ ޕާޓީގެ އަމިއްލަ މަސްލަހަތު އޮންނަ ބައެއް ވިޔަފާރިތަކާ ގުޅޭ ކަންކަންވެސް ހުށަހަޅާފައިވާ ކަމަށް ސިޔާސީ ޕާޓީތަކާ ބެހޭ މަޝްވަރާ މަޖިލީހުގެ ޗެއާމަން ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއިން ގެނެސްދިން "އެންމެ ފުރަތަމަ ގައުމު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޝައިނީ ވިދާޅުވީ އަބަދުވެސް ކޮންމެވެސް ބަހާނާއެއް ދެއްކެވުމަށް ފަހު މަޝްވަރާއަށް އައުމަށް އިދިކޮޅުފަރާތްތަކުން ދެކޮޅު ހަދާކަމަށާއި. މީގެ ކުރިން 10 ފަހަރެއްގެ މަތިން އެފަރާތްތަކަށް މަޝްވަރާގެ ދައުވަތު ދެވިފައިވާ ކަމަށެވެ.

ޝައިނީ ވިދާޅުވީ އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާއަށް ނޭރިގެން އުޅޭ ސަބަބަކީ އެފަރާތްތަކުން ހުށައަޅާ ޝަރުތުތައްކަމުގައެވެ.

"މަޝްވަރާއަށް ހުޅުވާލުމުން މި ހުށަހަޅަނީ ބައިވަރު ޝަރުތުތަކެއް. އޭގެ ތެރޭގައި އެމްޑީޕީން އެބައޮތް މީގެ ކުރިން އެ ޕާޓީގެ ވަކިވަކި މެމްބަރުންގެ މަސްލަހަތު އޮންނަ ވިޔަފާރިތަކާ ގުޅޭ ޝަރުތުތައްވެސް ހުށަހަޅާފައި،" ޝައިނީ ވިދާޅުވިއެވެ.

ޝައިނީ އިތުރަށް ވިދާޅުވީ އިދިކޮޅު ފަރާތްތަކާ އަދިވެސް މަޝްވަރާކުރަން ބޭނުންވާ ކަމަށާއި، ސަރުކާރުން އޮތީ މަޝްވަރާގެ ތެރެއިން ކަންކަން ހައްލުކުރަން އެއްބާރުލުން ދޭ ގޮތަށް ކަމަށެވެ.