މިދިޔަ އަހަރުގެ މުދަލު ޒަކާތް ބަހަން އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ޒަކާތް ބަހަން ހަމަޖެހިފައިވާކަމަށާއި، ޒަކާތް ބަހަން ހަމަޖެހިފައި ވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 15:00 އަށް ކަމަށެވެ.

އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާގޮތުގައި، މާލެ ސިޓީގައި ޒަކާތް ބެހުމުގެ ކަންކަން ކުރިއަށްދާނީ އިސްލާމިކް މިނިސްޓްރީ ހޯލުގައެވެ.

މިދިޔަ އަހަރު ޒަކާތުގެ ގޮތުގައި، ބޮލަކަށް 1000 ރުފިޔާ ވަނީ ޖެހިފައެވެ. އެ މިނިސްޓްރީން ބުނީ، އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ގދ. ތިނަދޫ ފިޔަވާ އަތޮޅު ތެރޭގެ ހުރިހާ ރަށްތަކަށް، ފަޤީރުންގެ ނިސްބަތުން ޒަކާތް ފައިސާ ފޮނުވާފައިވާކަަމަށެވެ.

އަދި މާލެ ސިޓީގައި ފަގީރުންގެ ގޮތުގައި މިދިޔަ އަހަރު ރެޖިސްޓަރކޮށްފައި ވަނީ 3302 މީހުންނެވެ. އަދި އައްޑޫ ސިޓީ، ފުވައްމުލައް އަދި ގދ. ތިނަދޫ ފިޔަވާ އަތޮޅު ތެރޭގައި 9992 ފަގީރުންނަށް މި ފަހަރު ޒަކާތް ބެހުމަށް ވަނީ ހަމަޖެހިފައެވެ.