އއ. ރަސްދޫ ފެނުގެ ނިޒާމްގެ އަމަލީ މަސައްކަތާއި އއ. ތޮއްޑޫގެ ނަރުދަމާ ނިޒާމުގެ ސާރވޭ އަދި ޑިޒައިންގެ މަސައްކަތް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އާ ހަވާލުކޮށްފިއެވެ.

މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި އޮތް ބައްދަލުވުމެއްގައި މިއެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް އެންޑް އެނަރޖީ، އަލްފާޟިލް ތާރިޤު އިބްރާހީމެވެ. އަދި ކޮންޓްރެކްޓަރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަލްފާޟިލް ފަޒަލް ރަޝީދެވެ.

ރަސްދޫ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތާއި ތޮއްޑޫގެ ނަރުދަމާ ނިޒާމުގެ ސާރވޭ އަދި ޑިޒައިން މަސައްކަތް އެމް.ޑަބްލިއު.އެސް.ސީ އާ ހަވާލުކުރުން - ވަގުތު އިމޭޖަސް: އަޝްހާދު އަބްދުﷲ

އއ. ރަސްދޫގެ ފެނުގެ ނިޒާމްގެ އަމަލީ މަސައްކަތަށް ހުށަހަޅާފައިވާ ޖުމްލަ އަގަކީ، 28،451،852.66 ރުފިޔާއެވެ. އަދި މިމަސައްކަތް ނިންމުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މިއެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ތާރިޤު ވިދާޅުވީ ސަރުކާރުން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިޔަށް ގެންދަވާ ކަމަށާއި އަދި ރަށުގައި ތަރައްޤީއަށް ކުރާ މަސައްކަތުގައި ރަށުގެ ރައްޔިތުންނާއި ރަށުގެ ކައުންސިލްގެ ފަރާތުން އެއްބަރުލުން ކޮންޓްރެކްޓަރަށް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ތޮއްޑޫގެ ރައްޔިތުންނަށް މިވަގުތު އެންމެ ދަތިވެފައިވަނީ ނަރުދަމާގެ ކަންތައް ކަމަށާއި އެރަށުގައި ނަރުދަމާއެއް ގާއިމް ކޮށްދިނުމަކީ ރައީސް އަބްދުﷲ ޔާމީން އެންމެ ފަހުން އެރަށަށް ވަޑައިގެންނެވި ދުވަހު ވެވަޑައިގެންނެވި ވައުދެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ކޮންޓްރެކްޓަރ އާ ހަވާލުވުމަށްފަހު އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ފަޒަލް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މި ދެ ޕްރޮޖެކްޓްގެ ވެސް އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށާއި 48 ގަޑިއިރު ތެރޭގައި އެރަށަށް އެމްޑަބްލިއުއެސްސީގެ ޓީމުން ގޮސް މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.

ތޮއްޑޫގައި ނަރުދަމާ ނިޒާމުގެ ސާރވޭ އަދި ޑިޒައިން މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާއިރު، އެރަށުގައި ޒަމާނީ ފެންވަރުގެ ސްކޫލެއް ބިނާކޮށްދެއްވައި، އެރަށުގައި އެންމެ މިޒަމާނުގެ ބޮޑު ބަނދަރެއް ތަރައްޤީ ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްބުލްޤައްޔޫމް އެރަށަށް ކުރެއްވި ކެންޕެއިން ދަތުރެއްގައި ވަނީ ވަޢުދުވެ ވަޑައިގެންފައެވެ.