ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވުމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފަރުވާ ކުޑަ ނުކުރައްވާނެކަން މިރޭ ވެސް ހާމަވާނެ ކަމަށް އެންވެރޮމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޖަނަރޭޓަރު ފޯރުކޮށްދިނުމުގެ ގޮތުން ފެނަކަ އިން "24 ގަޑިއިރު ކަރަންޓް ޔަގީން" ގެ ނަމުގައި މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ތޯރިގް ވިދާޅުވީ، މިއަދަކީ އަނެއްކާވެސް ރައީސް ޔާމީންގެ ވައުދުފުޅުތައް ފުއްދައިދޭނެކަން ދިވެހި ރައްޔިތުންނަށް ޔަގީންކޮށްދޭ ދުވަހެއް ކަމަށެވެ. އަދި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވުމުގައި ފަރުވާ ކުޑަ ނުކުރައްވާނެކަން ހާމަ ކޮށްދޭ ދުވަހެއް ކަމަށެވެ. އަދި ރައީސް އަކީ ހަމައެކަނި ވާހަކަދައްކަވާފައި ނިންމަވާލައްވާ ރައީސެއް ނޫންކަމަށްވެސް މިނިސްޓަރ ތޯރިގް ވިދާޅުވިއެވެ.

މިނިސްޓަރ ތޯރިގް ވިދާޅުވީ، ރައީސް ޔާމީން ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިއިރު ކަރަންޓުގެ ޚިދުމަތް ރައްޔިތުންނަށް ލިބެމުން އައީ ދުވަސްވެ އިތުރަށް ތަރައްޤީ ކުރަންޖެހިފައިވާ ކަރަންޓުގެ ނިޒާމްތަކެއް މެދުވެރިކޮށް ކަމަށެވެ.

"މީގެ ސަބަބުން ކަރަންޓް ހިދުމަތް ދޭތެރެދޭތެރެއިން ބައެއް ރަށްރަށުން ކެނޑެމުން ދިޔަ، މި ކަމަށް ފުރިހަމަ ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ރައީސް ޔާމީން ވަނީ މުޅި ހަކަތައިގެ ދާއިރާ އަލުން ފަރުމާ ކުރައްވާ 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ޔަގީންކޮށްދެއްވާފައި. އަދި ޔުޓިލިޓީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން ދިޔަ ނިޒާމުތައް ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށް ދެމެހެއްޓެނިވި ގޮތެއްގައި އެ ޚިދުމަތް ފޯރުކޮށްދިނުމުގެ ޤާބިލުކަން އިތުރުކުރައްވާފައި". މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އިންޖީނުގެތަކަށް 77 ޖެނެރޭޓަރު ފޯރުކޮށްދެއްވި ކަމަށެވެ. އަދި އިންޖީނުގެތައް ޒަމާނީ ފެންވަރަށް ގެންނަވައި، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް މެދުވެރިކޮށް މުޅި ރާއްޖެއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެއްވަން ފެށިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިގޮތުން ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގެ މަސައްކަތް މިހާރު ހަލުވި ދުވެއްޔެއްގައި ކުރިއަށްދާކަމަށް މިނިސްޓަރ ވަނީ ފާހަގަކުރަައްވާފައެވެ.

"މި ސަރުކާރުން، އާދެ، ރައީސް ޔާމީންގެ ސަރުކާރުން، ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި މިހާރުދަނީ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓުގެ ހިދުމަތް ދިނުމުގެ މަސައްކަތް ކުރަމުން. އަޅުގަނޑު މިހެން ދަންނަވާއިރު، މިވަގުތުވެސް ގިނަ ރަށްރަށުގައި މިދެންނެވި ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓުގެ ހިދުމަތް ދަނީ ފޯރުކޮށްދެމުން" މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރ ތޯރިގް ވިދާޅުވީ، ރައީސް ޔާމީނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގައި ޤާއިމުކުރެވިފައިވާ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުގެ މިންވަރަކީ 2 މެގަވޮޓު ކަމަށެވެ. ނަމަވެސް މި 5 އަހަރުތެރޭގައި އެއަދަދު 14 މެގަވޮޓަށް އިތުރުކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިއީ މި ސަރުކާރު އައުމުގެ ކުރިން ޤާއިމުކޮށްފައިވާ މިންވަރުގެ 5 ގުނަ އިތުރު އަދަދެއް". މިނިސްޓަރ ވިދާޅުވިއެވެ.