ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި، ޚާއްޞަކޮށް އަދުގެ ޒުވާނުންނާއި ކިޔަވާ ކުދިންގެ ހިތްތަކުގައި ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުވުމަކީ ޤައުމީ މަސައްކަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ރާއްޖޭގައި ފުރަތަމަފަހަރަށް މިއަދު ފާހަގަކުރަމުންދާ، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ ޤައުމުގެ މުސްތަޤްބަލް އޮތީ ޤައުމުގެ ޒުވާނުންގެ އަތްމަތީގައި ކަމަށާއި، އެހެން ކަމުން މިއަދުގެ ޒުވާނުންނަކީ ހަރުދަނާ ޤައުމިއްޔަތެއްގެ ވެރި އަދި މިނިވަންކަމަށް ލޯބިކުރާ، އަމިއްލަވަންތަކަން ދިފާޢުކުރާނެ ބައެއް ކަމަށް ހަދަންޖެހޭކަމުގައި އެވެ. އަދި ނަތީޖާއެއްގެ ގޮތުން ޒުވާނުންނާއި ދަރިވަރުންގެ ހިތްތަކުގައި ޤައުމީ ރޫޙު އިތުރަށް އާލާވެ، ޤައުމަށް ޚިދުމަތް ކުރާނެ، ޤައުމުދެކެ ލޯބިވާ ދަރިންތަކެއް އުފެދިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަސް ފާހަގަކުރަމުންދާއިރު، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށްޓަކައި އަދި މިކަމުގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ހުރިހާ ފަރާތްތަކަކުން ޚާއްޞަ މަސައްކަތްތަކެއް ކޮށްދެއްވުމަށް ރައީސްގެ ހިތާބުގައި ވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެއިތުރުން ރާއްޖޭގެ ދަރިވަރުންގެ ހިތްތަކުގައި ޤައުމީ ރޫޙު ދިރުވުމަށާއި، ދަރިވަރުންނަކީ ޤައުމުދެކެ ލޯބިވާ، ޤައުމަށް ވަފާތެރި ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރެއްވުމުގެ މަޤްޞަދުގައި ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގަވައިދެއްވުމަށް ރާއްޖޭގެ ހުރިހާ ސްކޫލް މަދަރުސާތަކުގެ ވެރިންނަށް ރައީސް ގޮވާލެއްވިއެވެ.

ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 6 ވަނަ ދުވަހު ފާހަގަ ކުރާ، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހަކީ ދިވެހިންގެ މެދުގައި އިސްލާމީ ވަޙުދަތާއި ޤައުމީ ރޫޙު އުފައްދައި އާލާކުރުމުގެ މަޤްޞަދުގައި މީގެ އެއް އަހަރު ކުރިން ފާހަގަ ކުރަން ނިންމި ދުވަހެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަބުދުﷲ

    ވައްކަން ކުރުމަކީ ދިވެހިންގެ ތަބީއަތުގައި ހުންނަކަމެކޭ ކިޔައިގެން ދިރުވާ ގައުމިއްޔަތު އޮންނާނީ ކިހިނެތް؟