ވެރިކަން ކުރާ ޕީޕީއެމްއިން މިރޭ "ބްރިޖް ސަޅި" ގެ ނަމުގައި ބާއްވާ ޖަލްސާއަށް މާލެ، ހުޅުމާލެ އަދި ވިލިމާލެ ނޫން އިތުރު އެހެން ރަށަކުން މީހުން ނާންނާނެ ކަމަށާއި މިރޭގެ ޖަލްސާގައި ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ އައު ވަޢުދުތަކެއް އިވިގެން ހިނގައިދާނެ ކަމަށް ވިލިމާލޭ ދާއިރާގެ މަޖިލިސް މެންބަރު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

މިއަދު ޕީޕީއެމްގެ އޮފީގައި ކުރިިޔަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ މިރޭގެ ޖަލްސާގައި ފެނިގެންދާނީ މާލޭ ސަރަހައްދުގައި ސަރުކާރަށް އޮތް ތާޢީދު ކަމަށާއި އަތޮޅު ތެރޭގެ އެއްވެސް ރަށަކުން މިޖަލްސާއަށް އެއްވެސް މީހަކު ގެނެސްފައި ނުވާ ކަމަށެވެ.

"އަތޮޅެއްގެ އެއްވެސް ހިސާބަކުން، ޚާއްސަވެގެން އެއްވެސް މީހަކު ގެނައުމުގެ މަސައްކަތެއް ޕާޓީ އޮފީހުންވެސް، އަޅުގަނޑުމެންގެ ކެންޕެއިން އޮފީހުންވެސް އަޅުގަނޑުމެން ކުރިޔަށް ނުގެންދަން. އަޅުގަނޑުމެން ބަލަން މިބޭނުންވަނީ ބްރިޖް ސަޅިތޯ! މިސަރަހައްދުގައި ދިވެހި ރާއްޖޭގެ ތިން ބައިކުޅަ އެއްބައި މީހުން ދިރިއުޅޭތީވެ، އެކަށޭނެ އަދަދަކަށް އަޅުގަނޑުމެންގެ މިރޭގެ ބައްދަލުވުމުގައި، ވަރަށް ރަނގަޅު މިންވަރަކަށް މެންބަރުން ހާޒިރުވާނެކަން އެއީ އަޅުގަނޑުމެންނަށް ޔަޤީން ކުރެވޭކަމަށް،" ނިހާން ވިދާޅުވިއެވެ.

ނިހާން އިތުރަށް ވިދާޅުވީ މިރޭގެ ޖަލްސާ ވެގެންދާނީ ޚާއްސަ ޖަލްސާއަކަށް ކަމަށާއި މިރޭގެ ޖަލްސާގައި ކުރިން ހާމަނުކުރައްވާ ތަރައްޤީގެ އައު ވަޢުދުތަކެއް ރައީސް ހާމަ ކުރައްވާނެ ކަމަށެވެ.

"އާ ވަޢުދުތައް، އަޅުގަނޑުމެންނާއި ހަމައަށް ނައިސްހުރި ބައެއް މުހިންމު ވާހަކަތައް މިރޭ ރައީސް ޔާމީންގެ ސްޕީޗްއިން، ޚާއްސަކޮށް އަޅުގަނޑުމެންނާއި ހަމައަށް ލިބިގެންދާނެ،" ނިހާން ވިދާޅުވިއެވެ.

މީގެ އިތުރުން މިރޭގެ ޖަލްސާގައި ރައީސް ޔާމީންގެ އިންތިޚާބީ ބައިވެރިޔާ ޑރ މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައިވެރިވެ ވަޑައިގެންނަވާނެ ކަމަށާއި އެމަނިކުފާނުގެ ތަސައްވަރާއި ވިސްނުން މިރޭގެ ޖަލްސާގައި ހާމަ ކުރައްވާނެ ކަމަށް ނިހާން ވިދާޅުވިއެވެ. އަދި މިރޭގެ ޖަލްސާގައި އެމަނިކުފާނު ރަށްރަށައް ކުރައްވި ކެންޕެއިން ދަތުރުފުޅުގައި ލިބިވަޑައިގެންނެވި ތަރުޙީބުގެ މައްޗަށް ވާހަކަފުޅު ދައްކަވާނެ ކަމަށް ނިހާން ވިދާޅުވިއެވެ.

"ބްރިޖް ސަޅި" ގެ ނަމުގައި މިރޭ ކާނިވާ ސަރަހައްދުގައި ސަރުކާރު ތަމްސީލް ކުރާ ޕީޕީއެމްއިން ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާއިރު، މާދަމާރޭ ހަމަ ކާނިވާ ސަރަހައްދުގައި އިދިކޮޅުގެ ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަރަވަންދޫ މީހާ

    ހުސް ދޮގު، މިއަދު ހެނދުނު ފުލައިޓުން ދަރަވަންދޫ މީހުންނާއި، ދޮންފަނު މީހުންވެސް ޖަލްސާއައްދިޔަ

  2. ތަކުރު

    މީކާކު މީނަގެ ދުލުން ތެދެއް އަންނާނީ ފެލައިގެން.......އެބުނާހެން އާވައުދުތަކޭ ހެޔޮނުވާނެ ތިވައުދުތަށް ނުވާތި މިހާރުވެސް މިތިބީ ދަންޑުހައްދަން ބިންކޮށައިގެން ތިދޭން ބުނިލާރިކޮޅު ލިބޭނަ ކަމެއް،އެކަމަކު ހަރާން އެވެސް ވީތަނެއްނޭގުނު!!