ސިނަމާލެ ބުރިޖް އަދި ހުޅުލެއިން ހުޅުމާލެއަށް ދާން އޮންނަ ލިންކް ރޯޑުގައި އެއްގަމު އުޅަނދު ދުއްވުމުގެ ސްޕީޑް ލިމިޓެޑް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅައިފިއެވެ.

މާލެ - ހުޅުލެ - ހުޅުމާލެ ބުރިޖް މިއަދު ހަވީރު އާންމުންނަށް ހުޅުވާލާފައިވާއިރު، ބްރިޖުގެ ގަވާއިދުތައް ބަޔާންކޮށް އެ އޮތޯރިޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ބުރިޖު އަދި ލިންކް ރޯޑުގައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނީ އެ އޮތޯރިޓީގެ ހުއްދަ ލިބިފައިބާ އިންޖީނުލީ އެއްގަމު އުޅަނދު ފަހަރުތަކަށް ކަމަށެވެ.

އަދި ބްރިޖާއި ލިންކް ރޯޑްގައި އެއްގަމު އުޅަނދު ދުއްވުމުގެ ސްޕީޑް ލިމިޓަކީ ގަޑިއަކު 25 ކިލޯ މީޓަރާއި 50 ކިލޯ މީޓަރާއި ދެމެދު ކަމަށާއި، ބުރިޖާއި ލިންކްރޯޑް ބޭނުން ކުރުމުގައި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް އެ އޮތޯރިޓީން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން އާންމުކުރި އިއުލާނުގައި ބުނެފައިވާ ގޮތުން، ސިނަމާލެ ބުރިޖާއި ލިންކް ރޯޑުގެ ބޭރުގެ 2 ލޭން ހާއްސަކޮށްފައިވަނީ ޕަބްލިކް ބަސް އަދި ދެ ފުރޮޅުލީ އިންޖީނު އުޅަނދުތައް ދުއްވުމަށެވެ. ދެ ފުރޮޅުލީ އުޅަނދު ދުއްވާއިރު ހެލްމެޓް އެޅުމަކީ އެދެވިގެންވާ ކަމެއް ކަމަށް ބުނެފައިވެއެވެ،

ބަސް ފިޔަވާ ހަތަރުފުރޮޅުލީ އެއްގަމު އުޅަނދު ދުއްްވުމަށް ހާއްސަ ކޮށްފައިވަނީ ބްރިޖާއި ލިންކު ރޯޑުގެ މެދުގައިވާ 2 ލޭނެވެ. އަދި އެ ލޭންގައި ދަތުރުކުރާ ވެހިކަލްތައް ކަނޑައެޅިފައިވާ ލޭން ފިޔަވާ އެހެން ލޭންތަކަށް އޯވަޓޭކް ކުރުމަކީ މަނާ ކަމެކެވެ.

ބުރިޖް ހުރަސްކޮށް ހިނގާފައިދާ މީހުންނާއި ދުވާ މީހުންނަށް ބޭނުން ކުރަން އެކަމަށް ކަނޑައެޅިފައިވާ ލޭނެއް އޮވެއެވެ. އެ ލޭނުން ބެރުން ބުރިޖްގައި އެއްގަމު އުޅަނދު ދުއްވުމަށް ހާއްސަކޮށްފައިވާ ލޭންތަކުގައި ހިނގުން ނުވަތަ ދުވުމަކީ މަނާ ކަމެކެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ، ސައިކަލު ތަކުގައި އަމިއްލައަށް އިށީނދެ ނީންދެވޭ ވަރުގެ ކުޑަކުދިން އަރުވައިގެން ސައިކަލްގައި ބުރިޖް އަދި ލިންކް ރޯޑުގައި ދުއްވަމަކީ މަނާ ކަމެކެވެ.

ބުރިޖުގެ ދަތުރުތައް އާއްމުކޮށް ހުޅުވާލީ މިއަދު ހަވީރު 16:00 ގައެވެ. އެ ދަތުރުތަކަށް ހުޅުވާލުމާއެކު އެތައް ބަޔަކު ދަނީ ބުރިޖް މަތިން ދަތުރު ކުރުމުގައި ފޯރި ނަގަމުންނެވެ،

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސައިނީ

    މިރޭ ހުޅުމާލެއިން ގަޑި ބަލާގެން 40ކމގައި ދުއްވާލީމަ އާދެވުނީ 11 މިނެޓްއިން ވަރަށް ސަޅި