ސިނަމާލެ ބުރިޖް ނުވަތަ ލިންކް ރޯޑްގައި ދެ ޓަނަށްވުރެ ބަރު މުދާ އުފުލޭނީ މެންދަމުކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓިން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ، ދެ ޓަނަށްވުރެ ބަރުކޮށް މުދާ އުފުލުމަށް ރަޖިސްޓްރީކޮށްފައިވާ އެއްގަމު އުޅަނދާއި ބަރު އުޅަނދު އަދި އިކުއިޕްމަންޓް ބުރިޖު ނުވަތަ ލިންކް ރޯޑުގައި ބޭނުންކުރެވޭނީ ވަކި ގަޑިތަކެއްގައި ކަމަށެވެ.

"... މެންދަމު 1:00 އާއި ފަތިހު 05:00 އާއި ދެެމެދުއެވެ. ބަރު އުޅަނދުގެ ތެރެއިން ރަބަރުފުރޮޅު ލާފައިވާ އުޅަނދުތައް ފިޔަވާ އެހެން އުޅަނދުތަކަށް ބުރިޖު ނުވަތަ ލިންކްރޯޑު ބޭނުންކުރެވޭނީ ޓްރެއިލާއެއްގައި އުޅަނދު ބާއްވައިގެންނެވެ". ޓްރާންސްޕޯޓް އޮތޯރިޓިން ނެރުނު އިއުލާނުގައި ވެއެވެ.

އަދި ބުރިޖުގައި އާއި ލިންކް ރޯޑްގައިވެސް މުދާ އުފުލަން ވާނީ އެއްގަމު އުޅަނދުގައި މުދާއުފުލުމުގައި ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ރަނގަޅަށް ބަންދުކޮށްގެން ކަމަށާއި، ޕިކަޕް ފަދަ ހާމައަށް މުދާ އުފުލޭގޮތަށް ހުންނަ އެއްގަމު އުޅަނދުގައި މުދާ އުފުލާއިރު، އުޅަނދުން މުދާ ނުވެއްޓޭގޮތަށް ރަނގަޅަށް ބަންދު ކުރުމަށް ސަތަރި ނުވަތަ ކާގޯނެޓް ބޭނުން ކުރެވޭނެކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުންޏެވެ.

"ބުރިޖުގައި އަދި ލިންކްރޯޑުގައި މުދާ އުފުލާ އުލަނދު ދުއްވާއިރު ފޮށިގަނޑުގައި މީހުން ތިބުމަކީ ހުއްދަކަމެއް ނޫނެވެ" އެ އިއުލާނުގައި ވެއެވެ.

މީގެ އިތުރުން، ބުރިޖާއި، ލިންކް ރޯޑުން ދަތުރުކުރާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ވެެލާނާ އިންޓަނޭޝަލް އެއާޕޯޓް ޓާމިނަލް ސަރަހައްދަށް ވަދެވޭނީ އެމްއޭސީއެލް އަދި އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑުން ހުއްދަ ކުރާ އުޅަނދުތަކަށް ކަމަށްވެސް ޓްރާންސްޕޯޓް އޮތޯރިޓީން ބުންޏެވެ.

ޓްރާންސްޕޯޓް އިން ވިދާޅުވީ، މެއިންޓެނެންސް ކުރުމަށްޓަކައި ނުވަތަ އެ ނޫންވެސް ސަބަބަކާއިހުރެ ބުރިޖުން ބައެއް ނުވަތަ މުޅި ބުރިޖު ވަގުތީގޮތުން ބަންދުކުރަން ޖެހިއްޖެ ހާލަތެއްގައި ބުރިޖް ބަންދުކުރާ ވަގުތުތައް އާއްމު ކުރާނެ ކަމަށެވެ. އަދި ބުރިޖާއި ލިންކް ރޯޑް ބޭނުން ކުރުމުގައި ގަވާއިދާއި ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުރަބޯ

    ދިވެހިރާއްޖޭގެ ރަންވޭއެއްގައި ރާއްޖޭންބޭރުގެ މަތިންދާބޯޓެއް ކުރިން އެންގުމަކާނުލާ ޖެއްސިޖެއްސުމަކީ ވަރަށްވެސް ނުރައްކައުތެރި ކަމެކެވެ. އެއީ އިންޑިއާއިން ގެންގުޅޭ މިދިވެހި ރާއްޖެހިފާ އަޅުވެތިކުރުމުގެ ޕްލޭން ގެ ބައެއް ކަމަށްވެސް ވެދާނެއެވެ. މަދަނީ ވައިގެ އުޅަނދަކަށް ފަސޭހަ އިން ޖެއްސިއްޖެއްޔާ، ޢަސްކަރީ ވައިގެ އުޅަނދަކަށް ޖައްސަން މާ ފަސޭހަވާނެތާ.