އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާޙިމް މުޙައްމަ ސާލިހު (އިބޫ) އަށް ރިޔާސީ އިންތިޚާބު ކާމިޔާބު ވެއްޖެނަމަ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިބި މުވައްޒަފުން ވަޒީފާއިން ވަކި ކުރާނެ ކަމަށް ބުނެ ބިރު ދައްކަމުންދާ ކަމަަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މިއަދު ޕީޕީއެމްގެ އޮފީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޚަލީލް ވިދާޅުވީ، އެމްޑީޕީއަށް ތާޢީދު ނެތްކަން އެނގުމާއިކު، ކުންފުނިތަކުގެ މުވައްޒިފުންނަށް ބިރު ދައްކަމުންދާ ކަމަށާއި އެގޮތަށް އެކަން ކުރަނީ އެޕާޓީއަށް ވޯޓް ލިބޭނެ ހަމައެކަނި ގޮތަކީ އެއީ ކަމަށް އެޕާޓީއިން ޤަބޫލުކުރާތީ ކަމަށެވެ. އަދި މިގޮތަށް ކިތަންމެ ބިރެއް ދެއްކިޔަސް ޕީޕީއެމްއާއި ސަރުކާރަށް ތާޢީދު ކުރާ ފަރާތްތަކުން ބިރުގަނެ ފަހަރަށް ނުޖެހޭނެ ކަމަށް ޚަލީލް ވިދާޅުވިއެވެ.

"އެގޮތަށް ތާއީދުކުރަމުން ގެންދާތީ އެމްޑީޕީ އަށް ވަރަށް އުނދަގޫވޭ. ތިމަންނަމެންނަށް ކުންފުނިތަކުގެ މުވައްޒަފުންގެ ފަރާތުން އެއްވެސް ތާއީދެއް ނެތޭ، އެހެންވީމަ މި މީހުންނަށް ބިރުދައްކައިގެން ނޫނިއްޔާ ތިމަންނަ މެނަށް ލިބޭނެ ވޯޓެއް ނެތޭ. ތިމަންނަމެން ވެރިކަމަށް އަތުވެއްޖެ ނަމަ ކަނޑާލާނަމޭ ކިޔައި ވާހަކަތައް ދައްކައިގެން ވޯޓު ލިބިދާނެ ކަމަށް ހީނުކުރާތި،" ޚަލީލް ވިދާޅުވި އެވެ.

ޚަލީލް އިތުރަށް ވިދާޅުވީ މިސަރުކާރަކީ ކުންފުނިތަކުގައި އުޅޭ މުވައްޒިފުންނަށް މަޖުބޫރުކޮށްގެން ކަންތައްތައް ކުރުވާ ސަރުކާރެއް ނޫން ކަމަށާއި ޚަލީލް ވިދާޅުވީ ކޮންމެ މީހަކީ ވެސް އެ މީހެއްގެ ސިޔާސީ ފިކުރުގައި ދެމިހުރެވޭނެ މީހެއް ކަމަށެވެ. އަދި ކުންފުނިތަކުގެ މުވައްޒަފުން ޕީޕީއެމްއަށް އަދި ރައީސް ޔާމީންއަށް ތާޢީދު ކުރައްވަނީ ކުންފުނިތަކަށް ބޮޑެތި ފައިދާ ލިބޭ ތަންތަނަށް ހަދައި މުވައްޒަފުންނަށް ރަނގަޅު ގޮތްތައް ރައީސް ޔާމީން ހަމަޖައްސަވާދެއްވާފައިވާތީ ކަމަށްވެސް ޚަލީލް ވިދާޅުވިއެވެ.

މީގެ އިތުރުން ޚަލީލް ވިދާޅުވީ އިންސާފުވެރި އިންތިޚާބެއް ބާއްވަން އިލެކްޝަންސް ކޮމިޝަނަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ޕީޕީއެމުން ދެމުން އަންނަ ކަމަށާއި ނަމަވެސް އިދިކޮޅަށް މިމަންޒަރު ނުފެންނަ ކަމަށެވެ. އަދި އެމްޑީޕީން އިންސާފްވެރި އިންތިޚާބަކަށް ހިޔަނި އެޅޭ ގޮތަށް މަސައްކަތް ކުރައްވާކަމަށް ޚަލީލް ވިދާޅުވިއެވެ. އަދި މިމަސައްކަތް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލާ ކަމަށްވެސް ޚަލީލް ވިދާޅުވިއެވެ. އަދި ޕީޕީއެމްގެ ކެންޕެއިނަށް ހުރަސްއެޅުމަށް އެމްޑީޕީއިން ކުރަމުންދާ ކަންތައްތައްވެސް ޚަލީލްވަނީ ކުށްވެރި ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަރިޔަމް

    ތިއައީ ވަރަށް ބޮޑު ތެދު ފުޅެއް....ސަރުކާރުން ފައިލްވަނީ

  2. މަރިޔަމް

    ހުސްދޮގު ... ޕީޕީއެމް އިން ދަނީ ސަރުކާރު މުވައްޒަފުންނަށް ބިރު ދައްކަމުން