މި އަހަރު ރާއްޖެ ޒިޔާރަތްކުރި އެއް މިލިއަން ވަނަ ޓޫރިސްޓަކަށް ތުރުކީ ވިލާތުގެ ފިރިހެނަކު ހޮވިއްޖެ އެވެ.

ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މިލިއަން ހުރަސްކޮށް ދާން ފެށި ފަހުން ކޮންމެ އަހަރަކު ވެސް އެއް މިލިއަން ވަނަ ޓޫރިސްޓް ކަނޑައަޅަން ހާއްސަ ހަފުލާއެއް އެއާޕޯޓްގައި ބާއްވައެވެ. އެގޮތުން މިއަދު ވެސް ވަނީ ތުރުކީގެ އެ މީހާއާއި އޭނާގެ އަންހެނުންނަށް އެމްއެމްޕީއާރުސީގެ ފަރާތުން ހާއްސަ މަރުހަބާއެއް ކިޔާފައެވެ.

ރާއްޖެ ޒިޔާރަތް ކުރި އެއްމިލިއަން ވަނަ ފަތުރުވެރިޔާއަކީ ތުރުކީގެ އިސްތަންބޫލަށް ނިސްބަތްވާ ކޮރަލަޕް ގުނާ ނަމަކަށް ކިޔާ ފިރިހެނެކެވެ. އަދި އޭނާ ރާއްޖެ އައީ މީގެ ދެދުވަސް ކުރިން އޭނާ ކައިވެނި ކުރި އިސްތަންބޫލަށް އުފަން އެޒްގީ ގާލިރިލީ ގޮވައިގެންނެވެ.

މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔަނީ - ވަގުތު އިމޭޖްސް: އަމީން ފަހުމީ

ކައިވެންޏަށް ދެ ދުވަސް ފަހުން ހަނީމޫން ހޭދަކޮށްލުމަށް ރާއްޖޭގެ މީރު އައިލެންޑް ރިސޯޓަށް އައި މި ދެމެފިރިންނަށް ރާއްޖޭގެ ފަސްގަނޑުގައި ފައިތިލަ ބީއްސާލުމާއި އެކު ލިބުނީ މީގެ ކުރިން އެ ދެމެފިރިންނަށް ދުވަހަކުވެސް ލިބިފައިނުވާ ވަރުގެ ބޮޑު ސަޕްރައިޒެކެވެ.

މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔަނީ - ވަގުތު އިމޭޖްސް: އަމީން ފަހުމީ

އެކި ވައްތަރުގެ މާމެލާމެލިން ޒަރީކޮށްފައިވާ މާބޮޑިތަކާއި ބޮޑުބެރުގެ އަޑުން އެއަޕޯޓު ގުގުމާލައިފައިވާއިރު އެ ދެމެފިރިންނަށް މަރުހަބާ ކިޔުމަށް އެއަޕޯޓުގެ އިސްވެރިންނާއި އެމްއެމްޕީއާރްސީގެ އިސްވެރިން ވަނީ އެތަނަށް ޖަމާވެފައެވެ.

އެއްމިލިއަން ވަނަ ފަތުރުވެރިޔާ މީޑިއާތަކަށް ދިން އިންޓަވިޔުއެއްގައި ބުނީ މިއީ އޭނާވެސް އަދި އޭނާގެ އަންހެނުންވެސް ރާއްޖެ ޒިޔާރަތް ކުރި ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިއަދު ލިބުނު ސަޕްރައިޒްގެ ސަބަބުން ރާއްޖެއަށް ހާއްސަަ ލޯތްބެއް ޖެހިއްޖެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ރާއްޖެއަށް ޒިޔާރަތް ކުރި އެއް މިލިއަން ވަނަ ޓޫރިސްޓަށް ދިވެހި ރާއްޖެއިން މިއަދު މަރުހަބާ ކިޔުމުގެ ގޮތުން އެމްއޭސީއެލްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖްސް: އަމީން ފަހުމީ

"މިއީ މީހަކަށް ލިބޭނެ އެންމެ ރަނގަޅު ހަނީމޫން. މީގެ ދެދުވަސްކުރިން ކައިވެނިކޮށްގެން ހަނީމޫން ހޭދަކޮށްލުމަށް ރާއްޖެ އައިއިރު ނޭނގެ މިހާ ބޮޑު ސަޕްރައިޒްއެއް ލިބޭނެ ކަމަކަށް. ވަރަށް އުފާވޭ މިކަހަލަ ސަޕްރައިޒް އެއް ލިބުނީމަ. ރާއްޖޭގެ ރައްޔިތުންގެ ފަރާތުން އަހަންނަށް ފެނުނީ އޯގާތެރިކަމާއި ހިތްހެޔޮކަން. އަދި މިއީ ގަބޫލު ކުރަން ދަތި ސަޕްރައިޒްއެއް. ހީވަނީ ފިލްމެއްގައި އުޅެވޭހެން. އަދި މިއަދުގެ ސަޕްރައިޒްގެ ސަބަބުން ދެން ރާއްޖެ ގިނައިން އަންނާނަން." ކޮރަލަޕް ބުނެފައިވެއެވެ

ކޮރަލަޕްގެ ދެމަފިރިންނަށް ވަނީ އެތަކެއް ހަދިޔާތަކެއްވެސް ލިބިފައެވެ. އެގޮތުން ލިބުނު ހާއްސަ ހަދިޔާތަކުގެ ތެރޭގައި މޫވެންޕިކުން ދިން ޗުއްޓީ ޕެކޭޖަކާއި ޓީއެމްއޭ އިން ދިން ދަތުރެއްގެ އިތުރުން ދިރާގުގެ 100 ޖީބީގެ ޑޭޓާ ޕެކޭޖެއް ވެސް ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހައި

    ކިތަންމެ ވަރަކަށް އަޔަސް ތީކީ އަބަދު ލިބޭ ކަހަލަ ހަދިޔާއެއް ނޫނޭ

  2. ނާއި

    ހިތްހެޔޮކަމަކީ ހާދަ ބޮޑު ހަދިޔާއެކޭ. އެ ބޭނުންވެގެންނޭ ދެން އަންނާނީ. ބޮޑު މުދާ ގަނޑެއްގެ ބޭނުމުގައި ނޫން އެމީހުންގެ ބަހުން ދޭހަވޭ.

  3. ޥަގު

    ރިސީވް ކުރަން މީހުންގެންގޮއްސަ އެތިބީ މަގުމަތިންތަ؟

  4. ޥަގުތ

    ރިސީވް ކުރަން މީހުންގެންގޮއްސަ އެތިބީ ގަދަކަމުންތަ؟

  5. ކަރިންބެ

    ދެން އަބަދު އަބަދު މިތަނަށް އަޔަކަސް ސަޕްރައިޒެއް ނުލިބޭނެ އިނގޭ