އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ހަފްތާތެރޭގައި ޔޫރަޕިއަން ޔޫނިއަން އަދި ކެނެޑާ ފަދަ ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ ދަގަނޑުން ޓެރިފްއެއް ނެގުމަށް ގަސްތުކުރައްވާކަމަށް ދެންނެވުމާއިއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ޑޮނަލްޑް ޓްރަމްޕްގެ މި ނިންމެވުމަށް ފާޑުކިޔައި، މިގޮތަށް އަމަލުނުކުރެއްވުމަށް ގޮވާލައިފައެވެ.

މީގެ ތެރޭގައި އެމެރިކާގެ އެންމެ ގާތް އަދި އެކުވެރި ގައުމުތައްވެސް ހިމެނޭއިރު ޑޮނަލްޑް ޓްރަމްޕް ވަނީ އޭގެ ފަހުން ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުން އެތެރެކުރާ ކާރުތަކަށްވެސް ޓެކްސްއެއް ނެންގެވުމަށް ގަސްތުކުރާކަމަށް ބުނެފައެވެ. މިއާއިއެކު ބައެއް ތަޖުރިބާކާރުން ވަނީ ޓްރަމްޕްގެ މި އަމަލުފުޅުތަކުން ދުނިޔެ ވިޔަފާރީގެ ހަނގުރާމައަކަށް ވެއްޓުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ސިފަކުރައްވަން ފަށައިފައެވެ. މިކަމަށް ޓްރަމްޕް ދެއްވި ރައްދަކީ ވިޔަފާރީގެ ހަނގުރާމައަކީ ތަޖުރިބާކާރުންގެ ލަފާއާއި އިދިކޮޅަށް ރަނގަޅު އެއްޗެއްކަމަށާއި އަދި އެމެރިކާއަށް މިފަދަ ކޮންމެ ހަނގުރާމައެއްވެސް ކާމިޔާބުކުރެވޭނޭކަމެވެ.

ޑޮނަލްޑް ޓްރަމްޕްގެ މި އިއުލާންތަކާއިއެކު އީޔޫ އަދި އެމެރިކާގެ ގާތް ގައުމުތަކުންވެސް ވަނީ މިއީ އެއްވެސް އިންސާފެއް ނެތް ގޮތުގައި ނެގިގެންދާ ޓެރިފްތަކެއްކަމަށް ބުނެ އެމެރިކާއާއި ދެކޮޅަށްވެސް މިފަދަ ޓެރިފްތަކެއް ރައްދުގައި އަޅާނޭކަމުގެ އިންޒާރު ދީފައެވެ. ދެން އިވިގެން މިދިޔަ ހަބަރަކީ ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި ސްވިޑެންގެ ރައީސްއާއި ބައްދަލުކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އެޅުމަށް ގަސްތުކުރެއްވި ޓެރިފްތަކާއި ޓެކްސްތައް އަޅާނީ ވަރަށް 'ލޯބިން' ކަމަށް ބުނުއްވި ހަބަރެވެ.

ކޮންމެ ގޮތަކަށްވިޔަސް ޑޮނަލްޑް ޓްރަމްޕް އަކީ އާދަޔާޙިލާފް ރައީސްއެކެވެ. މިފަދަ ބަސްތަކުގެ އިތުރު ތަފްސީލު ގިނަ ފަހަރަށް ޓްރަމްޕް ދެއްވަނީ ޓްވިޓާ މެދުވެރިކޮށް ނުވަތަ ސަރުކާރުގެ އެހެން އިސް އޮފިޝަލެއް މެދުވެރިކޮށެވެ. މިހާރު މުޅި ދުނިޔެވެސް އޮތީ ޓްރަމްޕް 'ލޯތްބާއި' އެކު ޓެކްސް ނަންގަވާނީ ކިހިނެތްތޯ ބަލަންށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބެ

    މިގޮތަށް ބަސް ވިދާޅުވާ ބޭފުޅަކު މިގައުގަވެސް ވެރިކަން ކުރެއްވި.

  2. އަހަނދޭ

    ނިއުކްލިއަރ އައްޕަ ކަންޓްރީ