ޔޫރޯ 2020 ގެ ގުރުނެގުމުގެ ރަސްމިއްޔާތުގައި ގިނަބަޔަކު އަޅައިގަތީ ގްރޫޕް އެފް އަށެވެ. އެއީ ސަބަބެއް ނެތިއެއް ނޫނެވެ. ދުނިޔޭގެ ފުޓުބޯޅައިގެ ގަދަ ތިން ބާރެއް އެއް ގްރޫޕެއްގައި ހިމެނުމަކީ ތޯތޯ ކަމަކަށް ނުވާތީއެވެ. އަދި މިއިން ކޮންމެވެސް އެެއް ޓީމެއް ކާމިޔާބުކުރާނެ ކަމުގެ ފޮނި ހުވަފެންތަކެއް ކުރި މީހުންވެސް މަދެއް ނޫނެވެ.

މުބާރާތުގެ ގްރޫޕް އެފްގައި ހިމެނުނު ޓީމުތަކަކީ އެންމެފަހުގެ ވޯލްޑްކަޕް ޗެމްޕިއަން ފްރާންސް އާއި އެންމެފަހުގެ 2016 ގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަން ޕޯޗުގަލްގެ އިތުރުން ވޯލްޑްކަޕް އަދި ޔޫރޯގައި ވަރުގަދަ ތާރީހެއް އޮތް ޖަރުމަނުވިލާތުގެ އިތުރުން ފުޓުބޯޅައިގެ ކުރީގެ ގަދަބާރު ހަންގޭރީ އެވެ.

ޔޫރޯ 2020 ގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން ޖަރުމަނު، ޕޯޗުގަލް އަދި ފްރާންސްގެ ކޯޗު މުބާރާތުގެ ތައްޓާއެކު

ގްރޫޕް ސްޓޭޖުގައި މި ޓީމުތަކުގެ ނަތީޖާތަކަށް ބަލާއިރު މި ހަތަރު ޓީމުގެ ކުޅުންވެސް ފެނުުނީ ވާދަވެރިކޮށެވެ. މުބާރާތުގެ އެހެން ގްރޫޕުތަކުގެ ޓީމުތައް ގްރޫޕް ސްޓޭޖުގައި ބާކީ އެއް މެޗު ބާކީ އޮއްވާ ވަނީ ދެވަނަބުރު ކަށަވަރުކޮށްފައެވެ. މަރުގެ ގްރޫޕުގެ މެޗުތަކުން ދެވަނަބުރު ކަށަވަރުވީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކަށްފަހު އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުން ދެވަނަބުރު ތިން ޓީމެއް ކަށަވަރުކުރި އެވެ. އެއީ އެއްވަނައިގައި ފަސް ޕޮއިންޓާއެކު ފްރާންސް އާއި ހަތަރު ޕޮއިންޓާއެކު ދެވަނައިގައި އޮތް ޖަރުމަނާއި ހަމަ މިއަދަދަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ތިންވަނައިގައި އޮތް ޕޯޗުގަލް އެވެ. ޕޯޗުގަލް ތިންވަނަ ޓީމާއެކު ދެވަނަބުރަށް ދިޔައީ ހުރިހާ ގްރޫޕަކުން ތިންވަނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރުނު ހަތަރު ޓީމުގެ ތެރޭގައި ހިމެނިގެންނެވެ.

ހަންގޭރީ މި ގްރޫޕުގެ ފުލުގައި އޮތް ނަމަވެސް އެ ޓީމު ވަނީ ވަރުގަދަ ބާރުތައް ސިއްސުވާލާފައެވެ. ހަންގޭރީ ކުޅުނު ފުރަތަމަ މެޗުގައި ޕޯޗުގަލް އަތުން 3-0 އިން ބަލިވި ނަމަވެސް ދެވަނަ މެޗުގައި ވަނީ ފްރާންސް އާއި 1-1 އިން އެއްވަރުކޮށްފައެވެ. އަދި ތިންވަނަ މެޗުގައި ޖަރުމަނާއި 2-2 އިން އެއްވަރުކޮށްފައެވެ. ގްރޫޕުގެ ފަހު މެޗުތަކަށް ބަލާއިރު ހަންގޭރީ ދެވަނަބުރަށް ނުގޮސް އޮތީ ކިރިޔަ ކިރިޔާއެވެ.

ބެލްޖިއަމް އަތުން ޕޯޗުގަލް ކެޓުމުން ރޮނާލްޑޯ މާޔޫވެފައި

މުބާރާތުގެ ދެވަނަބުރު ނިމުނުއިރު ކަން ވެގެންދިޔައީ މި ގްރޫޕަށް ބޮޑެތި އުއްމީދުތަކެއް ކުރި މީހުންނަށް ހިތާމަވެރި ގޮތަކަށެވެ. ނުވަތަ މޮޅިވެރި ގޮތަކަށެވެ. މިއިން ކޮންމެވެސް އެއް ޓީމެއް މުބާރާތް ކާމިޔާބުކުރާނެ ކަމަށް ބުނި މީހުންގެ ވާހަކަތައް ދިމާނުވި ތަނެވެ.

އެންމެފަހުގެ ޔޫރޯ ޗެމްޕިއަން ޕޯޗުގަލް ބަލިވީ މި މުބާރާތުގެ އެއް ފެވަރިޓް ކަމަށްވާ ބެލްޖިއަމް އަތުން 1-0 އިން ބަލިވެގެންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ތިން މިނެޓުކުރިން ބެލްޖިއަމްގެ ތޯގަން ހަޒާޑް ޖެހި ގޯލުން ޕޯޗުގަލް މުބާރާތުން ކަޓުވާލިއިރު އެންމެ ހިތްދަތިކޮށް މި ގްރޫޕުން މުބާރާތާއި އަލްވަދާއު ކީ ދުނިޔޭގެ ޗެމްޕިއަން ފްރާންސެވެ.

ފްރާންސް ކެޓުމުން ކުޅުންތެރިން މާޔޫސްވެފައި

ފްރާންސް ބަލިވެފައިވަނީ މުބާރާތުގެ ދަށް ޓީމުތަކުގެ ގޮތުގައި ދެކެމުން އައި ސްވިޒަލޭންޑް އާއި ވާދަކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-3 އިން ނަތީޖާ ހަމަހަމަވުމުން ކުޅުނު އިތުރުވަގުތުގެ ދެ ހާފުގައި ވެސް ނަތީޖާ ނުނެރެވުމުން ޕެނަލްޓީ ޖަހައިގެންނެވެ. ބަރުހެލި ޑިފެންސްލައިނެއް އޮތް ފްރާންސް އިން ޕެނަލްޓީ ޝޫޓްއައުޓުގައި ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ނާކާާމިޔާބުވީ އެންމެ ފަހުން ޖެހި ޕެނަލްޓީއެވެ. ފްރާންސްގެ އުއްމީދީ ތަރި ކީލިއަން އެމްބާޕޭ ޖެހި އެ ޕެނަލްޓީ ސްވިޒަލޭންޑުގެ ކީޕަރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ދެން އޮތީ ޖަރުމަނުވިލާތެވެ. މި ދެ ޓީމު ކެޓުމާއެކު ޖަރުމަނުން މުބާރާތުގެ ތަށި ނަގާނެކަމަށް އުއްމީދުކުރި އެވެ. އިނގިރޭސި އަމިއްލަ ދަނޑުގައި މި މެޗު ކުޅުނުއިރު މިއީ އިނގިރޭސީންގެ ފަހަރު ކަމުގައި ބުނި މީހުންވެސް މަދެއް ނޫނެވެ. ކަން ދިމާވީ ޖަރުމަނުން އުއްމީދުކުރި ގޮތަކަށް ނޫނެވެ. ދެވަނަ ހާފުގައި ކާމިޔާބުކުރި ލަނޑުތަކާއެކު މުބާރާތުގެ ކުއާޓާފައިނަލަށް ދިޔައީ މިހާތަނަށް އެއްވެސް ޔޫރޯއެއް ކާމިޔާބުވެފައި ނުވާ އިންގްލޭންޑެވެ.

ދެން އޮތް ސުވާލަކީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާނީ ކޮން ޓީމަކުންތޯ އެވެ. ޔޫރަޕު އަދި ދުނިޔޭގެ ގަދަ ބާރުތަކުގެ ތެރެއިން ކުއާޓާފައިނަލަށް ހޮވިފައިތިބި ޓީމުތަކަކީ އިޓަލީ އާއި ސްޕެއިން އަދި އިންގްލޭންޑެވެ. އިޓަލީ ބައްދަލުކުރާނީ ބެލްޖިއަމް އާއެވެ. ސްވިޒަލޭންޑް ސްޕެއިންއާއި ބައްދަލުކުރާއިރު ޑެންމާކް ބައްދަލުކުރާނީ ޗެކް ރިޕަބްލިކް އާއެވެ. އަދި އިންގްލޭންޑް ބައްދަލުކުރާނީ ސްވިޑަން އާއި ޔޫކްރެއިންގެ ތެރެއިން މޮޅުވާ ޓީމަކާއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަސަނާ

    ދުނިޔޭގެ ގަދަ ބާރުތަކުގެ ތެރެއިން ކްއާޓަރ ފައިނަލަށް ހޮވިފައި ތިބި ޓީމުތަކަކީ އިޓަލީއާއި ސްޕެއިނާއި އިންގްލެންޑް ކަމަށް ލިޔެފައި އޮތްއިރު، މިހާރު ދުނިޔޭގެ ރޭންކިންގގެ 1 ވަނައިގައި އޮތީ ބެލްޖިއަމް. ދުނިޔޭގެ ރޭންކިންގގައި އެއަށްވުރެ ދަށުގައި ހުރި ޓީމުތައް ދުނިޔޭގެ ގަދަ ބާރުތަކަށްވީއިރު 1 ވަނައިގައި އޮތް ޓީމު ނުވޭދޯ ގަދަ ބާރަކަށް؟

    16
    2
  2. ބާބޫ

    މިހާރު ފުޓްބޯޅަ އަކީ ދޮޅަހަކަށް ޤައުމުން ޑޮމިނޭޓް އެއްޗަކަށް އޮތް އުޞޫލު މާޒީވެއްޖެ.

    9
    1