ފުލުހުން ތަހުޤީޤުކުރަމުންދާ ރިޝްވަތުގެ މައްސަލައަކާއި ގުޅިގެން މިހާރު ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު، އަބްދުﷲ ސަޢީދު މިހާރުން މިހާރަށް ދޫކޮށްލުމަށް އިދިކޮޅު އެމްޑީޕީން ގޮވާލައިފިއެވެ.

މިކަން ހާމަކޮށް އެމްޑީޕީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޯޓުގެ ހުރުމަށް ކަނޑާލުމަށްފަހު އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށްފައިވަނި ޤަވާއިދާ ޚިލާފަށް ކަމަށާއި، އެމަނިކުފާނަށް ސިޔާސީ ދަޢުވާ ކުރުމަށްޓަކައި ބަންދުކޮށްގެން ފުލުހުންނާއި ސިފައިންގެ އެހީތެރިކަމާއެކު ދައުލަތުގެ އެއްބާރުން އަނެއްބާރުގެ މައްޗަށް ވެރިވެގަންނަމުންދާތީ އެ ޕާޓީން ކަންބޮޑުވާ ކަމަށެވެ.

އަދި ތަހުޤީޤު ކުރުމުގެ ނަމުގައި ފުލުހުން ހިންގަމުންދާ "ޖަރީމާ" މިހާރުން މިހާރަށް ހުއްޓާލައި، އުއްތަމަ ފަނޑިޔާރު މިހާރުން މިހާރަށް މިނިވަންކުރުމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.

އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށްފައިވަނީ، ފަނަރަ ދުވަހަށް ރާއްޖޭގައި ކުއްލި ޙާލަތު އިއުލާންކޮށްފައި ވަނިކޮށް މިދިޔަ ހޯމަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ސުޕްރީމް ކޯޓުތެރޭގައި ހުންނަވަނިކޮށެވެ. އުއްތަމަ ފަނޑިޔާރު ހައްޔަރު ކުރުމާއި ގުޅިގެން ފުލުހުން ވިދާޅުވެފައި ވަނީ، އެމަނިކުފާނު ހައްޔަރުކުރީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށްފަހު ޝަރުއީ ޙުކުމްތައް ވަކިގޮތަކަށް ކުރުމުގެ ތުހުމަތުގައި ކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް ވަނީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް، ޤާނޫނާއި ޚިލާފަށް ބަދަލު ކުރުން އުޅުމާއި، ދަޢުލަތް ހިންގުމަށް ހުރަސްއަޅައި ޖިނާޢީ އަދުލުގެ ނިޒާމް ހިންގުމަށް ހުރަސްއެޅުމުގެ ތުހުމަތުވެސް ކޮށްފައެވެ.

އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށްފައި ވަނީ މިމަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ކުއްލި ގޮތަކަށް "އާދަޔާއި ޚިލާފު" އަމުރެއް ނެރެފައި ވަނިކޮށެވެ. އެ އަމުރުގައި ޖަލު ޙުކުމް ތަންފީޒު ކުރަމުންދާ ޤައިދީންތަކެއް ވަގުތުން މިނިވަން ކުރުމަށް އަންގާފައިވާއިރު، ޤައުމުގެ ހަމަޖެހުމަށް ހުރަސް އެޅޭ އެތައް ކަމެއް އަމުރާއި ގުޅިފައި ވެއެވެ.

މި އަމުރު ނެރުމުގެ ކުރިންވެސް އެފަދަ އަމުރެއް ކުރަން އުޅޭކަމުގެ އިޝާރާތްތަކެއް އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔައިރު، މިއީ ރިޝްވަތުގެ ނުބައި ރޭވުމެއްގެ ތެރެއިން ހިންގާފައިވާ ހީލަތްތެރި ޖަރީމާއެއް ކަމަށް ގިނަ ބަޔަކު ބުނަމުންދިޔައެވެ.

ސުޕްރީމް ކޯޓުގެ އަމުރަށްފަހު، އިދިކޮޅު ފަރާތްތަކުން ވަނީ ދަނޑިވަޅުގެ ބޭނުން ހިފައިގެން އަމުރު ތަންފީޒު ކުރުމަށް ގޮވާލާ ކަމަށް ބުނެ، ޤައުމުގެ ސިޔާސީ މަސްރަހު ހަލަބޮލިކޮށް މާލެ ތެރޭގައި ހަމަނުޖެހުން ހިންގާފައެވެ. އަދި ބަޣާވާތެއް ހިންގައި އެރޭ ވެރިކަން ވައްޓާލުމަށް އެފަރާތްތަކުން މަސައްކަތް ކޮށްފައިވާއިރު އެކަން ވަނީ ނާކާމިޔާބުވެފައެވެ.

ރިޝްވަތުގެ ތުހުމަތު ކުރެވޭ އުއްތަމަ ފަނޑިޔާރު ވަގުތުން ދޫކޮށްލުމަށް އިދިކޮޅު އެމްޑީޕީން ގޮވާލިއިރު، އެމަނިކުފާނުގެ އެކައުންޓަކަށް ގިނަ ޢަދަދެއްގެ ފައިސާތަކެއް ކޯޓުގެ އަމުރު ނެރެފައި ވަނިކޮށް ޖަމާކޮށްފައިވާކަމުގެ ހެކި ލިބިފައިވާ ކަމަށް މެލޭޝިއާގެ އިންޓެލިޖެންސާއި ޙަވާލާދީ ބައެއް ބޭރުގެ ޚަބަރުތަކުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސަލީމް

    ފުރަތަމަ އެމްޑީޕީގަ އަހާބަލަ 15މިލިއަން ޑޮލަރ ގެ ވާހަކަ..

  2. ނޭފަރޭ

    އައްޑޫ ބާޣީބެއްޔާ ދޫކޮއްލަން ރީނދޫ ބަޣާވަތު ޕާޓީން ގޮވާލިޔަސް ޗަކަމެއް ނުވާނެއޭ. އަދި ޗަގޮވާލުމުން އިތުރަށް ސާފުވެގެންދަނީ މިނުބައި ޖަރީމާ ހިންގީ ރީނދޫ ބަޣާވަތު ޕާޓީން ކަމެވެ. އެހެންކަމުން އައްޑޫ ބާޣީބެއްޔާ ދޫކުރުމަށްވުރެ ޗަ ޕާޓީ އުވާލާ ޗަ ބައިގަނޑު ހާވިޔާ ކޮއްލާ ޗަބައިގަނޑުގެ އިސްމީހުން ޖަލަށް ގަޅާލުން މާ އައުލާކަން ބޮޑޭ....!!!

  3. ނުރަބޯ

    އެއޮއް ދޫކޮށްލީ..!! މިހާރު އެއިނީ ސުޕްރީމްކޯޓުގައި ބާޣީ އަމުރު ހިންގަން. ބަލަ މިތިބަ ރީނދޫ ބާޣީން ތަކާ. ކަލޯމެން ކިތއްމެވަރަކަށް ފެލި އެރުވިޔަސް ބާޣީ ގޫބައްޑާ އިންޝާﷲ ދުލެއް ނުކުރާނެ. އެއީ ދިގު މުއްދަތަކަށް ޖަލަށް ގަޅާލަން ޖެހޭ ޣައްދާރެއް.

  4. ދޮންބެ

    ޢެންޑީ ޕީ ގޮވާނުލާގެން މިތިބީ ތިކަމާ ދެން އުޅެންވީ

  5. Anonymous

    އެމީހުން އެންގޮވާނެނޫންތޯ؟ ހާދަ ފައިސާއެކޭ! ބޭނުންގޮތް ނުވީމާ ދެރަވަނެދޯ؟