މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ އެވެ. ޝިނާން ފުލުންނާ ހަވާލުވެފައި މިވަނީ އިލްހާމް އާއި ސިނާން ހޯދަން މިއަދު ފުލުހުން އިއުލާންކޮށްފައި ވަނިކޮށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޝިނާން ފުލުހުންނާއި ހަވާލުވީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.

ސިނާން ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރެއް ނެރެފައިވާއިރު އެ އަމުރުގައި ބުނެފައި ވަނީ ސިނާން ހައްޔަރު ކުރަނީ، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު މަޖިލީހުގެ ތެރެއިން ވައްޓާލުމަށް ޓަކައި ރިޝްވަތުގެ ގޮތުގައި ފައިސާ ހިފައި ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލުމަށް ރޭވުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމަށެވެ. އަދި ޝިނާން ހައްޔަރު ނުކޮށް ބަހައްޓައިފި ނަމަ ހެއްކަށް ނުފޫޒު ފޯރުވާފާނެ ކަމަށްވެސް އެ އަމުރުގައި ވެއެވެ.

ފުލުހުން ވަނީ މީގެ ކުރިންވެސް ސިނާން ހައްޔަރުކޮށްފައެވެ. ސިނާން އާއި އިލްހާމް، ރާއްޖެއިން ބޭރުގައި ތިއްބަވާފައި ރާއްޖެ ވަޑައިގަތް ތަނުން އެއާޕޯޓުން ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް މުއްދަތު ޖަހަން ކޯޓަށް ގެންދިޔުމުން އެ ދެބޭފުޅުން ވެސް ވަނީ ދޫކޮށްލާފައެވެ. އެފަހަރުވެސް ސިނާން ހައްޔަރުކުރެވުނު ސަބަބެއްކަމުގައި ފުލުހުން ބުނެފައިވަނީ ފާރިޝް މައުމޫންގެ މަށްޗަށް ކުރެވޭ ރިޝްވަތުގެ ތުހުމަތާއި ގުޅޭ ސުވާލުތަކެއް ކުރުމަށް ކަމުގައެވެ.