ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް – ވަގުތު އިމޭޖްސް

ފުލުހުންގެ ހައްޔަރުގައި މިވަގުތު ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ބައްދަލުކުރުމުގެ ފުރުސަތު އެމަނިކުފާނުގެ ވަކީލުންނަށް އޮންނާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވެއްޖެއެވެ.

ކަރެކްޝަންސް އިން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫންގެ ވަކީލުންނަށް އެމަނިކުފާނަށް ފޯނުން ގުޅުއްވުމުގެ ފުރުސަތާއި އަދި ރައީސް މައުމޫންގެ އަރިހަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.

އަދި މާފުށީ ޖަލުގެ ސަލާމަތީ ކަންކަން މުޅިން ހަމަޔަކަށް އެޅުނުހާ އަވަހަކަށް އާއިލާ މެމްބަރުންނަށް ވެސް ރައީސް މައުމޫން އަށް ޒިޔާރަތް ކުރެއްވޭނެ ކަމަށާއި ރައީސް މައުމޫންގެ ހާލުކޮޅު ރަނގަޅު ކަމަށްވެސް ކަރެކްޝަންސް އިން ވިދާޅުވިއެވެ.

ކަރެކްޝަންސް އިން މިހެން ވިދާޅުވެފައިވާއިރު ރައީސް މައުމޫންގެ ވަކީލު މައުމޫން ހަމީދު މިއަދު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނިކޮށް އާއިިލާ އާއި އަދި ޤާނޫނީ ވަކީލުންނާއި ވެސް ރައީސް މައުމޫން އާއި ބައްދަލު ނުކުރެވޭނެ ކަން ކަރެކްޝަންސް އިން އަންގާފައިވާ ކަމަށެވެ.

ރައީސް މައުމޫން ހައްޔަރު ކުރުމަށް ފަހު ފުރަތަމަ ބެހެއްޓެވީ ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫގައެވެ. ނަމަވެސް މިހާރު އެމަނިކުފާނު ވަނީ މާފުށީ ޖަލަށް ބަދަލުކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މައުމޫން މިހާރު ހުންނެވީ ރައީސް ނަޝީދަށް ހާއްސަކޮށްގެން މާފުށީ ޖަލުގައި ތައްޔާރުކުރި އެޕާޓްމަންޓްގައެވެ. އެއީ ކަރެކްޝަނަލް ސާވިސް އިން ބަލަހައްޓަމުން އަންނަ ތަނެކެވެ.

މިމަހުގެ ފަސްވަނަ ދުވަހު ރައީސް މައުމޫން ހައްޔަރު ކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް، ރިޝްވަތު ދީ ޤާނޫނާއި ޚިލާފަށް ވެރިކަން ވައްޓާލުމަށް މަސައްކަތްކުރުމާއި ފަނޑިޔާރުންގެ މަސައްކަތައް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ޙުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތު ގޮތުގައި ފައިސާ ދިނުމާއި ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި، ސަރުކާރާއި ދެކޮޅަށް ސަލާމަތީ ބާރުތައް ނިކުތުމަށް ހިތްވަރުދީ، އެކަމަށް ރޭވުންތައް ރޭވުމުގެ ތުހުމަތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަގާވައްކުރިއަސް 30އަހަރުގެ ވެރިމީހާ އައް ގެއްލުމެއްނުދޭތި ރައީސް ޔާމިންގެ ތިމާގެ ފަރާތެއް މިކަން މިގޮތައްކޮއްފިނަމަ ރައްޔިތުންގެލޯބި ޔާމިން 2018 ކާމިޔާބް ކުރުމައް100% ލިބޭނެ ސާބަހޭ ރައީސް ޔާމިން

  2. މޮޅު އުސްތާޒަށް ވަކީލުންވެސް ބޭނުންވޭތަ!؟

  3. އޮންނާނެ... އެކަން އެނގޭތީ ނޫންތޯ ވަކީލުން ވަޑައިގަންނަވަނީ ބައްދަލުކުރަން... އެކަމަކު ބައްދަލުވޭބާ؟؟؟